ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން، ރާއްޖޭގެ އިޤްތިޞާދު ހީނަރުކޮށްލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުން އެބަގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހަވީރު ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިގޮތަށް ވަކިމީހެއްގެ ނުވަތަ މަދުބައެއްގެ ލާބައަށްޓަކައި، ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދުގެ ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ޤައުމެއް ކަމަށާއި، މިޤައުމުގައި މިއޮތް ޑިމޮކްރަސީގައި ޚިޔާލު ތަފާތުވާ މީހުންގެ އަޑުވެސް މިސަރުކާރުން އައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރާ އިދިކޮޅަށް ޚިޔާލުފާޅުކުރާ ފަރާތްތައް ނުހުއްޓުވާނެ ކަމަށާއި، ނަމަވެސް އަމަންޢާންމަށް ގެއްލުންވާ ގޮތަށް ބަޔަކު ކަމެއް ކުރާނަމަ، އެކަން ހުއްޓުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށާއި، އަދި މިވާޖިބު އަދާކުރެއްވުމުގައި، ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހައްދުންމަތީ ގަމުގައި ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.