މިދިޔަ އަހަރު މާޗް 11 ގައި ޖަޕާނުގެ އިރުމަތީ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީ އެރުމުގެ ކާރިޘާއަށް އެއް އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޖަޕާނުގެ ބޮޑު ވަޒީރު ޔޮޝިހީކޯ ނޯޑާއަށް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި، ޖަޕާނަށް ދިމާވި ޤައުމީ ބޮޑު ހިތާމައަކީ، މުޅި ދުނިޔެއަށް ކުއްލި ހައިރާންކަމެއް ގެނުވި ކާރިޘާއެއް ކަމަށާއި، އެކަމުން ކުރިމަތިވި ބިރުވެރިކަމާއި، ގެއްލިގެން ދިޔަ ފުރާނަތަކާއި، ލިބުނު ފޫނުބެއްދޭ ގެއްލުންތަކުގެ ތެރެއިން ދުނިޔެއަށް ހާމަވެގެން ދިޔައީ އެކަކު އަނެކަކަށް އަޅާލައި ހަމްދަރުދީވުމުގެ މިސާލުތަކެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އެ ހާދިސާއަށްފަހު ޖަޕާނުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ޚިލާފު ހިތްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޤުދުރަތީ އެފަދަ ހާދިސާތަކުގެ ސަބަބުން ލިބިގެންދާނެ ގެއްލުމާއި ހިތްދަތިކަން ދިވެހިންނަށް ވަރަށް ރަނގަޅަށް ދެނެގަނެވޭނެ ކަމުގައި ވިދާޅުވަމުން، 2004 ވަނަ އަހަރު ޑިސެމްބަރުމަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިޘާއާ ގުޅިގެން ޖަޕާނުގެ ރައްޔިތުން ދިވެހިންނާ ދޭތެރޭ ބެހެއްޓި އޯގާތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެ އަލުން އާރާސްތުކުރުމަށްޓަކައި ޖަޕާނުން ވެދީފައިވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޝުކުރު އަދާކުރައްވާފައިވެއެވެ.