ފުލުހުންނަށް ދެއްވަންޖެހޭ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވުމަށާއި، އެބޭފުޅުންގެ ޚިދްމަތުގެ އަގު ވަޒަން ކުރައްވައި، އެޚިދުމަތް ބަލައިގެންނެވުމަށާއި، ރައްޔިތުންނާއި ފުލުހުންނާ ދެމެދު ގާތް ގުޅުމެއް އުފައްދަވައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަންކަމަށް އިލްތިމާސް ކުރެއްވީ، ފުލުހުންގެ 79 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ރާއްޖޭގައި ފުލުހުންނަށް ކުރަމުންދާ އަނިޔާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤައުމަށް ލިބިދާނެ ގެއްލުމަކަށް ނުބަލާ، ސިޔާސީ ބޭނުމަކަށްޓަކައި، ވަރަށްގިނަފަހަރަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފޯރުކޮށްދެމުންދާ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، މިފަދަ ކަންކަމުގެ އަސަރު، ރާއްޖޭގެ އިޤްތިޞާދަށް ކުރަމުން ގެންދާކަން ފާހަގަކުރައްވަމުން، މިކަންކަމާ ދެކޮޅަށް މުޅި ޤައުމު، އެއްބައެއްގެ ގޮތުގައި ތެދުވާން ޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަކީ ކޮންމެ ފަރުދަކުމެ އަދާކުރަންޖެހޭ ވާޖިބެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންނަށް މާތްﷲ ދެއްވާފައިވާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިވާ ބަޔަކު ކަމުގައި ފުރަތަމަވުން ކަމަށާއި، ދީނީ އެއްބައިވަންތަކަން އަޅުގަނޑުމެންގެ ތެރޭގައި ދަމަހައްޓައި، އިސްލާމްދީނުގެ މަތިވެރި ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުންކަން އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ފުލުހުންގެ ޚިދްމަތް، އެކަށޭނަ ގޮތެއްގެ މަތީން ޤާއިމުވުމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުން ކަމެއްކަން ހާމަކުރައްވަމުން، ފުުލުހުންގެ ޚިދްމަތް ދެއްވުމުގައި، އިންސާނީ ޙައްޤުތަކަށާއި، އިންސާނީ ކަރާމާތަށް ބައްލަވައިގެން، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ފުލުހުންނަށާއި، ފުލުހުންގެ ޢާއިލާތަކަށް ބައެއްފަހަރު ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުމާއި މާޔޫސްކަން ފާހަގަކުރައްވައި، އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެއްވުމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ބަޔާންކުރައްވަމުން، ދިވެހި ފުލުހުން ދިރިއުޅުމަށްޓަކައި ފްލެޓް އެޅުމަށް ހުޅުމާލެއިން ހަތްދިހަ ހަތަރުހާސް އަކަފޫޓްގެ ބިމެއް މިހާރު ހަމަޖައްސަވާފައިވާ ކަމަށާއި، މި ބިމުގައި އަޅާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފް އެއްވެސް ޢަމަލެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަޤީންކަން، ފުލުހުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެއްވިއެވެ. އަދި ފުލުހުންގެ އެއްވެސް ބޭފުޅަކުވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ޢަމަލެއް ކުރެއްވުމަށް ނާންގަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.