ސަރުކާރުން އުފައްދަވާފައިވާ ޔޫޓިލިޓީޒް ކުންފުނިތައް، އެއް އޮނިގަނޑެއްގެ ދަށުން ހިންގެވުމަށާއި، އަދި ހެލްތް ސަރވިސަސް ކޯޕަރޭޝަންތައްވެސް، އެއް އޮނިގަނޑެއްގެ ދަށުން ހިންގެވުމަށްޓަކައި، ޔޫޓިލިޓީޒް ކުންފުނިތަކުގެ ބޯޑުތަކާއި، ހެލްތް ސަރވިސަސް ކޯޕަރޭޝަންތަކުގެ ބޯޑުތަކުގައި ތިއްބެވި ބޭފުޅުން މިއަދު ވަކިކުރައްވައި، ޔޫޓިލިޓީޒް ކުންފުނިތަކަށް 7 ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަގުތީ ބޯޑަކާއި، އަދި ހެލްތް ސަރވިސަސް ކޯޕަރޭޝަންތަކަށް 7 ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަގުތީ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އެކުލަވައިލައްވައިފިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، ޔޫޓިލިޓީޒް ކުންފުނިތަކާއި، ހެލްތް ސަރވިސަސް ކޯޕަރޭޝަންތައް ހިންގަވާނެ އުޞޫލުތަކެއް ކަނޑައެޅުއްވުމަށް ބޭނުންވާ ފަންނީ ލަފާ ދެއްވުމަށާއި، އެކަންކަން މުރާޖަޢާ ކުރައްވައި، އިތުރަށް ހަރުދަނާ ކުރެއްވުމަށް ހުށަހަޅުއްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައެވެ.