"ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި 2012 ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން އެމްބަސީއެއް އުފައްދަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި އެމްބަސީ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުންނެވެ.
            ދިވެހިރާއްޖޭގެ އެމްބަސީއެއް ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި އުފެއްދެވީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖޭގެ ގަދަރު އުފުލޭފަދަ މަސައްކަތްކުރުމަށާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށްކުރެވޭ މަސައްކަތުގެ ދަށުންނާއި، ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ ދެމެދު އެކުވެރިކަން ދަމަހައްޓައި އިތުރަށް ބަދަހިކުރުމުގެ ބޭނުމުގައެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 436 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  
ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުމެއް މިދެންނެވުމާއެކު އެވަނީއެވެ. 

 
ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫ.އޭ.އީ)ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް
1.      ދިވެހި ސަރުކާރާއި ޔޫ.އޭ.އީ ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އެކުވެރިކަން ދަމަހައްޓައި، އެކަން ބަދަހިކުރުމަށް މަސައްކަތް ކުރުން.
2.      ޔޫ.އޭ.އީ ސަރުކާރުގެ އިސް ފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާގެ ފަރާތްތަކާއި، ޔޫ.އޭ.އީގައި ޙަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
3.      ޔޫ.އޭ.އީގައި ހިނގާ މުހިންމު ސިޔާސީ، އިޤްތިޞާދީ ކަންކަމާއި އެނޫންވެސް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
4.      ޔޫ.އޭ.އީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫ.އޭ.އީގައި ހުރި ފުރުޞަތުތަކާބެހޭ މަޢްލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ޔޫ.އޭ.އީގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން.
5.      ޔޫ.އޭ.އީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖްތިމާޢީ ޙަފްލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
6.      ރާއްޖޭގެ މިނިވަންދުވަސް ޔޫ.އޭ.އީގައި ފާހަގަކުރުން.
7.      ޔޫ.އޭ.އީ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން.
8.      ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫޢުތައް ވިލަރެސްކުރެއްވުމާއި ފޮލޯއަޕްކުރެއްވުން.
9.      މީހުން ބިނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުން.
10.އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އަދި އެނޫންވެސް މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
11.ތާރީޚަށްޓަކައި އަދި އެނޫންވެސް ގޮތަކުން ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، އެނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
12. ސަރުކާރުގެ ފަރާތްތަކުން ޔޫ.އޭ.އީ ސަރުކާރަށާއި، ޔޫ.އޭ.އީގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
13. ޔޫ.އޭ.އީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ދިވެހި ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
14. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވައިފި ހިނދެއްގައި ޔޫ.އޭ.އީއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޔޫ.އޭ.އީގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ހޯދުމަށް މަސައްކަތް ކުރުން.
15. ޔޫ.އޭ.އީގައި އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
16.ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
17.ޔޫ.އޭ.އީ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ޔޫ.އޭ.އީގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި އެހީތެރިކަން ފޯރުވައިދިނުން.
18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.