އަވަސް ތާރީޚެއްގައި ރިޔާސީ އިންތިޚާބު ބާއްވަން ބޭނުންވާނަމަ، ޤާނޫނުއަސާސީއަށް ބަދަލުތައް ގެނެސް، އިންތިޚާބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސިޔާސީ ލީޑަރުން އެއްމޭޒުދޮށަށް ގެންނެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިވަގުތަކީ އަޅުގަނޑުމެން އެންމެން އެއްބައިވެގެން، އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ވަގުތު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިވަގުތަކީ ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވާ ކަންތައްތަކުގައިވެސް މަޝްވަރާގެ މޭޒުދޮށަށް އައިސް، ވާހަކަ ދައްކައިގެން، ކަންކަން ޙައްލުކުރުމުގެ ވަގުތެވެ. މިރޮނގުން ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ އަވަހަށްވެސް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، އެތާރީޚުގައި އިންތިޚާބު ބޭއްވުމަށް ތާއީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަށްވުރެ އަވަސް ތާރީޚެއްގައި ރިޔާސީ އިންތިޚާބު ބާއްވަން ބޭނުންވާނަމަ، އެކަން ކުރެވޭނީ، ރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، އެމަނިކުފާނު އެންމެބޮޑު އިސްކަމެއް ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރައްވަމުން ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގަވާނެ ކަމުގެ ޔަޤީންކަމާއި، ޢަދުލު އިންޞާފުގެ ބާރަށް އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމައެއާއެކު، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މިނިވަންކަންދީފައިވާ އެއްވެސް މުއައްސަސާއަކަށްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަމާއި، އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް އިރާދަކުރެއްވިއްޔާ އެއްވެސް ފަރާތަކަށް އަމުރު ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމާއެކު، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބަޔަކު ނުކުމެ، ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވާތީ، މި ހިންގި ޢަމަލުތަކުން ލިބުނު މާލީ ގެއްލުންތަކުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ޝަރުޢީ ކޯޓުތަކަށާއި، ރަށު ކައުންސިލްތަކަށާއި، އެތަންތާނގެ ބެލެހެއްޓެވުމުގެ ދަށުގައިވާ ތަންތަނަށާއި، އަމިއްލަ މީހުންގެ މުދަލަށާއި، ގެދޮރަށާއި، ފުލުހުންގެ އިދާރާތަކަށް ލިބުނު ގެއްލުންތަކުގެ މާލީ އަގު ސަތޭކަ އަށްޑިހަ މިލިއަނަށްވުރެ މައްޗަށް އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިޢާދަ ނުކުރެވޭނެފަދައަކުން ގެއްލިގެން ގޮސްފައިވާ އައްޑުއަތޮޅު ރައްޔިތުންގެ ޝަރްޢީ އަރްޝީފްގެ ގެއްލުމުގެ އަގަކީ، މާލީ އެއްވެސް ހިސާބަކުން ވަޒަން ކުރެވޭނެ ގެއްލުމެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު ދިވެހި ރައްޔިތުން ބަލައިގަތް ޤާނޫނުއަސާސީގެ ފައިދާ، ދިވެހިރާއްޖެއަށް ކުރާނީ، އެ ޤާނޫނުއަސާސީ ތަންފީޛު ކުރެވޭ މިންވަރަކުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ޤާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތައް ހަރުދަނާ ކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އުޞޫލުތައް ނެގެހެއްޓުމާއި، އެ އުޞޫލުތައް ދަމަހައްޓަން އުފައްދަންޖެހޭ މީހުން ތަމްރީނު ކުރުމާއި، ޤާނޫނުއަސާސީ ތަންފީޛު ކުރުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައި އޮތީ ކުރަން ޖެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.