ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާއި އަދި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން، ތަހުނިޔާ ދަންނަވަން ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، ސަލާން ކުރައްވައިފިއެވެ. ސަލާން ކުރެއްވުން އޮތީ މިއަދު ހެނދުނު 10.00 އިން 11.30 އަށް މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ތަހުނިޔާ ދަންނަވަން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުންނާއި، ބޭރުގެ ބައެއް ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ އަދަދެއްގެ ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން، ތަހުނިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޙާޒިރުވިއެވެ.