އަމަންއަމާންކަން ޤާއިމްކުރާ މީހުންނަށް ހިތްވަރުދީ، އެމީހުންނަށް ދޭންޖެހޭ އިޙްތިރާމްދީ، އަޅުގަނޑުމެންގެ ތެރޭގައި ޢަދުލު އިންޞާފް ޤާއިމް ކުރުމަށާއި، ޤާނޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި ފަރުދީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެ އަތޮޅު ކާށިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. އަޅުގަނޑުމެންގެ ދަރިންނަށް، ޚާއްޞަކޮށް، ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށާއި ޒުވާނުންނަށް މިއަދު ފެންނަމުންމިދާ މަންޒަރަކީ، އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ މަންޒަރެއް ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ޢަދުލު އިންޞާފް ޤާއިމްކުރާ ފަނޑިޔާރުންނާއި، އެކިއެކިވަރުގެ ވެރިންނަކީ، ކޮންމެހެން އިޙްތިރާމް ކުރަންޖެހޭ ބައެއް ނޫން ކަމަށް ދެކި، އެމީހުންނާ ދޭތެރޭގައި އިހާނެތިކޮށް ކަންތައްތައް ކުރަމުންދާނަމަ، މި ޤައުމު، ޤައުމެއްގެ ގޮތުގައި ނޯންނާނެ ކަމަށާއި، އަޅުގަނޑުމެންގެ ޖަމާޢަތް، ޖަމާޢަތެއްގެ ގޮތުގައި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނައި، އަތުކުރި އޮޅާލައިގެން، މަސައްކަތްތަކެއް ކުރަން އެބަޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަރުދީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މީޑިއާގެ ވަސީލަތްތަކުން އިވޭ ކުޑަކުދިންނާ ނުގުޅޭ ކަހަލަ އަޑުތައް، އެކުދިންނަށް ނީއްވުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުދިންނަށް ފެންނަންނުވާ ބައެއް މަންޒަރުތައް، ކުދިންނަށް ފެންނަގޮތަށް ގޭތެރޭގައި ބަލަމުން ގެންދިޔުމާމެދު އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަށާއި، މިކަމަށް ސަމާލުކަންދޭންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ޖަމާޢަތެއްގައިވެސް ގަވާއިދުތަކެއް އޮންނަންޖެހޭ ކަމަށާއި، އެ ގަވާއިދުތަކާ އެއްގޮތަށް ނޫޅެންޏާ، ދާދި އަވަހަށް އެތާނގައި ފިތުނަފަސާދަ އުފެދި، އެ ޖަމާޢަތް ހަލާކުވެގެން ހިނގައިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޛުކޮށް، އަޅުގަނޑުމެން ޙިމާޔަތްކޮށްދީ، އަމަންއަމާންކަން ޤާއިމްކޮށްދިނުމަށް ފުލުހުންނާއި، ބޭރުން އަތުވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ސިފައިންނާއި، އަޅުގަނޑުމެންގެ ޙައްޤު ހޯދައިދޭން އޮތް ޢަދުލު އިންޞާފް ޤާއިމްކުރާ ނިޒާމްގައި ފަނޑިޔާރުންނާއި، ޤައުމު ހިންގަން ވެރިން ތިބެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ދިވެހިރާއްޖޭގައި ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ބުއްދީގައި ތިބި، ކިޔަވައިގެން ތިބި ބަޔަކު، މިފަދަ މުއައްސަސާތައް ޤަބޫލުނުކުރާ ތަނާއި، މި މުއައްސަސާތަކުގައި ތިބޭ ފަރާތްތަކަށް އެކި ބާވަތުގެ ޙަމަލާތައް ދީ، އެމީހުންގެ ޤަދަރު ކަނޑުވާލުމަށްޓަކައި، ބަޔަކު މަސައްކަތް ކުރަމުން ގެންދާތަން ކަމުގައި ވިދާޅުވިއެވެ. އަދި މިޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، ބޮޑެތިވަމުން އަންނަ ޒުވާނުންނަށާއި ކުޑަކުދިންނަށް މިފަދަ މަންޒަރުތައް ނުދެއްކުމަކީ، ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.