ޓޮންގާގެ ރައީސް ސިޔައޮސީ ޓޫޕައު އަވަހާރަވުމާ ގުޅިގެން، ޓޮންގާގެ ބޮޑުވަޒީރު ޓުއިވަކާނޯއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޓޮންގާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، ޓޮންގާގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ސިޔައޮސީ ޓޫޕައުއަކީ ޓޮންގާއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި، އަދި ޚާއްޞަ ގޮތެއްގައި ޓޮންގާއަށް ޑިމޮކްރަސީ ގެންނަވައި، ޑިމޮކްރަސީގެ އުޞޫލުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ޓޮންގާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޓޮންގާގެ ބޮޑުވަޒީރަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ރައީސް ޓޫޕައުގެ އާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.