މާދަމާއިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެންނެވުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ބަދަލުކުރެއްވުމާ ބެހޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ ބައެއް ފަރާތްތަކާއި، ސިވިލް ސަރވަންޓްސް އެސޯސިއޭޝަނާ ބައްދަލުކުރައްވައި، ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މި ނިންމެވީ، މިދެންނެވި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުގައި ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކާއި، ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

ރަސްމީ ގަޑިއަށް މިބަދަލު ގެންނެވުމާ ގުޅިގެން، މެންދުރު ކެއުމަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް ދެއްވުމަށާއި، މި ހުސްވަގުތުކޮޅު، މެންދުރު 12.00 ން 12.30 އަށް ނުވަތަ 12.30 ން 1.00 އަށް ދެއްވުމަށާއި، އަދި މުވައްޒަފުން މެންދުރުނަމާދު ކުރުމަށް މެންދުރު ނަމާދުގެ ވަގުތު ފާއިތުވުމުގެ ކުރިން 15 މިނިޓްގެ ހުސްވަގުތުކޮޅެއް ދެއްވުމަށްވެސް ނިންމެވިއެވެ. އަދި ރަސްމީ މަސައްކަތު ގަޑީގައި މަސައްކަތުގައި މަސްއޫލުވެ، ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމަށް އޮފީސްތަކުން ބާރުއެޅުއްވުމަށްވެސް ނިންމެވިއެވެ.