بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުމެން މިރަށަށް އައިސް ފޭބިއިރު، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވި މަރްޙަބާ، އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނުނެތޭނެ. އަދި ހަމައެއާއެކީގައި އަޅުގަނޑުޖެހޭ ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން، އެއީ ވަރަށްގިނައިރު ވަންދެން ރަތްދަކަ އަވީގައި އަޅުގަނޑުމެންގެ އިންތިޒާރުގައި، ތިޔަބޭފުޅުން، އާދެ! ތުއްޕުޅު ބޭފުޅުންވެސް ގޮވައިގެން ވަޑައިގެން ތިއްބެވީތީ، އަޅުގަނޑުމެން ވަރަށް ދެރަވެއްޖައިން. އެކަމަށްޓަކައި މަޢާފް ކުރެއްވުން އެދެން. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ ވަޑައިގެންދެއްވީތީ.

އާދެ! މިއަދު މާދިގު ވާހަކަތަކެއް ދައްކާހާ ވަގުތެއް ނެތް މިހާރަކު. އެހެންނަމަވެސް، އަޅުގަނޑު ދެތިން އެއްޗެއް ދަންނަވާލާނަން. އާދެ! މިހާރު އަޅުގަނޑުމެން ވިސްނާލަންޖެހޭ ދެތިން ނުކުތާއެއްގެ މައްޗަށް އަޅުގަނޑު އެއްޗެއް ދަންނަވާލާނީ. އަޅުގަނޑުމެން ރަށެއް ނަމަވެސް، އަތޮޅެއް ނަމަވެސް، ޤައުމެއް ނަމަވެސް، އަޅުގަނޑުމެން އުޅެމުން މިދަނީ ޖަމާޢަތެއްގެ ތެރޭގައި. ކޮންމެ ޖަމާޢަތެއްގައިވެސް އޮންނަންޖެހޭ ގަވާއިދުތަކެއް. އަޅުގަނޑުމެންނަށް ގަވާއިދުތަކެއްނެތި، ޤާނޫނެއްނެތި ޖަމާޢަތެއްގައި ނުއެއް އުޅެވޭނެ. އެ ގަވާއިދުތަކާ އެއްގޮތަށް ނޫޅެންޏާ ވާނެގޮތަކީ، އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަނެވި، އެކަކު އަނެކަކަށް އުނދަގޫކޮށް، އެމީހަކު ބޭނުން ގޮތަކަށް އެމީހަކު އުޅޭނީ. ދާދި އަވަހަށް އެތާނގައި ފިތުނަފަސާދަ އުފެދި، މީހުންނަށް އުޅެން އުނދަގޫވެދާނެ. ތަޅާފޮޅަން ފަށާފާނެ. އިސާހިތަކު އެ ޖަމާޢަތް ހަލާކުވެގެން ހިނގައިދާނެ. ކޮންމެ ޖަމާޢަތަކަށްވެސް އުޅެވޭނީ، ގަވާއިދުތަކެއް އޮވެގެން، ޤާނޫނުތަކެއް އޮވެގެން. އަދި އެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޛު ކުރެވިގެން. އެކަން ކުރާނެ ބަޔަކުވެސް އެބަ ބޭނުންވޭ. އެހެންވެގެން އަޅުގަނޑުމެން ފުލުހުންނާއި، އޮފީސް އޮފީހުގެ މީހުންނާއި، މަގާމުތަކަށް މީހުންލައިގެން، އެމީހުންނާ މަސައްކަތް ޙަވާލުކޮށްގެން މިއުޅެނީ. އެ ގަވާއިދުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ޖަމާޢަތް ހިންގުމަށްޓަކައި.

ދެން ހަމަ އެހެން އަޅުގަނޑުމެން އެބަޖެހޭ، ބޭރުން އަތުވެދާނެ ނުރައްކަލަކަށްވެސް ސަލާމަތުން ތިބެން. އެހެން ޖަމާޢަތެއްގެ ފަރާތުން، އެހެން ޤައުމެއްގެ ފަރާތުން އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އެކަމަށް ތައްޔާރުވެގެން ތިބެން. އެހެންވެގެން އަޅުގަނޑުމެން މިޖެހެނީ ސިފައިން އުފައްދަން. ސިފައިންގެ ލަޝްކަރު އުފައްދައި، އަޅުގަނޑުމެން މި ތިބެންޖެހެނީ އެކަމަށް ތައްޔާރުވެގެން. މިދެންނެވި ފިޔަވަޅުތައް އަޅައިގެން، ހުރިހާ ޖަމާޢަތްތަކެއްވެސް އުޅެމުން އަންނަނީ. ހުރިހާ ޤައުމުތަކެއްވެސް އުޅެމުން އަންނަނީ.

މިއަދު ދިވެހިރާއްޖޭގައި ފެންނަމުން މިދަނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެއް. އެ މަންޒަރަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ރަނގަޅު ބުއްދީގައި ތިބި، ކިޔަވައިގެން ތިބި ބަޔަކު، މިހާރު ގަބޫލެއް ނުކުރޭ، އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން ޙިމާޔަތްކޮށްދޭން، އަމަންއަމާންކަން ޤާއިމްކޮށްދޭން ތިބި ފުލުހުން އެއީ، ތިބެންޖެހޭ ބައެއް ކަމަކަށް. ނޫނީވިއްޔާ އަޅުގަނޑުމެންނަށް ބޭރުން އަތުވެދާނެ ނުރައްކަލަކަށްޓަކައި އަޅުގަނޑުމެންގެ ތައްޔާރުކޮށްފައި ތިބި ސިފައިން އެއީ ތިބެންޖެހޭ ބައެއް ކަމަކަށްވެސް އެއްބަހެއްނުވޭ. އަދި އަޅުގަނޑުމެން އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަތީމާ، އަޅުގަނޑުމެންގެ ޙައްޤު ހޯދައިދޭން އޮތް ޢަދުލު އިންޞާފް ޤާއިމްކުރާ ނިޒާމްގައި ތިބި ފަނޑިޔާރުންނަކީ ތިބެންޖެހޭ ބައެއް ކަމަކަށް ނުދެކޭ. ދެން ޤައުމުގެ ވެރިކަމާއި ކަންކަން ހިންގަން ތިބޭ ވެރިންނަކީ ތިބެންޖެހޭ ބައެއް ކަމަކަށްވެސް ނުދެކޭ. މި ޙާލަތަށް އަޅުގަނޑުމެންގެ ޤައުމުގެ ކަންތައް މިއަދު މިއޮތީ ގޮއްސަ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިފެންނަނީ، މި ދެންނެވި މުއައްސަސާތަކުގައި ތިބޭ މީހުންނަށް އެކިއެކި ބާވަތް ބާވަތުގެ ޙަމަލާތައް ދެމުންގެންދާ ތަން. އަދި އެމީހުންގެ ޤަދަރު ކަނޑުވާލުމަށްޓަކައި، އަގު ވައްޓާލުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުން ގެންދާތަން.

ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ، މިކަހަލަ ރަށެއްގައި އޮތް ކުޑަ އާބާދީއެއްގައި، ދެހާހެއްހާ މީހުން އުޅޭ ދިރިއުޅޭ ރަށެއްގައިވެސް ކިހިނެއްތޯ އަޅުގަނޑުމެން އަމަންއަމާންކަމާއެކީގައި އުޅޭނީ، އަޅުގަނޑުމެންގެ ތެރޭގައި ގަވާއިދުތަކެއްނެތި. އެމީހަކު ހިތަށްއެރި ގޮތަކަށް އެމީހަކު އުޅެން ވެއްޖިއްޔާ، ދެން އުޅޭނެ ގޮތެއް ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ. އެހެންވީމާ، މިއީ އަޅުގަނޑުމެން މިއަދު ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ދަރިންނަށް، ޚާއްޞަކޮށް، ބޮޑުވަމުން އަންނަ ޒުވާނުންނަށާއި ކުޑަކުދިންނަށް ފެންނަމުންމިދާ މަންޒަރަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި އަޅުގަނޑުމެން ޤަދަރުކުރަންޖެހޭ ދުވަސްވީ މީހުންނަށްވެސް، އަޅުގަނޑުމެންގެ ޢަދުލު އިންޞާފް ޤާއިމްކުރާ ފަނޑިޔާރުންނަށްވެސް އަދި އެކިވަރުވަރުގެ ވެރިންނަށްވެސް، ސިފައިންނަށްވެސް މިބުނަނީ މިއީކީ ކޮންމެހެން އިޙްތިރާމެއް ކުރަންޖެހޭ ބައެއް ނޫނޭ. މިއީ އަޅުގަނޑުމެން ހިތުހުރި އެއްޗެއް ގޮވައި، ހިތުހުރި ގޮތެއް ހަދައި، އިހާނެތިކޮށް ކަންތައް ކުރަންތިބި ބަޔެކޭ. މިމޭރުމުން އަޅުގަނޑުމެން ކަންތައް ކޮށްފިއްޔާ، ދެން ވާނެގޮތް ވިސްނާވަޑައިގަންނަވާ. މިޤައުމު، ޤައުމެއްގެ ގޮތަކު ނޯންނާނެ. އަޅުގަނޑުމެންގެ ޖަމާޢަތް، ޖަމާޢަތެއްގެ ގޮތަކު ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަމުގައި އަޅުގަނޑުމެން އެންމެން، ބަޔަކު ފުންކޮށް ވިސްނައި، އަތުކުރި އޮޅާލައިގެން، މިދެންނެވި ގޮތަށް މަސައްކަތްކުރާ މީހުންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޢަދުލު އިންޞާފް ޤާއިމްކުރާ މީހުންނަށް، އަޅުގަނޑުމެންގެ އަމަންއަމާންކަން ޤާއިމްކުރާ މީހުންނަށް ހިތްވަރުދީ، އެމީހުންނަށް ދޭންޖެހޭ އިޙްތިރާމް، އެމީހުންނަށްދީ، އަޅުގަނޑުމެންގެ ތެރޭގައި ޢަދުލު އިންޞާފް ޤާއިމް ކުރުމަށް ޤާނޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ފަރުދީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަން. ފަރުދީ ފެންވަރެއްގައި ކުރެވޭ މަސައްކަތްތަކަކީ، އަޅުގަނޑުމެން ގޭގޭތެރޭގައި ހުރި ޓީ.ވީ އާއި ރޭޑިޔޯއާ، މިއެއްޗެހިން، މިދެންނެވި ކަންތައްތަކާ ދެކޮޅަށް ދައްކާ ޕްރޮގްރާމްތައް، އަޅުގަނޑުމެންގެ ކުދިންނަށް އަޑު ނީއްވުން. އަޅުގަނޑުމެންގެ ކުދިންނަށް މިދެންނެވިކަހަލަ އަޑުތައް ވީހާވެސްވަރަކަށް ނީއްވާވޭތޯ ބެލުން. މިއީކީ މިހާރު ފަސޭހަ ކަމެއް ނޫންކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، އަޅުގަނޑުމެންވެސް މިއީ ޢާއިލާއެއް ކަމަށްވާނަމަ، ޢާއިލާގެ ތެރޭގައި އެބަޖެހޭ އެއްބަސްވުމަކަށް އަންނަން. ޢާއިލާގެތެރޭ ބައެއް މީހުން މިދެންނެވިކަހަލަ މަންޒަރުތައް ކުދިންނަށް ފެންނަގޮތަށް ގޭތެރޭގައި ޓީ.ވީ އަބަދު އަޅުވައިގެން ތިބުން. ނޫނީވިއްޔާ ރޭޑިޔޯއިން އަންނަ މިބާވަތުގެ ވާހަކަތައް އަޑުއިވޭނެގޮތަށް ރޭޑިޔޯ ހުޅުވައިގެން ތިބުން. މިކަންކަމަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަން ދޭން. ސަމާލުކަންދީ، އެބާވަތުގެ ޕްރޮގްރާމްތައް ޚާއްޞަކޮށް، ކުޑަކުދިންނަށް ނީވޭނެގޮތަކަށް އަޅުގަނޑުމެން ކަންތައް ކުރަން.

ހަމައެއާއެކީގައި، އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންގެ ޖަމާޢަތްތަކުން އަޅުގަނޑުމެންގެ ފުލުހުންނާއި ސިފައިންނާ އެކުވެރިވެ އެއްބައިވަންތަކަމާއެކީގައި ކަންތައްތަކެއް ކުރަން ފަށަން. އަޅުގަނޑު ހީކުރަން، ވަރަށް އަވަސް ފުރްޞަތެއްގައި، އެބާވަތުގެ ޙަރަކާތްތައް ހިންގުމުގެ ޗާންސް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. އެއީ، ރަށް ސާފުކުރުން ކަމުގައިވިނަމަވެސް، ނޫނީވިއްޔާ ސްކޫލްގައި ދަވާދުލުން ކަމުގައިވިނަމަވެސް، މިކަންކަން ކުރުމުގައި ހުރިހާ ފަރާތްތައް ގުޅިގެން، އިޖްތިމާޢީ މަސައްކަތްތައް ކުރަން ފަށަން. އޭގެ ސަބަބުން މިއެކުވެރިކަން ބަދަހިވެ، އެއްބަޔަކު އަނެއް ބައެއްގެ ތެރޭގައި ކުރާ އިޙްތިރާމް އިތުރުވެގެންދާނެ. މިދެންނެވި ކަންތަކަށް އަޅުގަނޑުމެންޖެހޭ ވަރަށްބޮޑު ސަމާލުކަމެއް މިއަދު ދޭން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ މިރަށް އެކަންޏެއް ނޫން، ހުރިހާ ރަށެއްގައިވެސް އަދި ޚާއްޞަކޮށް، މާލޭގައި މިދެންނެވިކަހަލަ ކަންތައްތަކެއް ރޭވިގެންދާނެ ކަމަށް.

ދެން އާދެ! މިރަށަށް އަޅުގަނޑު އައިސް، މިރަށް ބަލައިލިއިރުގައި، މިއީ ވަރަށްބޮޑު، ވަރަށް އުންމީދީ ރަށެއް ކަމަށް އަޅުގަނޑަށް މިފެންނަނީ. ދެން މިހާރު އަޅުގަނޑުމެންނަށް މިއިވިގެންދިޔަ އަޑުތަކުން އަޅުގަނޑަށް އެނގޭ، މިރަށުގެ މުސްތަޤްބަލް ވަރަށް އުޖާލާވާނެ ކަމަށް. އެކަމަށްޓަކައި މިހާރު މަޝްރޫޢުތަކެއް އެބަ ޚިޔާރު ކުރެވޭ. އެއިން ބައެއް މަޝްރޫޢުތައް އަޅުގަނޑަށް މިއަދު ފެނިއްޖެ. އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަހަށް އެކަންކަން ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް. އަޅުގަނޑަށް އެނގޭ، މިރަށުގެ ޒުވާނުންގެ އުންމީދަކީ ވަޒީފާ އިތުރުވުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ވަޒީފާ އިތުރުވާނެ މަޝްރޫޢުތައް މިތާ ފެށިގެންދާނެ.

ދެން އޮތީ މިރަށުގެ ތަޢުލީމުގެ ކަންތައް. ތަޢުލީމް މިހާރު އޮތީ އަލުން ބަލައިލަން ޖެހިފައި. މިރަށުގެ ސްކޫލް މިއޮތީ ވަރަށް ދެރަ ޙާލެއްގައި. މިކަމާ ދޭތެރޭގައި އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރަށް އަޅުގަނޑު ދަންނަވާނަން. ޚާއްޞަ ގޮތެއްގައި، މިރަށުގެ ސްކޫލްގެ ކަންތައްތައް ބައްލަވައިދެއްވުމަށް.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަ މަސައްކަތް ކުރަމުން ގެންދާނީ، އަބަދުވެސް މިހުރިހާ ސިޔާސީ ބޭފުޅުންނާ އެކީގައި، ހުރިހާ ސިޔާސީ ބޭފުޅުން ގޮވައިގެން، އެކީގައި މަސައްކަތް ކޮށްގެން، މި ޤައުމާއިގެން ކުރިއަށް ދެވޭތޯ. އަދި ދިވެހިރާއްޖޭގެ ހަމަ ކޮންމެ ޖަމާޢަތަކީވެސް އެކުވެރި، ޞުލްޙަވެރި، އެއްބައިވަންތަ ތަނެއް ކަމުގައި ހެދުމަށް. އެހެންވީމާ، އަޅުގަނޑުދާ ކޮންމެ ރަށެއްގައިވެސް އަޅުގަނޑު މިބާވަތުގެ ވާހަކަ ދެން ދައްކާނީ. އަޅުގަނޑު އުންމީދު ކުރަން، މި ވާހަކައިގެ އިތުރުން އަދި ޙަރަކާތްތަކެއްވެސް ރޭވިގެން ކަންތައްތަކެއް ކުރެވޭނެ ކަމަށް. އެހެންވީމާ، މިރަށުގައިވެސް މިހާރު ތިޔަބޭފުޅުން ތައްޔާރުވެވަޑައިގަންނަވަމުން ތިދަނީ ކުރިއަށް އޮތް އިންތިޚާބަކަށް. އެ އިންތިޚާބުގައިވެސް ތިޔަބޭފުޅުންނަށް ރަށަށް އެންމެބޮޑު ކުރިއެރުމެއް ލިބޭނެ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ތިޔަބޭފުޅުންނަށް އަޅުގަނޑަށް ހީވަނީ މިހާރު ސާފުވެވަޑައިގަންނަވާނެހެން. އެހެންވީމާ، އެގޮތަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުމެން މިހާރުގެ ސަރުކާރަށް ތާއީދުކުރާ ހުރިހާ ފަރާތްތަކަކުންވެސް އަޅުގަނޑަށް ޔަޤީންކުރެވޭ، މިދާއިރާގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ މި އިންނެވި ޢަބްދުﷲ ޖާބިރަށް ހުރިހާ ޕާޓީތަކަކުންވެސް ތާއީދު ކުރައްވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު އެދެން، ހުރިހާ ބޭފުޅުންވެސް ޖާބިރަށް ސަޕޯޓްކޮށްދެއްވުން.

އާދެ! ކުރިން ދެންނެވިހެން މާގިނަ ވަގުތުތަކެއް މިއަދަކު ނެތް. ކަންދިމާވި ގޮތުން އަޅުގަނޑުމެން އެބަޖެހޭ ފުރަން. އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ފަށްފަށުން އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް އިޚްލާޞްތެރިކަމާއެކީ، ލޯތްބާއެކީ ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه