ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ހަލަބޮލިކަމުގެ ތެރެއިންވެސް ފަސްޖެހިވަޑައިގަތުމެއްނެތި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން، އެކިރަށްރަށުގެ ކައުންސިލްތަކުން އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ. ކައުންސިލްތަކުން ފޮނުއްވަމުން ގެންދަވާ ތަހުނިޔާގެ މެސެޖްތަކުގައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުގައި ދެއްކެވި ކެތްތެރިކަމާއި ހިތްވަރާއި އަދި ގެންގުޅުއްވި ހިތްތިރިކަން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާއާއި މަޞްލަޙަތު ހުރިގޮތަށް ރާއްޖޭގެ ކަންކަން ހިންގެވުމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތާއި، އެކަމަށް ދެއްވާ އަހަންމިއްޔަތަށްޓަކައިވެސް ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.