އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލު ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ޚާއްޞަ ޖަލްސާއެއް ބޭއްވެވުމަށް ހަމަޖައްސަވައިފިއެވެ. މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަން މިގޮތަށް ނިންމެވީ، އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވުމާއެކު، އެމަނިކުފާނުގެ ޚިދްމަތްތަކުގެ އަގު ވަޒަން ކުރެއްވުމަކީ، މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

މިޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަވާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ. މިޖަލްސާ، ބާއްވަވާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.