ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދާ "މޯލްޑިވްސް ވޮލަންޓިއަރސް ކޯ" 2012 ފެބްރުއަރީ    19 ވަނަ ދުވަހު އުވާލައްވައި، އެތަނާ ޙަވާލުކުރައްވާފައިވާ މަސައްކަތްތައް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްއިން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
         
މޯލްޑިވްސް ވޮލަންޓިއަރސް ކޯ އުވާލެއްވީ، އެ އިދާރާއާ ހަވާލުކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކަކީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްއިން މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމަށްވުމާއި، އެއްބާވަތެއްގެ މަސައްކަތްތަކެއް ދެ ތަނަކުން ކުރަމުން ގެންދިޔުމުގައި އިދާރީގޮތުން ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ، މި މަސައްކަތް ކުރެއްވުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް މިހާރަށް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.