بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ފޮނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުންނާއި، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކީއްވެގެންކަން އަޅުގަނޑު އަޙްމަދު ތައުފީޤު، އަޅުގަނޑުގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ނެގީ. އަޅުގަނޑާ ބެހޭގޮތުން ވަރަށްހެޔޮ ބަސްތަކެއް އެބޭފުޅާ ވިދާޅުވެއްޖެ. އެއީ އެއްސަބަބު. އެކަމަކު އެއަށްވުރެ ބޮޑު ސަބަބަކީ، އަޙްމަދު ތައުފީޤަކީ، ސިޔާސީ ކަންކަމާ ދޭތެރޭގައި ވަރަށް ރަނގަޅަށް ޚިޔާލު ކުރައްވައި އަދި ރާއްޖޭގެ އެކިއެކި ދިމަދިމާލުގައި މަސައްކަތް ކުރައްވައި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ދެންމެ ދެއްކެވި ވާހަކަފުޅުން އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި ތިބި ހުރިހާ ތަޖްރިބާކާރުން، ތަޢުލީމީ ބޭފުޅުން، މި އެންމެން އެއް ޓީމަކަށްވެގެން މަސައްކަތް ކުރުން. ދިވެހިރާއްޖެއަކީ ބައިބައިވެގެން، ކިޔަވައިގެން ތިބި މީހުން އެކިބައިބަޔަށް ބެހިގެން، ތަޖްރިބާ ހުރި މީހުން އެކިބައިބަޔަށް ބެހިގެން، މި ޤައުމު ކުރިއަށް ގެންދެވޭ ވަރަށްވުރެ، މާ ކުޑަކުޑަ ތަނެއް.

މިއަދު ރާއްޖޭގައި މިއޮތީ ތެދެއް، ސިޔާސީ ޕާޓީތަކުގެ ނިޒާމެއް ޤާއިމް ކުރެވިފައި. އެހެން ނަމަވެސް، ވެރިކަން ކުރުމުގައި، ކޮންމެ ޕާޓީއެއް ވެރިކަމަށް އައިނަމަވެސް، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އެބަ މަސައްކަތް ކުރަންޖެހޭ، އެހެން ޕާޓީތަކުގެ ބޭފުޅުންނާ އެކީގައިވެސް މަސައްކަތް ކުރަން. ހުރިހާ އެންމެންގެ ތެރެއިން، ކަމަށް އެންމެ ޤާބިލް، ކަމަށް އެންމެ އެކަށޭނަ ބޭފުޅުން ނަންގަވައިގެން، ޤައުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، މި ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހު މަސައްކަތް ކުރާނީ އެގޮތަށް. ކަންދިމާވި ގޮތުން، މި ޓީމް މަސައްކަތް ކުރަން އޮތީ، ވަރަށް ކުރު މުއްދަތެއް. އެހެން ނަމަވެސް، މި ކުރު މުއްދަތުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނަތީޖާ ނެރެދޭން މަސައްކަތް ކުރާނަން.

ދިވެހިރާއްޖެއާ ދޭތެރޭގައި ޚިޔާލުކޮށްލާއިރުގައި، އަޅުގަނޑުމެންގެ މި ލޮބުވެތި ރާއްޖެއަކީ، ދުނިޔޭގެ އެހެން ހުރިހާ ތަންތަނަށްވުރެން ނަޞީބުގަދަ ޤައުމެއް. މި ރާއްޖެއަކީ އިޤްތިޞާދީ ގޮތުން ބެލިކަމުގައިވި ނަމަވެސް، ރާއްޖޭގެ ރައުސްމާލު. ރާއްޖޭގެ އާބާދީއާ އަޅާބަލާއިރުގައި، އެ ނިސްބަތުން ވަރަށްބޮޑު ރައުސްމާލެއް އޮތް ޤައުމެއް. މި ޤައުމުގެ އެންމެބޮޑު އެއް ރައުސްމާލަކީ، މި ޤައުމުގެ ޤުދްރަތީ ރީތިކަން. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނުފެންނަފަދަ ރީތި ޤުދްރަތީ ސިފަތަކެއް އެކުލެވިފައިވާ ޤައުމެއްގައި އަޅުގަނޑުމެން މިއުޅެނީ. މި ރާއްޖޭގެ ރީތި ރަށްތަކާއި، ވިލުތަކާއި، ފަރުތަކާ، މިތަންތަނަކީ މިއީ އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިޢުމަތެއް. އަދި ހަމައެއާއެކީގައި، އެނގިވަޑައިގަންނަވާނެ ތިޔަބޭފުޅުންނަށްވެސް، ދިވެހިރާއްޖޭގެ އާބާދީ، ކުޑަ އާބާދީއަކަސްވެސް، ދިވެހިރާއްޖޭގެ އާބާދީއަކީ ވަރަށް ތަހުޒީބު، ވަރަށް ރަނގަޅު އަޚްލާޤެއްގެ، ވަރަށް ރަނގަޅު ދިރިއުޅުމެއް އުޅޭ، ހަމަޖެހޭ އާބާދީއެއް. ކިތަންމެ ކުޑަކުޑަ ރަށެއްގައި ނަމަވެސް، އެރަށެއްގައި އުޅޭ އާބާދީއެއް އުޅެނީ ހަމަޖެހިގެން. އަޅުގަނޑުމެންގައި ހުރި ރަނގަޅު އަޚްލާޤީ ސިފަތައް، އަޅުގަނޑުމެންގެ ސާފުތާހިރުކަން، އަޅުގަނޑުމެންގެ ރަށްރަށަށް އަރާ ބިދޭސީން ފާހަގަކުރޭ. ދިވެހިރާއްޖެއަކީ ޒަމާނުއްސުރެވެސް އެންމެ ސާފުތާހިރު އެއްތަނެއްގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފައި.

އާދެ! މިދެންނެވި ކަންކަން މިހެން ހުރުމާ އެކުގައި، މި ރާއްޖެ ތަރައްޤީވެ، ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް އުޅުމަކީ އެއީކީ އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫން. މިއަދުވެސް ދިވެހިރާއްޖޭގެ އާބާދީގެ ބޮލަކަށް، މި އެތެރެވަރީގެ ހުރިހާ ޤައުމުތަކާ ނިސްބަތްކުރާއިރުވެސް، ޖެހޭވަރު ބޮޑު، އެހެން ހުރިހާ ޤައުމުތަކަށްވުރެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މިއަދުގެ ޙާލަތު އޮތީކީ މިދެންނެވި މުއްސަނދިކަމުގެ ފުރިހަމަ ފައިދާ ލިބޭގޮތަކަށް ނޫން. އަޅުގަނޑުމެންގެ އިޤްތިޞާދީ ރައުސްމާލު ކިތަންމެ ބޮޑަސް، އަޅުގަނޑުމެންގެ އިޖްތިމާޢީ ރައުސްމާލު ކިތަންމެ ބޮޑަސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޙާލަތު ހުރީކީ އެއްގޮތަކަށްވެސް މިދެންނެވި ކަންކަމުގެ ނަޞީބު އެންމެންނަށް ލިބޭގޮތަކަށް ނޫން. މިދަންނަވަން އުޅޭ އެއްޗަކީ، އަޅުގަނޑުމެންގެ އިޖްތިމާޢީ ރައުސްމާލުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި އޮންނަ ހަމަޖެހުމާއި، ޞުލްޙަވެރިކަމާއި، އެކަކު އަނެކަކަށް އަޅާލުމާ، މިކަންކަމަކީ އިޖްތިމާޢީ ރައުސްމާލުގެ ތެރޭގައި ހިމެނޭ ކަމެއް. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރެއަށް، އަޅުގަނޑުމެންނާ ބީރައްޓެހި ފިކުރުތަކެއް އައިސް، ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެންގޮތް ޤަބޫލުކުރާ ކޮންމެ މީހަކީ އެއީ ތިމާގެ ދުޝްމަނެއް ކަމުގައި ދެކޭކަހަލަ ފިކުރުތަކެއް، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަށަގަނެގެން ފެތުރެމުން އެބަދޭ. އޭގެ ސަބަބުން، ކުރިން މިދެންނެވި ޞުލްޙަމަސަލަސްކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާ، މިކަންކަން މިހިރަ ނިކަމެތިވަމުން މިދަނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހަމަނުޖެހުން އުފެދެމުން މިދަނީ. އޭގެ އަސަރު މިއަދު އަޅުގަނޑުމެންނަށް، ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން މިދަނީ. ރާއްޖޭގެ މުދާތަކަށް، ސަރުކާރުގެ މުދާތަކަށް، އެއްވެސް ވިސްނުމެއްނެތި ގެއްލުންދެމުންދާތަން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެހެން މިވަނީ މިދެންނެވި އިޖްތިމާޢީ ރައުސްމާލު ނިކަމެތިވެގެންދާތީ.

ދެންއޮތީ އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންކަން. އަޅުގަނޑުމެންގެ މި މުއްސަނދި ޤައުމު، ކުރިން ދެންނެވިހެން، މުއްސަނދިކަން ބިނާވެފައި މިއޮތީ، އަޅުގަނޑުމެންގެ ޤުދްރަތީ ރީތިކަމުގެ މައްޗަށް މިވަގުތު. މިކަން އަޅުގަނޑުމެންނަށް ވޭތުވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި، ވަކިގޮތަކަށް ރޭވިގެން، ބައްޓަން ކުރެވިގެން ތަރައްޤީ ކުރަމުން އައިސްފައި މިވަނީ. އޭގެފަހުގައިވެސް ދިވެހިރާއްޖެއިން ބޭރުގެ ދުނިޔެއަށް ވިއްކައިދޭ ފަތުރުވެރިކަމުގެ ޕްރޮޑަކްޓަކީ ވަކިގޮތަކަށް ބައްޓަންކުރެވި، ވަކިގޮތަކަށް ސިފަކުރެވި، ވިއްކެމުންދާ އެއްޗެއް. މިކަން މިހެން އޮއްވާ، ކުއްލިއަކަށް ރާއްޖޭގެ އެތައް ސަތޭކަ ފަޅުރަށެއް، ބޭނުން މީހަކަށް، ބޭނުން ކަމެއް ކުރަން ދޫކޮށްލެވިގެން ދިޔައިމާ، ރާއްޖޭގެ ފަތުރުވެރިކަމަށް މިއަދުވަނީ އެތައް ގޮންޖެހުންތަކަކާއި ނުރައްކާތެރިކަމަކާ ކުރިމަތިލާން ޖެހިފައި. ކިތަންމެ މުއްސަނދި ޤައުމެއް ނަމަވެސް، އެ ޤައުމެއްގެ ކަންކަން ރަނގަޅަށް މެނޭޖްކުރަން ނޭނގިއްޖިއްޔާ، ހަމަޖައްސަން ނޭނގިއްޖިއްޔާ، އެ މުއްސަނދި ކަމުގެ ފައިދާއެއް ނުކުރާނެ. މިއަދު އަޅުގަނޑުމެން މިއޮތީ އެފަދަ ޙާލަތަކަށް ގޮސްފައި.

ދިވެހިރާއްޖެއަކީ އަޅުގަނޑު ކުރިން ދެންނެވިހެން، މި އެތެރެވަރީގެ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި އެއްޤައުމު ކަމަށް ދުނިޔެ މިދެކެނީ. އަދި މި ސަބަބަށްޓަކައި އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ކެނޑިގެން، މެދުފަންތީގެ ޤައުމުތަކަށް އަޅުގަނޑުމެން ވަދެއްޖެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ މާލީ ޙާލަތަށް ބަލާއިރުގައި، މިފެންނަނީ ކޮންގޮތެއް. އަޅުގަނޑުމެންގެ މާލީ ޙާލަތު ބަލައިލާއިރުގައި، އަޅުގަނޑުމެން މިފެންނަނީ ދަރަނިވެރި ޤައުމެއްގެ ގޮތުގައި. ވަރަށްބޮޑު ދަރަނިވެރި ޤައުމެއްގެ ގޮތުގައި. މިއަހަރުގެ ބަޖެޓްވެސް، ބަޖެޓް ކަނޑައަޅާ ނިމި، ބަޖެޓް ބަލައިލާއިރުގައި، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކަށްވުރެ، ޚަރަދު އެތައް ބިލިއަނެއް ބޮޑު، ބަޖެޓް ކަނޑައެޅިފައި އޮތްގޮތުން. މިހާރުގެ އަންދާޒާތަކުން ބަޖެޓް ކަނޑައެޅިގެން އައިއިރުގައިވެސް، ލިބޭ އާމްދަނީއަކަށްވުރެ ގާތްގަނޑަކަށް ފަސް ބިލިއަން ބޮޑުކަމަށްވޭ. މީގެތެރެއަށް އެބަވަދޭ، މި ފާއިތުވި އަހަރުގެ ޚަރަދުތައްވެސް. ފާއިތުވި އަހަރު ދައުލަތުން ދައްކަންޖެހޭ ބިލްތަކަށް ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން، މިދިޔަ އަހަރުގެ ބިލްތަކަށް ދައްކަން އެބަ ބޭނުންވޭ، އިތުރު ދެ ބިލިއަން ރުފިޔާގެ ފައިސާ. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ދަރަނި، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކަށްވުރެން، މިއަހަރަށްވެސް ހަތް ބިލިއަން އިތުރުވީ. މިދެންނެވިފަދަ ޙާލަތެއްގައި، ޤައުމުގެ އިޤްތިޞާދު މިއޮތީ.

ކުރިން އަޅުގަނޑު ދެންނެވިން، ޤައުމުގެ އިޖްތިމާޢީ ކަންކަން ހުރިގޮތުގެ ވާހަކަ. ތަނުގައި ސިޔާސީ ހަމަނުޖެހުންތަކެއް އެބައޮތް. ޤައުމުގެ އެކިއެކި ރަށްރަށުގައި، ރައްޔިތުންނާއި ސަރުކާރުގެ މުދަލަށް ގެއްލުން ދެމުންދާތަން. އެފަދަ ޙާލަތެއްގައި ސިޔާސީ ކަންކަން މިއޮތީ. ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަންވެސް މިހާ ދަށު ދަރަޖައަކަށްދާން މިޖެހުނީ، މިކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރަން ތިބޭ މީހުންގެ ދުރު ވިސްނުން، އަޅުގަނޑު ދަންނަވާނީ ހަމަ ނެތީމައޭ. މިއަދު އަޅުގަނޑުމެންނަށް ޖެހިފައި މިއޮތީ، މިކަންކަން ރަނގަޅު ކުރަން. އެއީކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެބަޖެހޭ، އެމަސައްކަތް ކުރަން.

މިވަގުތަކީ މިއީ ރާއްޖޭގެ އިޤްތިޞާދީ، ސިޔާސީ ކަންކަން ހަމަޖެއްސުމަށްޓަކައި ޤައުމުގެ ޒަޢާމަތުގައި ހުންނަ މީހަކަށް ވަރަށް އުނދަގޫ ދުވަސްވަރެއް. އެކަން ތިޔަ ހުރިހާ ބޭފުޅުން ޤަބޫލު ކުރައްވާނެ. އެހެން ނަމަވެސް، އެކަންކަން ރަނގަޅު ކުރެވޭނީ، ޤައުމަށް އިޚްލާޞްތެރިވެގެން. ތިމާގެ އަމިއްލަ އެދުންތަކާއި، ތިމާގެ އެކުވެރިންނާއި ރަޙްމަތްތެރިންގެ އަމިއްލަ އެދުންތައް އެކަހެރިކޮށް، މުޅި ޤައުމުގެ މަޞްލަޙަތު ކުރިއަށް ޖައްސައިގެން. އެގޮތުން، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ނުވާނަން، މި ޤައުމުގެ އެސެޓްތައް އެކިމީސްމީހުންނަށް ބަހާލާނެ މީހަކަށް. އަޅުގަނޑު ނުވާނަން، މި ޤައުމުގައި ހަމަނުޖެހުމާއި، ސިޔާސީ ހަނގުރާމައެއް އުފައްދާ މީހަކަށް. އަޅުގަނޑު މަސައްކަތް ކުރާނީ، ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގައި ޞުލްޙަ ޤާއިމްކޮށް، ހުރިހާ އެންމެން އެކީގައި މަސައްކަތް ކުރުމަށް. އަދި އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއެއް އިތުރުކޮށް، އެ ލިބޭ އާމްދަނީއަކުން ޤައުމުގެ ކަންކަން ހަމަޖެއްސޭތޯ ބަލާނީ. މިދެންނެވި މޭރުމުން މަސައްކަތް ކުރީމާ، އިރާދަކުރެއްވިއްޔާ، އަހަރަކަށްފަހު އަހަރެއް، އަޅުގަނޑުމެންނަށް މި ޤައުމު ރަނގަޅު ކުރެވިގެންދާނެ.

އާދެ! އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންދާ ކޮންމެ ރަށެއްގައިވެސް ކިތަންމެ އުނދަގޫތަކެއް ހުރޭ. ބޭނުންވާ ކިތަންމެ ކަންތައްތަކެއް ހުރޭ. އެހުރިހާ ކަންތައްތަކެއް އަޅުގަނޑު ކޮށްދޭނަމޭ، ސަރުކާރުން ކޮށްދެވޭނެއޭ ބުނުމަކީ އެއީ އަދި އެންމެ އިޚްލާޞްތެރި، ތެދުވެރި ގޮތެއް ނޫން. އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަންވާނީ. އަދި ތިޔަބޭފުޅުން ހުށަހަޅުއްވާ ކަންކަން ރަނގަޅަށް މުޠާލިޢާކޮށް، އެކަންކަން ބަލައި، އެއީ ކުރެވޭވަރު ކަންތައް ކަމަށްވަންޏާ، ކުރުމަށް މަސައްކަތް ކުރުން. ނުކުރެވޭނެހެން ހަމަ ޔަޤީންވާ ކަންތައްތައް އެއްކިބާކޮށްލައި، ކުރެވެންހުރި ކަންތައް ކުރުމަށް ކުރިމަތިލުން.

އަޅުގަނޑަށް އެނގޭ، މިއަތޮޅަކީ މިއީ ރާއްޖޭގައި އޮތް އެންމެ ރީތި އަދި އެންމެ ކުރިއަށްދާނެ އަތޮޅުކަން. އެހެންވީމާ، މިއަތޮޅުގައި އެބަޖެހޭ، ޚާއްޞަ ކަންތައްތަކެއް ކުރަން. އޭގެތެރެއިން އެއްކަމެއް، މި ބޮޑެތި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. އަޅުގަނޑު މިއަދު ދެންނެވިން، ގަމުގައި ވާހަކަ ދައްކަމުންވެސް. އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ އިރާދަކުރެއްވިއްޔާ، މި ރަށްރަށް ގުޅާލެވިފައިވާ ލިންކް ރޯޑް ހެދޭތޯ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މިއަތޮޅު ތަރައްޤީވާނީ އޭރުން. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނަން. ދެން މިރަށަށް ވަކިން ޚާއްޞަ މައްސަލަތަކެއް އެބަހުރި. ކަރަންޓްގެ މައްސަލަ. އަޅުގަނޑަށް އެނގޭ، މިއީ ވަރަށްބޮޑު ޒިންމާއެއްކަން ތިޔަބޭފުޅުން މިވަގުތު އުފުއްލަވަމުން ގެންދަވާ. އެކަމާ ބެހޭގޮތުން އަޅުގަނޑު ކައިރީގައި މިރަށުގެ ބައެއް ބޭފުޅުން ވަޑައިގެން، އެވާހަކަ ދައްކަވާފައިވަނީ. އަޅުގަނޑުމެން މިހާރު މިގެންދަނީ، ޔޫޓިލިޓީ ކުންފުނިތައް ހިނގާނުހިނގާގޮތް ބަލައި، އެކަންކަން ރޭވިފައިވާގޮތް މުޠާލިޢާ ކުރަމުން. އަދި ކަރަންޓްގެ ޚިދްމަތް، އެންމެ ރަނގަޅު ގޮތަކަށް ރައްޔިތުންނަށް، ކޮންމެ ރަށެއްގައިވެސް ދެވޭނީ ކޮންގޮތަކަށްތޯ ބަލަމުން. މިހާރު ވަރަށްބޮޑު އެއްޗެއް ސަބްސިޑީގެ ގޮތުގައި ކަރަންޓަށް އެބަދެވޭ. އަދި ފިއުލް ޗާރޖްގެ ގޮތުގައި ވަރަށްބޮޑު އެއްޗެއް އެބަ ނެގޭ. މިހާގިނަ ޢަދަދެއްގެ ފައިސާ، ރައްޔިތުންނަށްދޭއިރުގައި، ވަކިބަޔަކަށް އެ ލިބިފައި، އަނެއް ބަޔަކަށް އެ ނުލިބުމަކީ އެއީވެސް އިންޞާފްވެރި ގޮތެއް ނޫން. އެކަން އަޅުގަނޑު ޤަބޫލުކުރަން. އެހެންވީމާ، އެކަންވެސް އެބަޖެހޭ އަޅުގަނޑުމެން ތަންކޮޅެއް ރަނގަޅަށް ބަލައިލަން.

އާދެ! މިރޭ އަޅުގަނޑުމެން މި ފާހަގަކުރީ، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި، އަހަރަކު އެއްފަހަރު ފާހަގަކުރާ އާރތް އަވަރ. އާރތް އަވަރއަކީ އެއީ މި ބިން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޤައުމުތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރާ ކަމެއް. އެގޮތުން މިރޭ އަށްގަޑިބައިން ނުވަގަޑިބަޔަށް ކަރަންޓް، އަޅުގަނޑުމެން އެންމެން ކަނޑާލީމު. އެވީ ގަޑިއެއްގެއިރުގެ ތެރޭގައި، އަޅުގަނޑުމެން ފުޅިބައްތިއާއި، އުއްބައްތިއާ ދިއްލައިގެން ކާން ތިބިއިރުގައި، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި، މިއީ މަހަކު އެއްފަހަރު ނުކުރާވަރު ކަމެއް ނޫނޭ. މިރޭ ކަންދިމާވިގޮތުން، ވަރަށް ރީތިކޮށް ހަނދުވަރުވެސްދޭ ރެއެއް. އެހެންވީމާ، ކިހިނެއްތޯއޭވާނީ، ކޮންމެ މަހަކުވެސް ހަނދުވަރުދޭއިރުގައި، ހަމަ ވަގުތުކޮޅެއް އުއްބައްތި ދިއްލައިގެންވެސް ކާލުން. ދެން އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އެހެން ހައްދަވާށެކޭ ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓާ ދޭތެރޭގައިވެސް ވިސްނަން. މިއީ ވަރަށްބޮޑު ޚަރަދެއް. އަޅުގަނޑުމެންގެ ޖީބުން ނަމަވެސް، ސަރުކާރުން ނަމަވެސް ކުރަންޖެހޭ ކަމެއް. މިހާރު ތެޔޮ ފީފާއެއްގެ އަގު މިހިރީ ގާތްގަނޑަކަށް ސަތޭކަ ތިރީސް އަށް ޑޮލަރު، އަޅުގަނޑު ހަނދާންވާ ގޮތުގައި، އެންމެފަހުން އަޅުގަނޑު ބަލައިލިއިރު. ސަތޭކަ ތިރީސް އަށްޑޮލަރަކީ އެއީ ތެލަށް މިހާތަނަށް ތެޔޮ ފީފާއަކަށް ޖެހުނު އެންމެބޮޑު ޢަދަދޭ އަޅުގަނޑު ދަންނަވާނީ ފަހަކަށްއައިސް. ހަމަ ދުވަހަކުން ދުވަހެއް މިދަނީ ތެލުގެ އަގު ބޮޑުވަމުން. އަޅުގަނޑުމެން އުފައްދާ އެއްޗެއް ނޫން. އަޅުގަނޑުމެން ބޭރުން ގެންނަ އެއްޗެއް މިއީ. އެހެންވީމާ، އެއަށް އަޅުގަނޑުމެން އެބަޖެހޭ، ވަރަށްބޮޑު އަގެއް ދައްކަން.

ދިވެހިރާއްޖޭގެ އަނެއް މުއްސަނދިކަމަކީ، ރާއްޖޭގައި އެބަހުރި ކަރަންޓް އުފެއްދެން، ތެޔޮ ބޭނުންނުކޮށްވެސް. އެހެންވީމާ، މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އަވީގެ ހަކަތަ އުފެއްދޭތޯ. އަޅުގަނޑުމެން މިއަދުދިޔަ ރަށެއްގައި، ޖަޕާން މީހުން، ސުނާމީއަށްފަހުގައި އެބަހުރި ސޯލާ ޕެނަލްތަކެއް ހަރުކޮށްފައި. އެހެން ނަމަވެސް، އަނެއްކާ އެ ސޯލާ ޕެނަލްތައް ހަރުކޮށްފައި ކަރަންޓާ ގުޅާފައި ހުރީވެސް. އެހެން ނަމަވެސް، އެކަންވީނުވީގޮތެއް މާބޮޑަކަށް ނޭނގެ. އެކަން މާ ސީރިއަސް ކަމެއްގެ ގޮތުގައި އެއްވެސް މީހަކު ނުނަގާ. އަނެއްކާ ދާދި އިހަކަށް ދުވަހަކު، އަޅުގަނޑުމެން މާލޭގައި، ވަރަށްގިނަ ސްކޫލްތަކުގަޔާއި، ސަރުކާރުގެ ޢިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކޮށްފި. އަޅުގަނޑު ހިތަށްއަރަނީ، އަނެއްކާވެސް މީގެ ހަތަރު ފަސްއަހަރުފަހުން، ހަމަ މިވާހަކަ ނޫންބާއޭ އަޅުގަނޑުމެން ދައްކާނީ. ޖަޕާނުގެ އެހީގައި އަނެއްކާ މާލޭގައިވެސް ސޯލާ ޕެނަލް ހަރުކުރިއޭ، ވީނުވީގޮތެއް ނޭނގުނޭ. އެހެން ވެގެނެއް މިކަންވާކަށް ނެތް ހަމަ. ސޯލާ ޕެނަލް ހަރުކޮށްގެން، އަވީގެ ހަކަތަ މިހާރު އެބަހުރި ބޭނުންކުރެވެން، ޑީސަލް ކަރަންޓަށްވުރެ އަގުހެޔޮކޮށް. އިންޑިޔާގައި މިހާރު އަވީގެ ހަކަތައިން ކަރަންޓް އެބަ އުފައްދާ، ކިލޯ ވޯޓަކަށް ގާތްގަނޑަކަށް ވިހި ސެންޓް، އެމެރިކާގެ ވިހި ސެންޓް. އަޅުގަނޑުމެންނަށް ޑީސަލް ކަރަންޓް މި އުފެއްދެނީ، ގާތްގަނޑަކަށް 35 ސެންޓާއި 70 ސެންޓާ ދޭތެރޭގައި. އެހެންވީމާ، މިހާރުވެސް ސޯލާ ހަކަތަ، އިރުގެ ހަކަތަ ބޭނުންކުރުން އަޅުގަނޑުމެންނަށް މާ އިޤްތިޞާދު. ވީމާ، ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން މަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ ވީހާވެސް ގިނަ ރަށެއްގައި ތެލުން އުފައްދާ ކަރަންޓްގެ އިތުރުން، ސޯލާ ޕެނަލް ހަރުކޮށްގެން އަވީގެ ހަކަތަ ހޯދޭތޯ. އޭރުން އަޅުގަނޑުމެންނަށް ކަރަންޓްގެ އަގު ތިރިކުރެވޭނެ. އަދި ހަމައެހެން، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައްވެސް މަދުކުރެވޭނެ.

މިއީ މިއަދު ދިވެހިރާއްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވެފައިވާ ނާޒުކު ޙާލަތު، އަޅުގަނޑުމެންނަށް އެބަ މަޖުބޫރުކުރޭ، މިދެންނެވި މަގުން އަޅުގަނޑުމެން ދަތުރުކުރަން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މިހުރިހާ ރަށެއްގައިވެސް، މިދެންނެވި ކަންކަމަށް ސަމާލުވެވަޑައިގަންނަވައިގެން، އަޅުގަނޑުމެން ބޭނުންކުރާ ހަކަތަ އެހެނިހެން ގޮތްގޮތަށް، އިޢާދަކުރަނިވި ގޮތްގޮތަށް އުފެދޭތޯ މަސައްކަތް ކުރުމަށް ބާރުއެޅުމަށް. އަދި ހަމައެހެން، އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓްވެސް، ވީހާވެސް ބޮޑަކަށް އިޤްތިޞާދު ކުރަން. އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓްގެވެސް އަގު ވަރަށްބޮޑުތަން ކުޑަކުރެވޭނެ، ތަންކޮޅެއް ބޮޑަށް އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ފަރުވާބަހައްޓައިގެން. އެގޮތުން، ގޭގައި ބޭނުންކުރާ ބޮކި، ކޮޓަރިން ނުކުންނަމުން ބޮކިނިވާލުން. ނޫނީވިއްޔާ މިހާރު އަޅުގަނޑުމެން ބޭނުންކުރާ އައިސް އަލަމާރި، އެއަށްވުރެ މާ ޚަރަދުކުޑަ އައިސް އަލަމާރި މިހާރު އުފެދިއްޖެ. އެހެންވީމާ، ބާ އައިސް އަލަމާރިތަކުގެ ބަދަލުގައި، އާ އައިސް އަލަމާރި ހޯދުންވެސް އެއީ ހަމަ ކަރަންޓް ޚަރަދު ކުޑަކުރެވޭނެ ކަމެއް. މިހެންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި.

އެހެންވީމާ، މިދެންނެވި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިއަތޮޅަށް އައުމުގެ ކުރިން ވާނީ ރައްޔިތުންގެ މަޖިލީހަށް އާ ވުޒާރާއެއް އުފެއްދުމަށް ހުށަހަޅާފައި. އެ ވުޒާރާއަށް މިކިޔަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ. ދިވެހިރާއްޖޭގައި ހަކަތަ ބޭނުންކުރާގޮތް ބަދަލުކޮށް، މިހާރަށްވުރެ އިޤްތިޞާދީ ގޮތަކަށް އެކަން ކުރުމަކީ، އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އަޅުގަނޑުމެންނަށް ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނަސް، މިކަމާ އަޅުގަނޑުމެން އަޅާނުލާ ތިބެއްޖެ ކަމަށްވާނަމަ، ދިވެހިރާއްޖެ މުއްސަނދި ކުރުމަކީ ފަސޭހަ ކަމަކަށްނުވާނެ. އެހެންވެގެން، އަޅުގަނޑު މިދެންނެވި ވުޒާރާ ހުށަހަޅާފައި އެއޮތީ. އަޅުގަނޑު ޔަޤީންކުރަން، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަމަށް.

ކުރިން ދެންނެވިހެން، އެކަމުގެ އަސަރުން، ކުއްލިއަކަށް މިރަށަށް ދިމާވެފައިވާ ކަރަންޓަށް ޙައްލެއް ނުހޯދުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑު ދެންނެވިހެން، އަޅުގަނޑު މަސައްކަތް ކުރާނަން، މިހާރު މިރަށުގެ ކަރަންޓްގެ ކަންތައްވެސް، މިހާރަށްވުރެ ރަނގަޅު ގޮތަކަށް އެކަން ހަމަޖައްސައިދެވޭތޯ. މިހާރު ތިޔަބޭފުޅުންނަށް ސަބްސިޑީ ލިބިވަޑައެއްނުގަންނަވާ ކަމަށް އަޅުގަނޑަށް އެނގިފައިވެސް އޮތީ. އެހެންވީމާ، ސަބްސިޑީ އެއީ ދެވޭނެ އެއްޗެއް ކަމަށްވާނަމަ، އެކަންވެސް އަޅުގަނޑުމެން ބަލައި، އެކަން ކުރެވެން އޮތިއްޔާ، އިރާދަކުރެއްވިއްޔާ ކުރަން އަޅުގަނޑުމެން މިތިބީ. އަދި ހަމައެހެން، މިރަށުގެ އިންޖީނުގެ ރަނގަޅަށް ބަލައި، އިންޖީނަށް ގެންނަންޖެހޭ ބަދަލުވެސް އަޅުގަނޑުމެން އެބަޖެހޭ ދެނެގަންނަން. އަޅުގަނޑަށް ލަފާކުރެވިފައިވާ ގޮތުގައި، އިތުރު އާ އިންޖީނު ވަނީ ހޯދަން ޖެހިފައި މިހާރު. އެހެންވީމާ، މުޅި މި ނިޒާމް އަޅުގަނޑުމެން މިހާރު މިދަނީ އަލުން މުޠާލިޢާކޮށް ބަލަމުން. އިރާދަކުރެއްވިއްޔާ، މިރަށަށް ކަރަންޓްގެ ކަންތައްތައް ޙައްލު ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެވެސް ގޮތްތަކެއް އިރާދަކުރެއްވިއްޔާ ހޯދާނަން.

އާދެ! މިހާ ދަން ވަގުތެއްގައިވެސް ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އަޅުގަނޑުމެން ދައްކަންހުރި ވާހަކަތައް އައްސަވާ ކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ޔަޤީންކުރަން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ޞުލްޙަވެރި، ފާގަތި މުސްތަޤްބަލެއް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ހުރިހާ ރަށްރަށަށްވެސް ހޯދޭނެކަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި ޢާފިޔަތު މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه