މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމުގައި ބައްލަވައިގެން، އެއްވެސް ތަފާތުކުރުމެއްނެތި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހައްދުންމަތީ ދަނބިދުއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް މަސައްކަތް ކުރައްވާނީ، ހުރިހާ ރައްޔިތުންނަށްވެސް އިންޞާފްވެރިކަމާ އެކީގައި، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބައްލަވާ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރައާއި، ދުވަސްވީ މީހުންނަށް ލިބޭ ޢިނާޔަތާއި، ނުކުޅެދޭ ކުދިންނަށް ލިބޭ ޢިނާޔަތާއި، އެކަނިވެރި މައިންނަށް ލިބޭ ޢިނާޔަތްފަދަ، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިވަޑައިގަންނަވާ އެކިއެކި އެހީތައް، ބަރާބަރަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގައި ޞިއްޙީ ޚިދްމަތްތައް ރަނގަޅު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ފަށްޓަވާފައިވާ އާސަންދަ ޕްރޮގްރާމް، މިހާރަށްވުރެ ރަނގަޅަށް ރޭވިގެން، ވީހާވެސް ގިނަ ރައްޔިތުންނަށް، އޭގެ ފައިދާ ކުރާނެ ގޮތަކަށް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.