بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި މި އުންމަތުގެ ނަބިއްޔާ محـمَّد صلّى اللّـه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ޢިއްޒަތްތެރި މިނިސްޓަރ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަޅުގަނޑުމެންގެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް. އަދި މިތާ ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ގާފަރުގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ފުރަތަމަވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން މިއަދު ތިޔަ ދެއްކެވި ނަމޫނާއަކީ ތީ ރާއްޖޭގެ އެހެން ހުރިހާ ރަށްރަށުންވެސް ފެންނާނެ ޙަޤީޤަތަކަށްވާނެ ކަމަށް. ތިޔަބޭފުޅުން ތިދެއްވި ހޫނު މަރްޙަބާއާއި ތަރުޙީބަކީ އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ތިޔަބޭފުޅުން މި ޤައުމުދެކެ ލޯބިފުޅުވާތީ ދެއްވި ތަރުޙީބު.

އާދެ! ސަރުކާރަށް މިއައި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެކަން އަޅުގަނޑުމެން މިއަދު ހަނދާން ނައްތާލައިގެން ނުވާނެ. އެކަން އެގޮތަށް ދިމާވާންޖެހުނީ، އެއީ މިދަންނަވާ އާބާދީގެ އިސްކޮށް، އެބޭފުޅުންގެ ލީޑަރަކަށް ހުންނެވި ބޭފުޅަކު ޢަމަލު ކުރެއްވި ގޮތުން. އަޅުގަނޑު މިދަންނަވަނީ، އެމް.ޑީ.ޕީ.ގެ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުން، އެބޭފުޅުންގެ ލީޑަރަކަށް ޢައްޔަން ކުރެއްވި ބޭފުޅަކު، އެބޭފުޅުންނާ ދޭތެރޭ ކަންތައް ކުރެއްވި ގޮތަކުންނޭ، މި މައްސަލަ ނުކުމެގެން މިއުޅެނީ. އެމް.ޑީ.ޕީ އެއީ އަޅުގަނޑުވެސް އެ ޕާޓީއެއްގައި އުޅުނު ޕާޓީއެއް. އަޅުގަނޑަށް އެނގޭ، އެ ޕާޓީގެ ހުރިހާ މެންބަރުންނަކީ އެއީ ބުއްދި ގޯސްވެފައި ތިބި ބައެއް ނޫންކަން. އަދި އެބައެއްގެ ފިކުރުގެ ސަބަބުން މިޤައުމު ހަލާކުކޮށްލާނެ ބައެއްވެސް ނޫންކަން އަޅުގަނޑަށް ޔަޤީންކުރެވޭ. އެހެން ނަމަވެސް، ވަރަށްބޮޑު އިތުބާރަކާއެކީގައި، އެ ޕާޓީގެ ވެރިކަމާ މި ޤައުމުގެ ވެރިކަން ވަކިބޭފުޅަކާ ޙަވާލުކުރުމުން، ރައްޔިތުން އެބޭފުޅަކަށް އެކުރި އިތުބާރު ހަނދުމަފުޅެއް ނެތް. އަޅުގަނޑުމެން އެންމެން އެބޭފުޅަކަށް އެރުވި ތާއީދު ހަނދުމަފުޅުނެތިގެން، މުޅި ޤައުމު އެބޭފުޅާއަށް ކުރި އިތުބާރު ހަނދުމަފުޅުނެތިގެން، އަމިއްލަ އެދުމަށްޓަކައި އަދި ކައިރީގައި ތިބި މަދު ބައެއްގެ ފައިދާއަށްޓަކައި ޢަމަލު ކުރައްވަން ފެށްޓެވި ގޮތުން، އެންމެފަހުން ގޮސް އަމިއްލަފުޅަށް އެމަނިކުފާނު ހެއްދެވި ގޯހެއްގެ ސަބަބުން މި ޤައުމު މިވަނީ ވަރަށް ނިކަމެތި ޙާލަތަކަށް އައިއްސަ.

އެމް.ޑީ.ޕީ.ގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު މިއަދު ގޮވާލަން. ތިޔަބޭފުޅުންނަކީ މިޤައުމުދެކެ ލޯބިވާ، ތިޔަބޭފުޅުންގެ މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުން ދިރިއުޅޭ ލޮބުވެތި ޤައުމު. މި ޤައުމު ހަލާކުކޮށްލުމަށްޓަކައި، މި ޤައުމު ނިކަމެތި ކޮށްލުމަށްޓަކައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުން ބޭނުންފުޅެއް ނުވާނެ. އެހެންވީމާ، އެމް.ޑީ.ޕީ.ގެ ތެރޭގައި ތިބި މަދު ބަޔަކު މިއަދު ޞުލްޙަނުވެގެން އުޅޭ ސަބަބު އަޅުގަނޑު ދަންނަވާނަން. މި ރާއްޖޭގެ އެސެޓްތަކުގެ ތެރެއިން، މުދާތަކުގެ ތެރެއިން، އެމް.ޑީ.ޕީ.ގެ މަދުބަޔަކަށް ވަނީ ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްދީފައި. މިވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ފަޅު ރަށްތަކާއި، ފަޅުތަކާއި، ކުންފުނިތަކާއި، ވަރުވަރުގެ މުދާތައް އެމް.ޑީ.ޕީ.ގެ މަދުބަޔަކަށް ވަނީ ލިބިފައި. ކުއްލިއަކަށް މިއައި ބަދަލާ ގުޅިގެން، މިދެންނެވި މަދުބަޔަކު ވަނީ ވަރަށްބޮޑު ހިތްހަމަނުޖެހުމެއްގެ ތެރެއަށް، ހިތާމައެއްގެ ތެރެއަށް ގޮއްސަ. ޤައުމަށް މިއަދު ކުރިމަތިވެފައިވާ ނުރައްކަލަކީ، އެފަރާތްތަކުން ކުރިމަތިވާ ނުރައްކަލެއް. ކޮންމެގޮތެއް ހަދާފައިވެސް އެމީހުން ބޭނުންވަނީ، އެމީހުންނަށް ގެއްލުނު ފުރްޞަތުތައް އަނބުރާ ހޯދަން. އެ ވަރިހަމަ މުޅި ޤައުމު ހަލާކުކޮށްލާފައިވެސް. އެހެންވީމާ، މިފަދަ ޙާލަތަކަށް ގޮއްސަ މިއޮތީ. އެކަމަކު އަޅުގަނޑު ދަންނަވަން، އެމް.ޑީ.ޕީ.ގެ ގިނަ މެންބަރުންނަކީ، މިދެންނެވި ޖަރީމާތަކާއި، މިދެންނެވި ހަލާކުގެ ތެރޭގައި ބައިވެރިވެފައިވާ ބައެއް ނޫން. އެހެންވީމާ، މިއަދު ތިޔަބޭފުޅުން އެބަ ވިސްނާވަޑައިގަންނަވަންޖެހޭ، ކިހާ ދުވަހަކުތޯ، އެމް.ޑީ.ޕީ.ގެ އިސްކޮށް ތިބި މަދު ބަޔަކު އެ ދައްކާ ވާހަކައަށް ތިޔަބޭފުޅުން އަޑުއައްސަވައިގެން ތަބަޢަވާންވީ.

އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެން އެންމެން އެއްބައިވެގެން. އަޅުގަނޑުމެން އެންމެން އެކަކު އަނެކަކުދެކެ ލޯބިވެގެން، އިޙްތިރާމްކޮށްގެން، އެކުވެރިވެގެން. އެހެންވީމާ، ދެވަނަ ވިސްނުމަކަށް އެމް.ޑީ.ޕީ.ގެ ހުރިހާ ބޭފުޅުން ވަޑައިގަތުމަށް އަޅުގަނޑު މިއަދު އިލްތިމާސް ކުރަން. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ޤައުމާއިގެން ކުރިއަށް ދެވޭކަށް. އަޅުގަނޑުމެންނަށް މިދެންނެވި މަދު ބައެއްގެ ފަރާތުން، އެމް.ޑީ.ޕީ.ގައި ތިބި މަދު ބައެއްގެ ފަރާތުން، އަޅުގަނޑުމެން ޙައިރާންވާންޖެހޭ ކަމަކީ، އެމީހުންނަކީ އެއްވެސް ޙައިޘިއްޔަތެއްވެސް އޮތް ބައެއް ނޫނޭ އެމް.ޑީ.ޕީ.ގެ ތެރޭގައިވެސް. އެމް.ޑީ.ޕީ.ގައިވެސް އެބަތިއްބޭ، ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ވެރިން. އެބޭފުޅުން ތިބިގޮތަށް ތިއްބާ، އެއްވެސް ޙައިޘިއްޔަތެއް ނެތް ބައެއް ނުކުމެގެން، އެމް.ޑީ.ޕީ. ޙިޞާރުކޮށްގެން، އެމް.ޑީ.ޕީ.ގެ ފަރާތުން މި ވާހަކަ ދައްކަމުން ގެންދަނީ ޤައުމު ހަލާކުކޮށްލުމަށްޓަކައި. އޭގެތެރެއިން ބައެއް ބޭފުޅުން ތެދުވެ މި ވިދާޅުވަނީ، ތަންތާނގައި ހުޅުޖަހާށޭ، ތަންތަން ރޯކުރާށޭ، މީހުންގެ ފުރާނައަށް ގެއްލުންދޭށޭ. އެހެން އެވާހަކަފުޅުތައް ދެއްކެވީމާ، ދެން ވެގެންދާގޮތް އަޅުގަނޑުމެންނަށް އެބަފެނޭ މިހާރު.

މިއަދު ތަކުރާރުކޮށް، ސިލްސިލާކޮށް މިތާނގައި ވާހަކަ ދެއްކެވި ބޭފުޅުން އެ ވިދާޅުވީ، ޤައުމަށް ލިބެމުންދާ ގެއްލުންތައް. މިކަން ފެށީ ފެބްރުއަރީ 8 ވަނަ ދުވަހު. އަޅުގަނޑުގެ ދެލޮލުން އަޅުގަނޑު ދުށިން، އައްޑުއަތޮޅަށް ދީފައި އޮތް ގެއްލުން. އެ ގެއްލުން ލޮލުން ފެނުނު މީހަކު ކަރުނައަޅާނެ. ދުވަހަކުވެސް ޤައުމެއްގެ ބަޔަކު، އެ ޤައުމެއްގެ އަޚުންނާއި އުޚުތުންނަށް ދޭންނުވާވަރުގެ ބޮޑު ގެއްލުމެއް، ބޮޑު ޖަރީމާއެއް ވަނީ އައްޑުއަތޮޅުގައި ހިންގާފައި. އޭގެތެރެއިން އެންމެބޮޑު ގެއްލުމަކަށް ލިބިފައިވާ ގެއްލުމަކީ، އައްޑުއަތޮޅު ރައްޔިތުންގެ ޝަރުޢީ ލިޔުންތައްވަނީ މުޅިން އަންދައި ނެތިކޮށްލެވިފައި. އެލިޔުންތަކުގެ ތެރޭގައި ހިމެނިގެންވަނީ އައްޑުއަތޮޅު ރައްޔިތުންގެ ހުރިހާ ޙައްޤުތަކެއް. ރައްޔިތުންނަށް ލިބިފައިވާ ބިންބިމުގެ ލިޔުންތައް، ކައިވެނި ވަރީގެ ސެޓްފިކެޓްތައް، މިހެންގޮސް ނިމިފައިވާ ޝަރީޢަތްތަކުގެ ރިޕޯޓްތައް، މިހުރިހާ އެއްޗެއްވަނީ އަނދާ އަޅިއަށްވެފައި. މިއީކީ އަގުކުރެވޭނެ ގެއްލުމެއް ނޫން. މިވަރުގެ ބޮޑު ޖަރީމާއެއް ހިންގި ބަޔަކު އަދިވެސް އެބައުޅޭ. އަދި ހަމަ އެހެން އެއަށްފަހުގައި، ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް، ޚާއްޞަކޮށް، ހުވަދުއަތޮޅު ތިނަދޫގައި އަދި އެހެނިހެން ރަށްރަށުގައިވެސް މިވަރުގެ ބޮޑެތި ޖަރީމާތައް ހިންގާފައި އެބަހުރި.

ގދ. ތިނަދުއަކީ އަޅުގަނޑުގެ މަންމަގެ ރަށް. އަޅުގަނޑު މިއަދު ހިތާމަކުރަން. އެރަށުގެ ރައްޔިތުން ތިބީ އެމް.ޑީ.ޕީ.ގެ ބައެއްގެ ބިރުވެރިކަމެއްގެ ތެރޭގައި ތާށިވެފައި. އިއްޔެ އަޅުގަނޑަށް ލިބުނު ޚަބަރަކީ، އަޅުގަނޑުގެ ދެބެންގެ ދެދަރި ކޮއްކޮއެއްގެ ގެ، އެމް.ޑީ.ޕީ މީހުން އަންދާލި ވާހަކަ. ދެންމެ އޭގެއިތުރުން ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފި، މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ކުރަމުންދާ ދުއްތުރާއި ދެމުންދާ ގެއްލުން. މިކަމުގެ ތެރެއަށް މިދަނީ އެމް.ޑީ.ޕީ.ގެ އިސްކޮށް ތިބި މަދު ބައެއްގެ އިރުޝާދުގެ ދަށުން. އެމީހުންދޭ ހިތްވަރުގެ ދަށުން. މިކަންކަން މިގޮތަށް ކުރިއަށްދާކަށް އަޅުގަނޑުމެންނަކަށް އަބަދު ބަލަހައްޓައިގެންނެއް ނުތިބެވޭނެ. އަޅުގަނޑުމެންގެ ކެތްތެރިކަންވެސް ވަކިވަރަކަށް އޮންނާނީ. އެހެން ނަމަވެސް، ޤައުމު ހަލާކުވެގެންދާއިރުގައި، ޤައުމު ބޮޑު އަނދަވަޅެއްގެ ތެރެއަށް ގޮސްގެން އުޅޭއިރުގައި، އަޅުގަނޑުމެންނަކަށް ބަލަހައްޓައިގެން ނުތިބެވޭނެ. އަޅުގަނޑުމެންނަށް ތާރީޚުން މިބާވަތުގެ ކަންކަން ފެނިއްޖެ. އޭގެ ސަބަބުން ނުކުންނަ ހިތްދަތިކަމާއި، ހިތާމަ އަޅުގަނޑުމެންނަށް ފެނިއްޖެ.

ދާދިފަހުން އިސްލާމީ ޤައުމެއް ހަމަ، އެފްރިކާގެ ޤައުމެއް ކަމުގައިވާ ސޫދާނުގައި. ސޫދާނުގެ ދެކުނު ސަރަޙައްދުގައި، ހަމަ އެޤައުމުގެ ބަޔަކު، އެކިއެކި ރަށްތައް އަންދައި، އެކިމީހުން މަރާހެދިތަން އަޅުގަނޑުމެން ދެކެފީމު. އެކަންކުރި މީހުން މިއަދު އެތިބީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި. ހަމަ އޭގެކުރިން، ކުރީގެ ޔޫގޮސްލާވިޔާ، ބޮސްނިއާފަދަ ތަންތާނގައި ބޮޑެތި ޖަރީމާތައް ހިންގައިފި. އަޅުގަނޑު އެފްރިކާގައި މަސައްކަތް ކުރަން ހުއްޓައި، އަޅުގަނޑަށް ދާންޖެހުނު، ބުރުންޑުއާއި ރުވާންޑާގެ ސަރަޙައްދަށް. އެތަނުން ނުކުންނަމުން އައި ރެފިއުޖީންނަށް އެހީވެދޭން. އޭރު ރުވާންޑާގައި ހިނގި ބޮޑު ޖަރީމާތަކެއް ފަހުން. މިބާވަތުގެ ކަންކަން އަޅުގަނޑުމެންނަށް އެބަހުރި ފެނިފައި، ދުނިޔޭގެ އެތަން މިތަނުން. މިކަންކަން ކޮށްފައި ހުރީކީވެސް ނުކިޔަވާ ތިބި ތަންދޮރު ނުދަންނަ މީހުންނެއްވެސް ނޫން. ހަމަ ކިޔަވައިގެން ތިބި ހަމަ ރަނގަޅު މީސްމީހުން. މި ދެންނެވި ޙާލަތަށް ގޮސް، އެންމެފަހުން ބޮޑެތި ޖަރީމާތައް ހިންގާފައި ހުރީ. ދެންމެ ދިޔާނާ ވިދާޅުވިހެން. ވަކި ވައްތަރެއްގެ ފިކުރަކަށް ގޮސް، އެކަން ވަކި ހިސާބަކަށް ގެންދެވުނީމާ، މީހާގެ ބުއްދި ފިލައިގެންގޮސް، ބޮޑެތި ޖަރީމާތައް އެބަ ހިންގާ.

ދިވެހިރާއްޖެ އެހިސާބަށްދިޔަކަ އަޅުގަނޑު ނުވެސްދޭނަން. ދިވެހިރާއްޖޭގައި އޮތީ ޑިމޮކްރަސީއެއް. ދިވެހިރާއްޖޭގައި އޮތީ ޚުދު މުޚްތާރު ވެރިކަމެއް ނޫން. ޚުދު މުޚުތާރު ވެރިކަމެއް އޮތްނަމަ ވަރަށް ފަސޭހަވީސް އަޅުގަނޑަށް. އޭރަށް މީހުން ގެނެސް ހިފާ ހައްޔަރުކޮށް، އެމީހުންނަށް ދޭންޖެހޭ އަދަބުތައް ދެވުނީސް. އެހެން ނަމަވެސް، މި ޤައުމުގައި ޢަދުލު އިންޞާފްގެ ނިޒާމް ޤާއިމްވެފައި އޮތީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ، ޢަދުލު އިންޞާފް ޤާއިމް ކުރުމުގައި، އެކިއެކި މަސްއޫލިއްޔަތުތައް މިއޮތީ އެކިއެކި ފަރާތްތަކަށް ޚާއްޞަ ކުރެވިފައި. އެގޮތުން، އެކިކަންކަމުގެ ތަޙުޤީޤު ހިންގުމުގެ ކަންތައް މިއޮތީ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި. އެކަންކަން ބަރާބަރަށް ގެންދިޔުމަށް އަޅުގަނޑު ފުލުހުންނަށް އިލްތިމާސް ކުރަން. އެކަންކަން އަވަސް ކުރެއްވުމަށް އަޅުގަނޑު ފުލުހުންނަށް އިލްތިމާސް ކުރަން.

އާދެ! ދެން އެ ތަޙުޤީޤުތައް މިދަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިކަމުގައި ޤައުމީ ޙާލަތަށް ވިސްނައި، މިއަދު ޤައުމަށް ދިމާވެފައިވާ ނުރައްކާތެރި ކަމަށް ވިސްނައި، ޕްރޮސެކިއުޓަރ ޖެނެރަލްވެސް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ނައިބުވެސް މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދޭން އެބަޖެހޭ. އަޅުގަނޑު އެހާ ހިތްހަމަޖެހިގެނެއް ނޫން މިހިރީކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްދާގޮތާމެދަކު. އެ އެންމެންގެ ތެރޭގައިވެސް ސިޔާސީ ޕާޓީތަކުގެ ނުފޫޒު ވަދެފައި ހުރިކަން އަޅުގަނޑަށް އެނގޭ. އެކަމުން މިއަދު އަޅުގަނޑުމެން އެބަޖެހޭ އެއްކިބާވާން. އެކަމުން އެބަ ސަލާމަތްވާންޖެހޭ. އެނޫން ގޮތަކަށް މި ޤައުމު ސަލާމަތްކުރެވޭކަށް ނެތް. މައްސަލަތައް އެބަޖެހޭ ކޯޓްތަކަށްދާން. ޕްރޮސެކިއުޓަރ ޖެނެރަލް އެކަން ކުރައްވަންހުރީ. އަޅުގަނޑު ޔަޤީންކުރަން، އެމަނިކުފާނުގެ ވާޖިބު އެމަނިކުފާނު ބަރާބަރަށް އަދާކުރައްވާނެ ކަމަށް. މިޤައުމުގެ ސަލާމަތަށްޓަކައި. އެއަށްފަހު، އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑުމެންގެ ކޯޓުތަކަށް މިމައްސަލަތައް އަވަސް އަވަހަށް ނިންމަވައިދެއްވުމަށް.

ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ، އެންމެ ތަހުޒީބުވެފައިވާ ކަމަށް މިބުނާ އަދި އެންމެބޮޑު ޑިމޮކްރަސީއެއް އޮތް ކަމަށް މިބުނާ އިނގިރޭސިވިލާތުގައި، އަދި އަޅުގަނޑުމެންނަށް ޑިމޮކްރަސީ ދަސްކޮށްދޭން މިތަނަށް އައިސްގެން މިއުޅޭ އިނގިރޭސިވިލާތުން. ސަރުކާރުގެ ތަންތާނގައި ރޯކުރީމާ، ހަފްތާއެއްވީއިރު އެކަންކުރި މީހުންނަށް ތިބީ އަދަބުދީފައި. މިއަދު އަޅުގަނޑުމެން އެކަން ކުރަން އުޅުނީމާ، އަޅުގަނޑުމެން ކައިރީ މިބުނަނީ ތިކަން ނުކުރާށޭ. ތި މީސްމީހުން ހިފާ ހައްޔަރު ނުކުރާށޭ. ތިޔައީ ސިޔާސީ މީހުންނޭ. ކޮން ސިޔާސީ މީހުންނެއްތޯ؟ ސިޔާސީ މީހުން ކަންތައް ކުރަންޖެހޭ ގޮތަކަށް ނޫން ކަންތައް ކުރަމުން އެގެންދަނީކީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ރާއްޖޭގެ އަމަންއަމާންކަން ހިފެހެއްޓުމަށްޓަކައި އަޅުގަނޑުމެންނަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން، އަޅުގަނޑުމެން ސާބިތުކަމާއެކީގައި ތިބޭނަން.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑުމެންނަށް މިރަށުން ތިދެއްވި ތަރުޙީބަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިއަދު މިވީ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި، އަޅުގަނޑަށް ވަރަށް ސާފުވެއްޖެ، މިރަށަކީވެސް ވަރަށް ބޮޑަށް ސަރުކާރުން ހަމަ އިހުމާލު ކުރެވިފައި އޮތް ރަށެއްކަން. އެހެން ނޫނިއްޔާ ކީއްވެގެންތޯ، ތިން އަހަރު ދުވަސް ވަންދެން މިތަނަށް ލެބް އިކްއިޕްމަންޓް ގެނެސްފައި ފޮރުވާފައި ބަހައްޓަންޖެހެނީ. ކާކު ގަބޫލު ކުރާނެ ކަމެއްތޯ؟ ބޭރުގެ އެހީއެއްގައި ނުވަތަ ދައުލަތުގެ ބަޖެޓުން މިތާނގެ ޞިއްޙީ މަރްކަޒުގައި ޓެސްޓް ކުރެވެންޖެހޭ ލެބް، އެ ބޭނުންކުރަންޖެހޭ އެކިއެކި މެޝިންތައް ގެނެސް، މިތާނގައި ފޮރުވާފައި ހުންނަތާ ތިން އަހަރުވެއްޖެ. މިއީކީއެއް ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫނޭ. ދެން މިތާނގެ ސްކޫލް، ސްކޫލްގެ ކްލާސްރޫމް. އެތަން ބޮޑުކުރުމަށްޓަކައި ބިންކޮޅެއް ހޯދަން ސަރުކާރުގައި ބުނެފައި އޮންނަތާ ކިތަންމެ ދުވަހެއް. އެކަން އަދިވެސްނުވޭ. އަޅުގަނޑު ޔަޤީންކޮށް އަރުވަން. އެކަންކަން އިރާދަކުރެއްވިއްޔާ މާދަމާ ހަމަޖެހޭނެ.

ތިޔަބޭފުޅުން ވަރަށްގިނަ ކަންތައްތަކުގައި އެބަ އެދިވަޑައިގަންނަވާ. އަޅުގަނޑަކަށް މިތާ ހުރެފައި، އެހުރިހާ ކަމެއްގެ ޔަޤީންކަމެއް ނޭރުވޭނެ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ތިޔަބޭފުޅުން އެދިވަޑައިގެންފައި ހުރި ކަންތައްތައް ވަރަށް ގާތުން ބަލައި، އޭގެތެރެއިން ހަމަ މިހާރުން މިހާރަށްވެސް ކުރެވެންހުރި ކަންތައްކޮށް، އެހުރިހާ ކަމަކަށްވެސް އަޅުގަނޑު ސަމާލުކަންދޭނެ ވާހަކަ ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން.

އަޅުގަނޑުމެން މިއަދު މިރަށަށް މިއައީ ވަރަށް ޚާއްޞަ ބޭނުމެއްގައި. އެއީ މިހާރު އަޅުގަނޑުމެން ސަރުކާރުން އެކުލަވައިލާފައިވާ އިއްތިޙާދުގެ ތާއީދު އޮވެގެން، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލައްވާފައި މި އިންނެވި އަލްފާޟިލް ޢަބްދުﷲ ޖާބިރު. އެމަނިކުފާނުގެ ކެމްޕޭން މިހާރު ހިނގަމުން އެބަދޭ. އަޅުގަނޑުގެ ސަރުކާރަށް އެއްބާރުލުންދެއްވައި، އެކަމުގައި އެހީތެރިވެވަޑައިގެންދެއްވާ ޕާޓީއެއް، ޖުމްހޫރީ ޕާޓީއަކީ. އަދި އެ އިއްތިޙާދުގައި ޖުމްހޫރީ ޕާޓީން ކޮށްދެއްވާ މަސައްކަތާއި، ބަހައްޓަވާ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ ރައީސަށް އަޅުގަނޑު ޤާސިމް އިބްރާހީމަށް އަޅުގަނޑުގެ ހިތުގެ އަޑިން އަޅުގަނޑު ޝުކުރު ދަންނަވަން ޤާސިމަށް. އަޅުގަނޑު އެދެން، ތިޔަ ހުރިހާ ބޭފުޅުންގެވެސް އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިދާއިރާގެ އިންތިޚާބުގައި އަލްފާޟިލް ޢަބްދުﷲ ޖާބިރަށް ތާއީދުކޮށްދެއްވާނެ ކަމަށް.

އާދެ! ވަރަށްގިނައިރުވެއްޖެ. އެހެންވީމާ، އަޅުގަނޑު ގިނަ ވާހަކަ ދައްކާކަށްނެތިން. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދުޢާކުރަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން. އަދި މިރަށަކީ ފާގަތި، އުފާވެރި، ޞުލްޙަވެރި ތަނެއް ކަމުގައި ލެއްވެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه