2012 މާޗް 21 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލުގެންނެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުން އެގޮތަށް ލަފާ ދެއްވާފައިވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރަސްމީ ގަޑިއަށް މިބަދަލު ގެންނެވުމާ ގުޅިގެން، މެންދުރު ކެއުމަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް ދެއްވުމަށާއި،  މި ހުސްވަގުތުކޮޅު،  މެންދުރު 12.00 ން 12.30 އަށް ނުވަތަ 12.30 ން 1.00 އަށް ދެއްވުމަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މެންދުރު ކެއުމަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން، މުވައްޒަފުން ނަމާދު ކުރުމަށް، މެންދުރު ނަމާދުގެ ވަގުތު ފާއިތުވުމުގެ ކުރިން 15 މިނިޓްގެ ހުސްވަގުތުކޮޅެއް ދެއްވުމަށްވެސް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދެންނެވި ގޮތަށް ހަމަޖެއްސެވި ނަމަވެސް، ޑިއުޓީ އުޞޫލުން ޚިދްމަތްދޭ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ، އެ މުވައްޒަފެއްގެ ޑިއުޓީ ގަޑި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ރަސްމީ ގަޑިއަށް ބަދަލުނުގެންނަވާ ކަމަށާއި، ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ މިހާރުވެސް ހަމަޖެހިފައިވާ ގޮތުގެ މަތިން ހެނދުނު 9.00 ން މެންދުރުފަހު1.30 އަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމީ ގަޑިއަށް މިބަދަލު ގެންނެވި ކަމުގައިވިޔަސް، އޮފީސްތަކުން ޢާންމު ރައްޔިތުންނަށް ދެއްވާ ޚިދްމަތް މެދުކެނޑިގެން ނުވާނެ ކަމަށާއި، ރަސްމީ ގަޑީގައި ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމަށް އޮފީސްތަކުން ބާރުއެޅުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ