އަޅުގަނޑުމެންގެ ޤައުމަކީ، އެއް ޤައުމެއް ކަމަށާއި، އަޅުގަނޑުމެންގެ ޤައުމުގައި ތިބީ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގައި އުޅޭ، އެއް ނަސްލެއްގެ އެއްބަނޑުއެއްބަފާ ބައެއް ކަމަށް ވުމާއެކު، އަޅުގަނޑުމެންގެ ތެރޭގައި ތަފާތުތަކާއި، ބައިބައިވުން އުފެދުމަކީ ޤައުމަށް ރަނގަޅު ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އިސްދޫކަލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުރިހާ މީހުންގެ ތެރޭގައި އެކުވެރިކަން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި އެމަނިކުފާނަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މިހާރުވެސް ހުރިހާ ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި، މިގޮތުން އެމް.ޑީ.ޕީ.އާވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދައުލަތުގެ ކަންކަން ހިންގޭތޯ މަސައްކަތް ކުރައްވާނީ ހުރިހާ އެންމެންނަށްވެސް ހަމަހަމަ ގޮތެއްގައި އެހީތެރިކަމާ އެކުގައި، އިންޞާފްވެރިކޮށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ މާލީ ޙާލަތު އޮތީ މާ ރަނގަޅަށް ނޫންކަމަށާއި، އެހެން ނަމަވެސް، ކޮންމެ މަހަކުވެސް ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަތައް ބަރާބަރަށް ދިނުމާއި އަދި ރައްޔިތުންނަށްދޭ އެކިއެކި ޢިނާޔަތްތައް ބަރާބަރަށް ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ ޙާލު ބަލަމުން ކަމުގައި ވިދާޅުވެ، މި ސަރުކާރުގެ އެހީތެރިކަން ހުރިހާ ރައްޔިތުންނަށްވެސް އޮތްކަމުގެ ޔަޤީންކަން އެރުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ރާއްޖޭގައި ޞުލްޙަމަސްލަޙަތު ޤާއިމްކޮށް، ޞުލްޙަވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި، ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.