މާތްވެގެންވާ އިސްލާމްދީނަށްޓަކައި އަދި ދިވެހި ޤައުމަށްޓަކައި އެންމެން ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މާލެ ވިލިނގިލީ އަވަށަށް ޒިޔާރަތް ކުރައްވައި، މިއަދު ހަވީރު ވިލިނގިލީ އަވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި، ދެކޮޅުވެރިކަން އުފެދިގެން ކުރިއަކަށް ނުދެވޭނެއެވެ. ޤައުމަކަށް ކުރިއަށް ދެވޭނީ، އަޅުގަނޑުމެން ތެރޭގައި ހުރި ތަފާތުތައް ނައްތާލައިގެންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެން ބޭނުންވާ ޑިމޮކްރަސީ ގެނެވޭނީ އަދި ބޭނުންވާ ތަރައްޤީ ގެނެވޭނީ، ޞުލްޙަވެރި މާޙައުލެއް ޤާއިމްކުރެވި، ދަރިންނަށް އެކަށީގެންވާ ރަނގަޅު ތަޢުލީމެއް ދެވިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އަމަންއަމާންކަން ޤާއިމް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، މަގުމަތީގައި ހިނގަމުންދާ ވިޔާނުދާ ކަންތައްތައް، އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރަކީ ވަކިބައެއްގެ، ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫނެވެ. މިއީ ދިވެހި ހުރިހާ ރައްޔިތުންގެ ސަރުކާރެވެ. އެހެންކަމުން، މިސަރުކާރުން މަސައްކަތް ކުރައްވާނީ، ހުރިހާ ރައްޔިތުންނަކީ، ހަމަހަމަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ވިލިނގިލީ އަވަށު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިހާތަނަށް މިއަވަށް އޮތީ ވަރަށް ބޮޑަށް އިހުމާލުކޮށްފައި ކަމަށާއި، މި އަވަށުގައި މިއަދު ހިންގަވާލެއްވުމުން، މިއަވަށަށް މިދިޔަ ސަރުކާރުން ކޮށްދެއްވި ހަމަ އެންމެ ކަމެއްވެސް ފެނިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. އެހެންމިވީ، ވަކިބައެއްގެ ފިކުރަށް ތާއީދު ލިބިފައި ނުވާތީއާއި، ވަކިބައެއްގެ ފިކުރުގައި އަޅުގަނޑުމެން ނުތިބޭތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ ވިލިނގިލީ އަވަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަތީ މިއަދު ވަރަށް ހަވީރުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.