އެމެރިކާގެ ކޮންގްރެޝަނަލް ސްޓާފް ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އެމެރިކާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތާއި، ސިޔާސީ މަސްރަޙުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. އަދި މި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.