ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ސަރުކާރަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، މުލަކަތޮޅު މުލަކު ރައްޔިތުންނާއި، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ރައްޔިތުންނާއި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދަންނަވައިފިއެވެ. މިރަށްރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ދެންނެވީ، އެމަނިކުފާނުގެ އަރިހަށް މިރަށްރަށުން މިއަދު ވަޑައިގެންނެވި ވަފްދުތަކުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ކުރެއްވުމުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މިބައްދަލުކުރެއްވުންތަކުގައި، ސަރުކާރާ ދޭތެރޭގައި، އެ ރަށްރަށުގެ ރައްޔިތުން ތިއްބެވީ، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް ވަފްދުތަކުން އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަވަސް އިންތިޚާބެއް ނުބޭއްވެވުމަށާއި، އިސްތިޢުފާ ނުދެއްވުމަށް، މި ވަފްދުތަކުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

މިރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތަކާބެހޭ މަޢުލޫމާތު، ވަފްދުތަކުގެ ބޭފުޅުން، މިބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި މިރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މުލަކު ވަފްދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މުލަކު ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ދިނުމަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށާއި، ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ކުރެއްވެންހުރި ކަންތައްތައް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޑަހުވަދޫ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރުގެ ސިޔާސީ މަސްރަޙުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވައި، މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، އަމަންއަމާންކަން ޤާއިމް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އެކި ރަށްރަށުން ސިޔާސީ ކަންކަމުގައި ސްކޫލްތަކުގެ ދަރިވަރުންނާއި، ކުޑަކުދިން ބައިވެރިކުރަމުން ގެންދާތީ، އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވަމުން، ސިޔާސީ ކަންކަމުގެ އަސަރު، ސްކޫލްތަކަށާއި ކުޑަކުދިންނަށް ފޯރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޑަހުވަދޫ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ވެރިކަން ބަދަލުވެގެންދިޔަގޮތް ތަޙުޤީޤު ކުރައްވަންޖެހޭ ކަމަށާއި، އެކަން ތަޙުޤީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތްޕުޅަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ފާއިތުވި ތިންއަހަރު، ކުޑަހުވަދޫ ދާއިރާއަށް ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަން ވަފްދުގެ ބޭފުޅުން ފާހަގަކުރައްވަމުން، ކުޑަހުވަދޫ ރައްޔިތުންގެ އުންމީދަކީ، ތަރައްޤީގެ ކޮންމެވެސް މަސައްކަތްތަކެއް އެރަށަށް ކޮށްދެއްވުން ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން ކައުންސިލްތައް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާއި، ކުޑަހުވަދޫ ވަފްދުން ހުށަހެޅުއްވި މައްސަލަތައްވެސް ބައްލަވައި، އެކަންކަން ޙައްލު ކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ނިލަންދޫ ވަފްދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ މަސްރަޙު ފިނިކުރެއްވުމަށާއި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ކުރައްވަންހުރި ކަންކަން ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ނިލަންދޫ ވަފްދުގެ ބޭފުޅުންގެ ވާހަކަފުޅުގައި، ނިލަންދުއަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ވީހާވެސް އަވަހަކަށް ޙައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިލަންދުއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން ދަޢުވަތު އެރުވިއެވެ.