އޭ.އެފް.ސީ ޗެލެންޖް ކަޕްގައި ރާއްޖެ މިއަދު ނޭޕާލާ ބައްދަލުކޮށް ކުޅުނު މެޗުން ރާއްޖެ މޮޅުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރާއްޖޭގެ ޤައުމީ ޓީމަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިއަދުގެ މެޗު ރާއްޖެ ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މި ލަނޑު ޖަހައިދިނީ މުޙަންމަދު ރަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ޤައުމީ ޓީމުގެ މެނޭޖަރ އިބްރާހީމް ޢާމިރަށާއި ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤާ މިރޭ ފޯނުން ގުޅުއްވައި، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރާއެކު ކުޅެ މެޗު ކާމިޔާބު ކުރިކަން އެއީ، ރާއްޖެއަށް ޓީމް ހޯދައިދިން ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވިއެވެ. އަދި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށާއި ކުރި ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ ސާބަސް ދެއްވައި، ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި ކޯޗަށާއި މެނޭޖަރަށާއި އޮފިޝަލުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެ އަންނަ ހޯމަ ދުވަހު ފަލަސްޠީނާ ބައްދަލުކޮށް ކުޅޭ މެޗުވެސް ކާމިޔާބު ކުރުމަށް އާ ޢަޒުމަކާއެކު ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.