ސަރުކާރުގެ އިދާރާތަކަށް ޢައްޔަނު ކުރެއްވި ސިޔާސީ ބޭފުޅުން، މަގާމުގެ މަސައްކަތަށް އަހުލުވެރިކުރެއްވުމަށްޓަކައި ބޭނުންވާ މަޢްލޫމާތާއި މަސައްކަތުގެ ދާއިރާއިން ކޮންމެހެން ބޭނުންވާނެ މަޢުލޫމާތުތައް ފޯރުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ސެމިނާރެއް ބާއްވަވައިފިއެވެ.

އެ އޮފީހުގައި މިއަދު ބޭއްވެވި ސެމިނާރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ރޭވިފައިވާ ގޮތާއި، ސަރުކާރު ހިންގުމުގެ މައިގަނޑު އުސޫލުތަކާއި، ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު އޮޅުންފިލުއްވައިދެއްވުމާއި، ކޮރަޕްޝަން ހުއްޓުވުމާބެހޭ މުހިންމު މަޢްލޫމާތު ދެއްވުން ހިމެނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންނާ ދޭތެރޭ ޢަމަލުކުރެއްވުމުގައި ސިޔާސީ މުވައްޒަފުން ވިސްނާވަޑައިގަންނަވަންޖެހޭ މުހިންމު ކަންކަމާބެހޭގޮތުންނާއި، ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ކަންތައްތަކުގައި ސިޔާސީ އިސްމުވައްޒަފުން ސަމާލުކަންދެއްވަންޖެހޭ ބައެއް މުހިންމު ކަންތައްތައް އޮޅުންފިލުއްވައިދެއްވުންވެސް ހިމެނެއެވެ.

މި ދެންނެވި ކަންކަމާބެހޭގޮތުން މި ސެމިނާރުގައި ސިޔާސީ ބޭފުޅުންނަށް މައްލޫމާތު ދެއްވައި ކަންކަން އޮޅުންފިލުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަންނީ ބޭފުޅުންނެވެ.

މިއަދު ބޭއްވެވި ސެމިނާރު ޚާއްޞަ ކުރައްވާފައިވަނީ، ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށާއި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިސްބޭފުޅުންނަށެވެ. ޑެޕިޔުޓީ މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންނަށް ބާއްވަވާ ސެމިނާރު އޮންނާނީ އަންނަ ހަފްތާގައެވެ.