بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މާއުނގޫދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިރަށަށް ނިސްބަތްވެވަޑައިގަންނަވާ މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ ސަލީމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑަށް މިރަށަށް އާދެވުނު ފުރަތަމަފަހަރު ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. މިރަށް ފެނިފައި، އަޅުގަނޑު ހިތަށް އެބައަރާ، މިއީ ހާދަހާ ރީތި ރަށެކޭ. މިރަށުގެ ބޮޑެތި ގަސްތައް ފެނިފައި އަޅުގަނޑު ހިތަށްއެރީ، މިއީ ހާދަ ހިތްފަސޭހަ ރަށެކޭ. އަޅުގަނޑެއް ނުދެނަހުރިން، މީގެ ދެތިން ދުވަސް ކުރީގައި، މިރަށުގެ ބޭފުޅެއް ކަމެއް ޢަލީ ސަލީމް. ފުރަތަމަ އަޅުގަނޑު ޢަލީ ސަލީމް ދުށީ ޓީ.ވީ އިން. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ވަރަށް ބަލާޣާތްތެރިކަމާއެކީގައި، ރައްޔިތުންގެ ޙައްޤުތައް ދިފާޢު ކުރައްވައި، ވަރަށް ވަރުގަދަ ވާހަކަފުޅުތައް ދައްކަވަން ފެށީމާ، އަޅުގަނޑު ހިތަށްއެރި، މިއީ އަނެއްކާ ކޮން ބޭފުޅެއްބާއޭ. އެހިސާބުން އަޅުގަނޑަށް ޢަލީ ސަލީމް، މި އެނގުނީ. އަޅުގަނޑަށް ހީވަނީ، މިރަށުގެ ރައްޔިތުން ތިބޭފުޅާއާ ދޭތެރޭ ވަރަށް ފަޚްރުވެރިވާހެން.

އާދެ! މިއިން އަޅުގަނޑަށް ދޭހަވަނީ، މިރަށުގެ ރައްޔިތުންނަކީ، ތަޢުލީމަށް ލޯބިކުރާ، ދިވެހި ޤައުމުގެ މައްސަލަތަކާ ދޭތެރޭގައި ވިސްނައި، ފިކުރުކޮށް، ރަށުގެ ތަރައްޤީއާއި މިޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ބައެއްކަން. އަޅުގަނޑުމެން މިހާރު މަސައްކަތް ފަށާފައި މިވަނީ، ޤައުމު ވަކި މިޞްރާބަކަށް ދަނިކޮށް، އެ މިޞްރާބުން އަނެއްކާވެސް ރަނގަޅު ދިމާއަކަށް، މި ޤައުމުގެ ނައު އަނބުރާލެވޭތޯ. އަޅުގަނޑުމެން ރައްޔިތުންގެ މިނިވަންކަމަށާއި، ރައްޔިތުންގެ ޙައްޤުތަކަށް މަސައްކަތް ކުރަމުން އައިސް، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރުމަށްޓަކައި، އާ ޤާނޫނުއަސާސީއެއް ފާސްކޮށް، ވެރިކަންވެސް ބަދަލުކުރީ، 2008 ވަނަ އަހަރު، މިދެންނެވި މަޤްޞަދުގައި، ދިވެހި ޤައުމު ކުރިއަށްވުރެން ރަނގަޅު މިޞްރާބެއްގައި ޑިމޮކްރަސީއާ ދިމާލަށް ދަތުރުކުރުމަށްޓަކައި. އެހެން ނަމަވެސް، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޑިމޮކްރަސީގެ މަގުން ދިވެހި ޤައުމު ކައްސާލިތަން. ދިވެހި ޤައުމު އެހެން ދިމާއަކަށް މިޞްރާބުޖަހަން ފެށިތަން. ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފަށް، ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް ބެލުމެއްނެތި، ރައްޔިތުންގެ ފަރުދީ މިނިވަންކަމަށް އެއްވެސް ބެލުމެއްނެތި، ސަރުކާރު ހިންގަވަން ތިއްބެވި ބައެއް ބޭފުޅުން، ޤައުމުގެ މިޞްރާބު ކަސިޔާރުކޮށްލި.

މިއަދު ޤައުމަށް އައިސްފައިވާ ބަދަލަކީ، އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ އެންމެންހެން އެދިއެދި ތިބި ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އެކަން މިންވަރު ކުރެއްވުމަށްޓަކައި اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި ހެޔޮ ބަދަލެއް. މީގެ ސަބަބުން އަޅުގަނޑުމެން މަސައްކަތް ކުރާނީ، އަޅުގަނޑުމެންގެ ޤައުމުގެ ނައު، އަމާން ބަނދަރަކަށް ގެންދެވޭތޯ. އަޅުގަނޑުމެން ފަށާފައިވާ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ މަގުގައި، އަނެއްކާވެސް ފައިތިލަ ސާބިތުކޮށް، ޤާނޫނުއަސާސީ ދަމަހައްޓައި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތާ، ޤަޥާޢިދުތަކަށް ބޯލަނބައި، އިސްލާމްދީނުގެ އުޞޫލުތަކަށް އަޅުގަނޑުމެން އިޙްތިރާމްކޮށް، އަޅުގަނޑުމެންގެ ޤައުމު ހެޔޮ މަގެއްގައި ކުރިއަށް ގެންދިޔުމަށް.

އެގޮތުން، މިއަދު އަޅުގަނޑުމެން މިތިބީ، ފެއްސާއި ރަތާއި ހުދުގެ، އަޅުގަނޑުމެންގެ ފަޚްރުވެރި ދިދައިގެ ހިޔަލުގައި. ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ބެލުމެއްނެތި، ޤައުމުގެ މުސްތަޤްބަލަށްޓަކައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން. މިއަދު އަޅުގަނޑުމެންގެ ސަރުކާރުގައި އެބަ ބައިވެރިވެވަޑައިގަންނަވާ، ދިވެހިރާއްޖޭގައި ޢަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ޕާޓީތަކެއް. އަޅުގަނޑުމެން އުންމީދު ކުރަނީ، އެމް.ޑީ.ޕީ.ވެސް އަޅުގަނޑުމެންނާ އެކީގައި އަތުގުޅާލާނެ ކަމަށް.

ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންގޮސް، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވޭނީ، އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށްގެން. ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ދިވެހިރާއްޖޭގައި ތިބި މީސްކޮޅަކީ މަދު މީސްކޮޅެއް. ރާއްޖޭގައި މަތީ ތަޢުލީމް ޙާޞިލްކޮށް، ތަޖްރިބާ ލިބިފައި ތިބި މީސްކޮޅަކީވެސް އެހާ ގިނަ ބައެއް ނޫން. އެހެންވީމާ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމަށްޓަކައި، ޤައުމުގެ ދަރިންނަށް މަތީ ތަޢުލީމް ޙާޞިލްކޮށްދިނުމަށްޓަކައި، ޞިއްޙީ ފަރުވާ ދިނުމަށްޓަކައި އަދިވެސް އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެންގެ ޢިމްރާނީ ކުރިއެރުމާއި، އިޖްތިމާޢީ ކުރިއެރުމަށްޓަކައި މަސައްކަތް ކުރަން ތިބި ބަޔަކީ މަދު ބައެއް. އެހެންވީމާ، މި އެންމެންނަކީ ޕާޓީތަކަކަށް ބައިބައިކޮށްލައިގެން، އެއްބަޔަކު ވެރިކަމަށް އައިސްގެން، ދެން ތިބި އެންމެން އެކަހެރިކޮށްލައިގެން، މި ޤައުމު ކުރިއަށް ގެންދެވޭކަށް އަޅުގަނޑުމެންނަކަށް ނޯންނާނެ.

ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ، އެހެން އެންމެން ބައިވެރިކޮށްގެން މަސައްކަތް ކޮށްގެން ކުރިއަށްދާން. އެހެންވީމާ، އެގޮތުން، އަޅުގަނޑުމެންގެ ސަރުކާރުގައިވެސް އަޅުގަނޑު ބޭނުންވަނީ، ހުރިހާ ޕާޓީތަކެއްގައި ތިއްބެވި ޤާބިލް، ލިޔާޤަތްތެރި، ކަމަށް އެކަށޭނަ ބޭފުޅުން ބައިވެރިކޮށްގެން، ޤައުމު ކުރިއަށް ގެންދިޔުމުގައި، އެންމެ ރަނގަޅަށް ޙިއްޞާ ކުރެވޭނެ ބޭފުޅުންގެ މަސައްކަތް، ޚިދްމަތް އަޅުގަނޑުމެން ހޯދުން. މިދެންނެވި ގޮތަށް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ. އޭގެ ސަބަބުން، ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިއަދު އަޅުގަނޑު މިރަށަށް އައުމުން، މިރަށުންވެސް ހަމަ ފެނިގެން މިދިޔައީ، ރައްޔިތުންގެ އަސާސީ ކިތަންމެ ބޭނުންތަކެއް ފުއްދަންޖެހޭތަން. ހަމަ އެހެނިހެން ރަށްރަށުންވެސް ހަމަ ފެންނަ ގޮތަށް، އަޅުގަނޑުމެންގެ ފެން ތަޣައްޔަރުވުމާއި، ނަރުދަމާގެ ނިޒާމެއް ނެތުމާއި، ބިން ކުޑަވުމާއި، ރަށް ގިރުމާ، މިހެންގޮސް ހަމަ އެއްކަހަލަ މައްސަލަތަކެއް، ހުރިހާ ރަށްރަށަކުންވެސް މިފެންނަނީ. މިރަށުގެ ރައްޔިތުންނަށް މިހާރު އެންމެ ކަންބޮޑުވެފައިވާ އެއްކަމަކީ، ކުނި ނައްތާލުމުގެ ނިޒާމެއް ނެތުން. އާދެ! ރަށުގައި މަދިރި ގިނަވުން. ވީމާ، މިކަމަކީ ޙަޤީޤަތުގައި ބަޔަކު އެކަން ޙައްލުކުރަން އުޅޭ ކަމަށްވާނަމަ، ތިޔަހާ ބޮޑުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ވީމާ، އަޅުގަނޑުމެން މިރަށުގެ ވެރިންނާއި، މިރަށުގެ ކައުންސިލާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރާ، އަޅުގަނޑުމެން އެންމެން އެއްބައިވެގެން، އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑަށް ޔަޤީން، މިކަން އަޅުގަނޑުމެންނަށް ޙައްލު ކުރެވޭނެކަން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަމަށްޓަކައި މިއަހަރު މަސައްކަތް ކުރާނަން. އަޅުގަނޑު ސަރުކާރުގެ ފަރާތުން އެކަމުގައި އަޅުގަނޑުމެން ޒިންމާދާރު ކުރެއްވުމަށްޓަކައި އަޅުގަނޑު އެދެން، އަޅުގަނޑުމެންގެ މެންބަރު ޢަލީ ސަލީމް އެކަމުގައި މަސައްކަތް ކޮށްދެއްވުމަށް.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރާނީ، ވަކިބަޔަކަށް ވަކިގޮތަކަށް ނަހަދައި، ހުރިހާ އެންމެންނަށް ހަމަހަމަކޮށް، މި ސަރުކާރުގެ ޚިދްމަތްތައް ފޯރުކޮށްދެވޭތޯ. ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން އަޅުގަނޑުމެން ދެނެގެން، އެކަންކަން ޙާޞިލް ކުރުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. މިއަދު އަޅުގަނޑުމެންނަށް ތިޔަ ދެއްވި ތަރުޙީބަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه