އެކިކަންކަމުގެ ތަޙްޤީޤު ހިންގުން އޮތީ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ކަމަށާއި، އެކަންކަން ބަރާބަރަށް ގެންދެވުމަށާއި، އެކަންކަން އަވަސްކުރެއްވުމަށް ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ފުލުހުންނަށް މި އިލްތިމާސް ކުރެއްވީ އެމަނިކުފާނު މިއަދު މާލެއަތޮޅު ގާފަރަށް ވަޑައިގެން ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޤައުމަށް މިއަދު ދިމާވެފައިވާ ނުރައްކާތަކަށް ވިސްނާވަޑައިގެން، މިޤައުމުގެ ސަލާމަތަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްވެސް އެމަނިކުފާނުގެ ވާޖިބު ބަރާބަރަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މައްސަލަތައް އަވަހަށް ނިންމަވައި ދެއްވުމަށް ކޯޓުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމް.ޑި.ޕީ އިން މާލެއާއި އެކި ރަށްރަށުގައި ހިންގަމުން ގެންދާ ޖަރީމާތަކާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށާއި، ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށާއި، އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ކުރަމުން ގެންދާ ދުއްތުރާއާއި ދެމުންގެންދާ ގެއްލުންތައް ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ. އަދި މިކަންކަން ކުރަމުންދަނީ އެމް.ޑީ.ޕީ.ގެ އިސްކޮށް ތިބި މަދުބައެއްގެ އިރުޝާދާއި އެމީހުންދޭ ހިތްވަރުގެ ސަބަބުންކަމާއި، އެމް.ޑީ.ޕީ.ގެ ގިނަ މެންބަރުންނަކީ މި ހިންގާ ޖަރީމާތަކުގައި ބައިވެރިވާ މެންބަރުން ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމު ހަލާކުވެގެންދާއިރު އަދި ޤައުމު ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓެން އުޅޭއިރުގައި ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި، އަޅުގަނޑުމެންގެ ކެތްތެރިކަންވެސް ހުންނާނީ ވަކި ވަރަކަށް ކަމަށެވެ. ދުނިޔޭގެ އެކިތަންތަނުން މިބާވަތުގެ ކަންތައްތައް ފެނިއްޖެ ކަމަށާއި، އޭގެ ސަބަބުން، ލިބޭ ހިތާމައާއި ހިތްދަތިކަންވެސް އަޅުގަނޑުމެންނަށް ފެނިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަކި ވައްތަރެއްގެ ފިކުރަކަށް ގޮސް، އެކަން ވަކި ހިސާބަކަށް ގެންދެވުނީމާ މީހާގެ ބުއްދި ފިލައިގެންގޮސް ބޮޑެތި ޖަރީމާތައް ހިންގަނީ ކަމަށް ވިދާޅުވެ، ދިވެހިރާއްޖެ މި ހިސާބަށް ދިޔަކަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގައި އޮތީ ޑިމޮކްރަސީއެވެ. ޚުދުމުޚުތާރުވެރިކަމެއް ނޫނެވެ. މި ޤައުމުގައި ޢަދުލުއިންޞާފުގެ ނިޒާމު ޤާއިމުވެފައި އޮތީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.