بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް، ޑެޕިއުޓީ ކޮމިޝަނަރ، ފުލުހުންގެ އެހެނިހެން އޮފިސަރުންނާއި، އެންމެހާ ލޮބުވެތި ފުލުހުން. އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި، ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ދިވެހި ފުލުހުންގެ އިޚްލާޞްތެރި ޚިދްމަތަށް ފަޚުރުވެރި 79 އަހަރު ފުރޭ މިމުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ދިވެހި ފުލުހުންގެ ކެތްތެރިކަމަށާއި، އެބޭފުޅުންގެ އަމިއްލަ ފުރާނައަށް ބެލުމެއްނެތި، އަތްވާއި ވާރޭގައި، ރެޔާ ދުވާލު މިޤައުމުގެ އަމަން ޤާއިމްކޮށް ބެލެހެއްޓުމަށްޓަކައި ކުރައްވަމުން ތިޔަ ގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސްދީ ޝުކުރު ދެންނެވުން. ހަމައެއާއެކު، ތިޔަ އެންމެހާ ބޭފުޅުންގެ ޢާއިލާތަކާއި، ތިމާގެ ބޭފުޅުންގެ އިތުރުން، ގާތް އެކުވެރި ރަޙްމަތްތެރިން ތަޙައްމަލް ކުރައްވަމުން ގެންދަވާ ހާސްކަމާއި ނުތަނަވަސްކަމަށް، އިތުރު ކެތްތެރިކަން މިންވަރު ކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ދަންނަވަން.

މި މުނާސަބަތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށާއި، ފުލުހުންގެ ހުރިހާ ބޭފުޅުންގެ އިތުރުން، ތިޔަ ބޭފުޅުންގެ ޢާއިލާތަކަށާއި، މިހާތަނަށް ފުލުހުންގެ ދާއިރާގައި ޚިދްމަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން.

މިރޭގެ މި އުފާވެރި ޙަފްލާގައި، ފުލުހުންގެ ތެރެއިން ޕްރޮމޯޝަން ލިބިވަޑައިގެން، ކުލައާއި މެޑެލް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އެބޭފުޅުން ކުރައްވަމުން ގެންދަވާ ޚިދްމަތުގެ އަގު ވަޒަން ކުރަމުން، އިޚްލާޞްތެރިކަމާއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މި ޙަފްލާގައި، ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންނަށްވެސް، އެބޭފުޅުން އެކޮށްދެއްވި އަގުހުރި ޚިދްމަތަށްޓަކައި އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

ފުލުހުންގެ ޚިދްމަތަކީ ރައްޔިތުންނާ ގުޅިފައިވާ ޤައުމީ ވަރަށް މުހިންމު އަދި ޝަރަފްވެރި މަސައްކަތެއް. ފުލުހުންގެ ޚިދްމަތަކީ، ރައްޔިތުންގެ ތެރެއިން ފެށިގެން އައިސް، ރައްޔިތުންގެ މަޞްލަޙަތާއި ލާބައަށްޓަކައި ކުރާ މަސައްކަތެއް. ފުލުހުންގެ ޚިދްމަތަކީ ރައްޔިތުން ބަލައިގަންނަ، އެ މަސައްކަތަށް ރައްޔިތުން ޝައުޤުވެރިވާ މަސައްކަތެއް. ރައްޔިތުން އިންތިހާއަށް ބޭނުންވާ ޚިދްމަތެއް. ވީމާ، މި ޚިދްމަތް ދެއްވުމުގައި، ދަތި އުނދަގޫ ޙާލަތުގައިވެސް އިންސާނީ ޙައްޤުތަކަށާއި އަދި އިންސާނީ ކަރާމާތަށް ބައްލަވައިގެން، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް، މިފުރްޞަތުގައި ދަންނަވަން.

ޝައްކެއްވެސްނެތް ގޮތުގައި، ފުލުހުންގެ މަސައްކަތަކީ ބުރަ މަސައްކަތެއް. އަދި ބައެއްފަހަރު ވަރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭ މަސައްކަތެއް. ފުލުހުންގެ މަސައްކަތުގައި، ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް މަސައްކަތްކުރާ އެހެން ފަރާތްތަކެކޭ އެއްފަދައިން ދަތިތަކާ ކުރިމަތިވާނެ. ނަމަވެސް، އެކަންކަން ތަޙައްމަލްކޮށް، ކެތްތެރިކަމާއި ހިތްވަރާއި، ވިސްނުންތެރިކަމާއެކު، ކެރިގެން ސާބިތުކަމާއެކު ދެމިތިބުމަކީ ފުލުހުންގެ ވާޖިބެއް. މިކަމަށް ބޭނުންވާ ޑިސިޕްލިނާއި އިންޓެގްރިޓީ އަދި ޕްރޮފެޝަނަލިޒަމް، ތިޔަ ފުލުހުންގައި ހުރިކަމަށް އަޅުގަނޑު ގަބޫލުކުރަން.

މިހާރު ދިވެހި ފުލުހުންނަކީ މިކަންކަމަށް ވަކިން ތަޖްރިބާ ކުޑަ ބައެކޭ ނުދެންނެވޭނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފުލުހުންގެ މުއައްސަސާގެ މިހާރު ވަރަށްގިނަ މުވައްޒަފުންނަކީ، ރާއްޖެއިން ބޭރުން ތަމްރީނު ލިބި، ކަމަށް ޤާބިލް ބައެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. ކުރިއަށް އޮތް ތާނގައިވެސް ފުލުހުންނަށް އިތުރު ތަމްރީނުތަކާއި ތަޖްރިބާތައް ލިބުމަކީ، މި މުއައްސަސާ ވަރުގަދަކޮށް ޕްރޮފެޝަނަލައިޒް ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ވޭތުވެދިޔަ 79 އަހަރު، މާޒީއަށް ބަލައިފިނަމަ، ފުލުހުންގެ ޚިދްމަތް ތަރައްޤީވެ، އެއިރެއްގައި އޮންނަ ޙާލަތަކާ ގުޅިގެން ކުރިއަރަމުން އައިސްފައިވާ ގޮތް ސާފުވެވަޑައިގަންނަވާނެ. ހަރުދަނާ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅި، އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވޭ. އަދި އެކަން މިފާއިތުވި ދުވަސްތަކުގައި ވަރަށް ރަނގަޅަށް ތިޔަބޭފުޅުން ދައްކުވައި ދެއްވައިފި. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ފަޚުރުވެރިވެ ޝުކުރު ދަންނަވަން.

ފުލުހުންގެ ޚިދްމަތް ތަރައްޤީކޮށް، އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެވެސް އުންމީދު. މިޚިދްމަތް އެކަށޭނަ ގޮތެއްގެ މަތީން ޤާއިމުވުމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުން ކަމެއް.

ފުލުހުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާނެކަން އަޅުގަނޑު ޤަބޫލުކުރަން. މުޅި މުޖްތަމަޢުގެ އެއްބާރުލުން މިކަމުގައި ބޭނުންވޭ. ފުލުހުންގެ މަސައްކަތަށް ހުރިހާ އެންމެންވެސް އެބަ ވާގިދޭންޖެހޭ. އެމީހުންގެ މަސައްކަތަށް ހިތްވަރުދީ، އެމީހުންގެ ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން އެބަޖެހޭ. ވަޒީފާގެ ޔަޤީންކަމާއި، މަސައްކަތުގެ މާޙައުލު ރަނގަޅުވެގެން ނޫނީ، ވަޒީފާ ފުރިހަމައަށް އަދާނުކުރެވޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން. ބައެއްފަހަރު ފުލުހުންނަށާއި، ފުލުހުންގެ ޢާއިލާތަކަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުމާއި މާޔޫސްކަން އަޅުގަނޑު ފާހަގަކޮށް، އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ވާހަކަ ދަންނަވަން.

އެހެންކަމުން، ދިވެހި ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ވާހަކަ ދަންނަވަން. މިގޮތުން، ދިވެހި ފުލުހުން ދިރިއުޅުމަށްޓަކައި، ފްލެޓް އެޅުމަށް ހުޅުމާލެއިން ހަތްދިހަ ހަތަރުހާސް އަކަފޫޓްގެ ބިމެއް މިހާރުވަނީ ހަމަޖެހިފައި. އަދި އިރާދަކުރެއްވިއްޔާ، މި ބިމުގައި އަޅާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް، ދާދި އަވަހަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

ވީމާ، އަޅުގަނޑު އިލްތިމާސްކޮށް، މުޅި ދިވެހި ޤައުމަށް މި ގޮވާލަނީ، ފުލުހުންނަށް ދެއްވަންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް. އެބޭފުޅުންގެ ޚިދްމަތުގެ އަގު ވަޒަންކޮށް، އެޚިދުމަތް ބަލައިގަތުމަށް. ރައްޔިތުންނާއި ފުލުހުންނާ ގާތް ގުޅުމެއް އުފެއްދެވުމަށް. އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރެއްވުމަށް.

ދެންމެ ތިޔަ އިވިވަޑައިގަތްފަދައިން، މިއަދު ރާއްޖޭގައި ވަނީ ތަޅާފޮޅުމާއި ވައްކަން ކުރުމާއި، މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން އިތުރުވަމުން ގޮސްފައި. ފުލުހުންނަށްދޭ ޙަމަލާތަކުގެ އިތުރުން، ޢާންމުންގެ މުދަލަށާއި ގެދޮރަށް ގެއްލުންދީ، މީހުންނަށް ބިރުދައްކައި، ތަންތަނުގައި ހުޅުޖެހުމުގެ ޙަރަކާތްތަކެއް ވަނީ ހިންގިފައި. މިއީ ޙަޤީޤަތް. އެހެންނަމަވެސް، ވަރަށްގިނަފަހަރަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފޯރުކޮށްދެމުންދާތީ، ޤައުމަށް ލިބިދާނެ ގެއްލުމަކަށް އަޅުގަނޑުމެން ފަރުވާތެރިވާންޖެހޭ. ސިޔާސީ ބޭނުމަކަށް، މަދުބައެއްގެ ފައިދާއަށްޓަކައި، ރާވައިގެން ހިންގަމުންގެންދާ ކަންތައްތަކެއްގެ އަސަރު މިއަދު ވަނީ މުޅި ޤައުމަށް ފޯރާފައި. މިއަދު އޭގެ އަސަރު މި މުޅި ރާއްޖޭގެ އިޤްތިޞާދަށް ދަނީ ކުރަމުން. ވިޔަފާރިތަކަށާއި ފަތުރުވެރިކަމަށް ދެމުންގެންދާ ޙަމަލާތަކުގެ ގެއްލުން، ވަކިވަކި ފަރުދުންނަށާއި މުޅި ޤައުމަށް ދަނީ ކުރަމުން. މިއަދު މިވަނީ މުޅި ޤައުމަށް، މިފަދަ ކަންކަމާ ދެކޮޅަށް ތެދުވާން ޖެހިފައި.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަކީ، ކޮންމެ ފަރުދަކުމެ އަދާކުރަންޖެހޭ ވާޖިބެއް. އެކަކު އެކަނި ކުރެވޭވަރު ކަމެއް ނޫން. ކޮންމެ ފަރުދަކުމެ، އެމީހެއްގެ ވާޖިބު އަދާކުރަން އެބަޖެހޭ. ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއަރާ ކޮންމެފަހަރަކުވެސް ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާ ދެކޮޅަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތް ކޮށްގެން. ވީމާ، އަޅުގަނޑުމެންނަށް މާތްﷲ ދެއްވާފައިވާ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިވާ ބަޔަކު ކަމުގައި ފުރަތަމަވުން. ދީނީ އެއްބައިވަންތަކަން އަޅުގަނޑުމެންގެ ތެރޭގައި ދަމަހައްޓައި، އިސްލާމްދީނުގެ މަތިވެރި، ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުން. މިގޮތުގައި އަޅުގަނޑުމެން ތިބިކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، اللّـه سبحـانـه وتعـالى، ރަޙްމަތާއި ނިޢުމަތް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ. ރާއްޖޭގެ މިނިވަންކަމާއި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ.

އާދެ! ތިޔަބޭފުޅުންގެ ވާޖިބުތަކަށް އެނބުރި ވަޑައިގަތުމުގެ ކުރިން ޙިއްޞާކޮށްލަން ބޭނުންވާ މުހިންމު ދެތިން ވާހަކައެއް އަޅުގަނޑު ދަންނަވާލާނަން.

ފުރަތަމަ އާދެ! 7 ފެބްރުއަރީގައި ފުލުހުން ކުރި މަސައްކަތަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދެމެހެއްޓުން ކަމުގައި އަޅުގަނޑު ދަންނަވަން. ރާއްޖޭގެ ރައްޔިތުން ފަށާފައިވާ ޑިމޮކްރަސީގެ ބުރަ މަސައްކަތް ޙިމާޔަތްކޮށްދިނުމަށްޓަކައި، ރާއްޖޭގެ ޤާނޫނުއަސާސީ ދެމެހެއްޓުމަށްޓަކައި، ރާއްޖޭގެ ޤާނޫނުތައް ދެމެހެއްޓުމަށްޓަކައި ތިޔަ ފުލުހުން ކުރެއްވި ވަރަށްބޮޑު މަސައްކަތެއް.

މިފުރްޞަތުގައި، ފުލުހުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފް އެއްވެސް ޢަމަލެއް އަޅުގަނޑު ނުކުރާނެކަން. އަދި ފުލުހުން ކަމުގައިވީ ނަމަވެސް، އަދި ޢާންމު ފަރުދެއް ކަމުގައިވިނަމަވެސް، ޤާނޫނާއި ޤަވާޢިދާ ޚިލާފް އެއްވެސް އަމުރެއް އަޅުގަނޑު ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވަން. އަދި ހަމައެހެން، ތިޔައިން އެއްވެސް ބޭފުޅަކުވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ޢަމަލެއް ކުރެއްވުމަށް އަޅުގަނޑު ނާންގާނެ ވާހަކަވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން.

އާދެ! އަޅުގަނޑުގެ ކުރު ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ، ތިޔަ އެންމެހާ ބޭފުޅުންނަށް ދަންނަވަމުން. އަދި ތިޔަ އެންމެހާ ބޭފުޅުންގެ ޢާއިލާތަކަށްވެސް ދަންނަވަމުން. ފުލުހުން ކުރާ މަސައްކަތަށާއި، ތިޔަބޭފުޅުންގެ ޚިދްމަތުގައި ބަރަކާތް ލެއްވުމަށް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. އަދި ފުލުހުން ތިކުރައްވާ މަސައްކަތުން ދިވެހި ރައްޔިތުންނަށް އަމާންކަމާއި ހިތްހަމަޖެހުން ދެއްވުމަށް ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.