ވާހަކަ ދެއްކުމަށް އެމް.ޑީ.ޕީ.އިން ތައްޔާރަށް އޮތް ކަމަށް ޢާންމުކޮށް އިޢުލާން ކޮށްފައިވާތީ، ދިވެހި ސަރުކާރުން އެކަމަށް މަރުޙަބާ ވިދާޅުވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ޢައްބާސް ޢާދިލް ރިޒާ ހާމަކުރައްވައިފިއެވެ.

ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓާ ގުޅޭ މަޝްވަރާތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޢައްބާސް ވިދާޅުވީ، އެއްވެސް ޝަރުޠަކާނުލާ ރާއްޖޭގެ މަސްރަޙް ފިނިކުރުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް ދައްކަން ސަރުކާރުން ތައްޔާރަށް އޮތް ކަމުގައެވެ.

ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިންގެ މަރުކަޒުތަކަށް ގެއްލުންދީ، ޢާންމު ރައްޔިތުންގެ މުދަލާއި ގޯތިގެދޮރަށް ގެއްލުންދީ، ޓެރަރިޒަމްގެ ޢަމަލުތައް ހިންގުން އެމްޑީޕީ.އިން ހުއްޓަންޖެހޭ ކަމުގައި ޢައްބާސް ޢާދިލް ރިޒާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތަކުން އެ ހިންގާ ޙަރަކާތްތައް އެއީ، ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަކަށް އަދި އެމީހުންނަށް ޤާނޫނުން އެއްކިބާ ކުރުމަށްޓަކައި ދެކެވޭ އެއްވެސް ވާހަކައެއްގައި ދިވެހި ސަރުކާރުން ބައިވެރިނުވާނެ ކަމުގައި ޢައްބާސް ވިދާޅުވިއެވެ.

"ދިވެހި ސަރުކާރުން ބޭނުމެއް ނުވޭ، ޤާނޫނާ ޚިލާފަށް އެއްވެސް އެއްބަސްވުމެއް އެއްބަސްވާކަށް. ދިވެހިރާއްޖޭގެ ރައްޔިތުން އެދޭ އަމާން ވެށްޓެއް، ދިވެހިރާއްޖޭގައި ޤާއިމް ކުރެވޭނީ، ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓާލައިގެން، އެކަންތައްކުރާ މީހުންނަށް އޭގެ ޙައްޤު އަދަބު ލިބިގެން." ޢައްބާސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ތަންތަނުގައި ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް ގެއްލުންދިން މީހުން ދޫކޮށްލުމަށް އެމް.ޑީ.ޕީ.އިން ކޮށްފައިވާ ޝަރުޠާ ގުޅޭގޮތުން ސަރުކާރުން ދުވަހަކުވެސް ވާހަކަ ނުދައްކާނެކަން ޢައްބާސް ހާމަކުރެއްވިއެވެ. އަދި ފުލުހުން ތަޙްޤީޤު ކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިގެން، އެ އޮފީހުން ޕްރޮސެކިއުޓް ކުރަމުންދާ އެއްވެސް މައްސަލައެއް، އެއީ މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްގެ މައްސަލައެއް ކަމުގައިވިޔަސް އަދި އޭގެ ކުރީގެ މައްސަލައެއް ކަމުގައިވިޔަސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މި ސަރުކާރުން އެއްވެސް ގޮތަކަށް ވަދެ، އެކަން ހުއްޓުވަން ނުވަތަ އެއަށް ނުފޫޒު ފޯރުވަން އެއްވެސް ޢަމަލެއް ނުހިންގާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެއްވެސް މުޒާހަރާއަކާ ގުޅިގެން، ޓެރަރިޒަމްގެ ތުހުމަތު އެއްވެސް ފަރާތަކަށް ކުރެވޭ ހިނދެއްގައި، ސަރުކާރުގެ ފަރާތުން ކުރާ މަޝްވަރާތަކެއްގައި، އެމީހުން އެކަމުން ބަރީއަ ކުރުމަށްޓަކައި، އެޒާތުގެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަޤީންކަންވެސް ޢައްބާސް ޢާދިލް ރިޒާ ދެއްވިއެވެ.