ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ސަރ ޑޮނަލްޑް މެކިނަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޞްރަޙާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަވަސް އިންތިޚާބެއް ބާއްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި، އެހެންނަމަވެސް މިކަން ކުރެވެން އޮތީ ރާއްޖޭގެ ޤާނޫނީ ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު، މިނިވަން އިންތިޚާބެއް ބޭއްވޭނީ ރާއްޖޭގައި އަމާން މާޙައުލެއް ޤާއިމްކުރެވިގެން ކަމަށާއި، މި ކަމަށްޓަކައި ހުރިހާ ފަރާތެއްގެ އެހީއާއި އެއްބާރުލުން ބޭނުންވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރ ޑޮނަލްޑް މެކިނަންގެ ވާހަކަފުޅުގައި، މަޝްވަރާ ކޮށްގެން މައްސަލަތައް ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ.