ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާއި އަދި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ދެންނެވުމަށް ވަރަށްގިނަ ފަރާތްތަކުން އެދެމުންދާތީ، އެ ފުރްޞަތު މާދަމާ ހުޅުއްވާލައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާއާއި ތަހުނިޔާ ދެންނެވުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަލާމް ކުރެއްވުން އޮންނާނީ، މާދަމާ ހެނދުނު 10.00 ން 11.30 އަށް މުލީއާގޭގައެވެ.

ތަހުނިޔާ ދަންނަވަން ބޭނުންފުޅުވާ ބޭފުޅުން، މުލީއާގެއަށް ވަޑައިގަތުމުގެ ފުރްޞަތު ޢާންމުކޮށްވަނީ ހުޅުއްވާލައްވާފައެވެ. އެހެންކަމުން، ސަލާމް ކުރެއްވުމަށް ވަޑައިގަތުމަށް އެއްވެސް ބޭފުޅަކަށް ވަކިން ދަޢުވަތު އެރުވުމެއް ނޯންނާނެއެވެ. ތަހުނިޔާ ދެންނެވުމަށް ވަޑައިގަންނަވާއިރު، ކުޑަކުދިން ގެންނެވުމަކީ އެންމެ ރަނގަޅު ކަމެކެވެ.

ތަހުނިޔާ ދަންނަވަން މުލީއާގެއަށް ވަޑައިގަންނަވާ ބޭފުޅުން، މުލީއާގެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މެދުޒިޔާރަތް މަގަށް ހުންނަ ބޮޑު ދޮރޯށިންނެވެ.