بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ށ. އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން. އަދި ކޮމަންޑޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ކޮމަންޑުއަކީ އަޅުގަނޑު އަބަދުވެސް ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން މުޅީން ވަކި ގިންތިއެއްގައި ހިމެނޭ ރަށެއް. އަޅުގަނޑު އެންމެ ފުރަތަމަ މިރަށަށް އައީ، 1979 ވަނަ އަހަރޭ އަޅުގަނޑު ހަނދާންވަނީ. އެއީ، އޭރު ސަރުކާރުގެ ފަރާތުން ކޮމިއުނިޓީ ސްކޫލްތައް ޢިމާރާތް ކުރުމަށް ޔުނިސެފްގެ އެހީގައި ކުރި މަސައްކަތުގައި، ސްކޫލްތަކުގެ ބިން ނެގުމަށް ކުރި ދަތުރުތަކުގައި. އޭރުގެ މިނިސްޓަރ މިހާރު ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، އަދި އޭރު ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރްކަޒުގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު މުޙަންމަދު ލުޠުފީއާ، މިފަދަ ބޭފުޅުންނާ އެކުގައި.

އޭރުވެސް އަޅުގަނޑަށް ކޮމަންޑޫ ފެނިގެންދިޔައީ، ވަރަށް ޚާއްޞަ ރަށެއްގެ ގޮތުގައި. މިރަށުގެ ރައްޔިތުންނަކީ، މުރާލި، ރަށްވެހި، ރަށްދެކެ ލޯބިވާ، ރާއްޖޭގެ އެހެން ރައްޔިތުން، މިރަށުގެ ރައްޔިތުންނަށް އިޙްތިރާމްކުރާ، ވަރަށް ރަށްޓެހި ތަނެއްގެ ގޮތުގައި. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިރަށުން ނުފެންނަ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް. މިހުރިހާ ކަންކަމަކީވެސް މިރަށުގެ ރައްޔިތުން ކޮށްފައި ހުރި ކަންތައްތައް. 2008 ވަނަ އަހަރުގެ ކުރިން ސަރުކާރުން ކޮށްދެއްވާފައި ހުރި ބައެއް ކަންތައް އެބަހުރި. އެހެން ނަމަވެސް، އެހުރިހާ ކަމަކަށްވުރެވެސް ބޮޑަށް، މިރަށުގެ ރައްޔިތުންގެ ހިތްވަރާއި، ސާބިތުކަމާއި، މުރާލިކަމާއި، ރަށްދެކެ ލޯބިވާލެއް ބޮޑުކަމުން، މިރަށުގައި ކިތަންމެ މަޝްރޫޢުތަކެއް ހިންގި، ރާއްޖޭގެ އެހެނިހެން ރަށްރަށާ ވަރަށް ތަފާތުކޮށް، އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް މިވަނީ ހިންގިފައި. އޭގެތެރޭގައި، އަޅުގަނޑު ފާހަގަކޮށްލަން، މި ތަޢުލީމީ މަރްކަޒު. އަދި އޭގެއިތުރުން، ދެންމެ ތިޔަ އިވިވަޑައިގަތް ފަދައިން، މިރަށުގެ އެހެނިހެން އެކިއެކި ޢިމާރާތްތައް. އޭގެތެރެއިންވެސް ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކުރަނީ، ތިޔަ ރައްޔިތުން އަމިއްލައަށް މިރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށް، ރަށުގެ ގޭގެއަށް ބޯފެން ލިބޭނެގޮތް، ހަމަ އަމިއްލައަށް ރަށުގެ ރައްޔިތުން އެކަން ކުރެއްވިތަން. އެއީ، ހުރިހާ ރަށްރަށް ބަލަހައްޓައިގެން ތިއްބައި، ހަމަ މިރަށުން އެކަމާ އުޅުއްވައިގެން، އެކަންތައް ނިންމެވި. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ތަޢުރީފް ކުރަން.

ވަރަށް ކުޑަކުޑަ އެހީއަކުން އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ، މިރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އަމިއްލައަށްވެސް ކުރައްވާނެކަން. ދައުލަތުގެ ފަރާތުން ދެއްވަންޖެހެނީ ކުޑަ އެހީއެއް. ދައުލަތުގެ ފަރާތުން ޖެހެނީ ތިޔަބޭފުޅުން ކުރައްވާ މަސައްކަތުގައި ދެއްވެން އޮތް އެހީތެރިކަމެއް ދެއްވުން. އޭރުން ތިޔަބޭފުޅުން އެކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިގެންވޭ.

އާދެ! މިރަށަކީ މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައިވެސް، އެކިއެކި ބޮޑެތި މަޝްރޫޢުތައް ހިންގަވާނެ ކަމުގެ ވަޢުދުތައް ވެފައިވާ ރަށެއް. އެގޮތުން، މިރަށުގެ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި، ގޯތިގެދޮރު މައްސަލަ ޙައްލު ކުރުމަށްޓަކައި، މިރަށުގައި ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ވަޢުދުތަކެއް ވެގެންދިޔަ. އަދި ހަމައެހެން، މިތާ ކައިރީގައި މިއޮތް މަތިކޮމަންޑުއާއި މިރަށާ ގުޅާލެވޭނެ ކަމުގެ ވާހަކަވެސް ދެކެވެމުންދިޔަ އަޑު އަޅުގަނޑު އެހިން. ނަމަވެސް، މާބޮޑު ކަމެއް، މިތާނގައި ވެފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑު ހީކުރިން، އެމް.ޑީ.ޕީ.ގެ ކައުންސިލެއް އޮތް ރަށަކަށްވާތީ، މިރަށުގައި ވަރަށްގިނަ ކަންތައްތައް ކުރެވިފައި ހުންނާނެ ކަމަށް. އެއީ، މިހާތަނަށް އަޅުގަނޑު ދަތުރުކުރި ރަށްރަށުން އެމް.ޑީ.ޕީ.ގެ ކައުންސިލެއް ނެތް ރަށެއްވިއްޔާ، އެ ރަށް އޮތީ ވަރަށް ބޮޑަށް އިހުމާލު ކުރެވިފައި. ރަށުގެ ރައްޔިތުންނަށް އަޅާނުލެވި. އެހެންވީމާ، އަޅުގަނޑު ހީކުރީ، މިރަށުގައިވެސް އެމް.ޑީ.ޕީ.ގެ ކައުންސިލެއް އޮތީމާ، އެހުރިހާ ކަމެއް ހުންނާނީ ހަމަޖެހިފައި ކަމަށް. އެއީއެއް ނޫން ޙަޤީޤަތަކީ. އެތަނެއް ނޫން އަޅުގަނޑަކަށް މިފެންނަނީ. އަޅުގަނޑަށް މިފެންނަނީ، ހަމަ އެހެނިހެން ރަށްރަށެކޭ އެއްގޮތަށް، ހަމަ ހުސް ވަޢުދުތަކެއްވެވިފައި ހުރިތަން.

އަޅުގަނޑު އެންމެފަހުން މިރަށަށް އައި ދަތުރުގައިވެސް، މިރަށުގެ ރަށްގިރާ ސަރަޙައްދަށް ގޮސް، އެތަން އަޅުގަނޑު ބެލިން. އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ މިއީކަން. އަދި ރަށުގައި މިހާރު އިތުރަށް ގޯތިދޭނެ ތަނެއް ނެތްކަން. މިރަށަކީ މިހާރު ރާއްޖޭގައި އޮތް މާލެ ފިޔަވައި އެންމެ ތޮއްޖެހިފައި އޮތް ރަށް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބޭ. ވީމާ، އަޅުގަނޑުމެން އެންމެންވެގެން މިކަމަށް އެބަޖެހޭ ޙައްލުތަކެއް ހޯދަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަހަރުގެ ބަޖެޓްގައި، މިދިޔަ އަހަރުގެ ބަޖެޓްގައިވެސް މިރަށުގެ ތޮށިލުމުގެ މަސައްކަތް ކުރުމަށް ކޮންމެވެސްވަރެއްގެ ފައިސާވަނީ ހިމެނިފައި. އަޅުގަނޑު ބަލާނަން، އިތުރަށް ފައިސާ ހޯދައިގެން ނަމަވެސް، މިމަސައްކަތް އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި ފެށޭނެ ގޮތެއްވޭތޯ. މިހާރު އަޅުގަނޑުވެސް ގަބޫލުކުރަން، ރާއްޖޭގެ މި ނާޒުކު ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް މިމައްސަލަ ދިމާވެފައިވާ އެއްރަށަކީ މިރަށް. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެންނަށް ޚާއްޞަ ސަމާލުކަމެއްދީގެން، އެކަމާއިގެން އަޅުގަނޑުމެން އުޅޭނަން. ދެން ހަމަ އެހެން، މިރަށުގެ ނަރުދަމާވެސް، ތިޔަބޭފުޅުން އަމިއްލައަށް ނަރުދަމާ އަޅުއްވައިގެން މިހާތަނަށް އެ ގެންނެވީ. ނަމަވެސް، މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ވަނީ ވަރަށް ބޮޑަށް މި ނަރުދަމާވެސް ހަލާކުވެފައި. އެހެންވީމާ، މިކަމަކީވެސް ކުރަން ޖެހިފައި އޮތް ކަމެއް. އެކަމަށްޓަކައިވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

އާދެ! ރޭޑިއޯއާއި ޓީ.ވީ.ގެ ޛަރީޢާއިން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިޤައުމަށް މިއައި ބަދަލަކީ، މިއީ ވަރަށް ކުއްލި ގޮތަކަށް އައި ބަދަލެއް. އަޅުގަނޑުމެންގެ ރައްޔިތުން ކަންބޮޑުވާ ކިތަންމެ ކަމެއް ހުރުމުގެ ސަބަބުން ރައްޔިތުން އެކަމާ ނުރުހުންފާޅުކޮށް، ކުރީގެ ރައީސް ޢަމަލު ކުރައްވަމުން ގެންދެވި ބައެއް ކަންކަމާމެދު ރައްޔިތުން ހިތްހަމަނުޖެހިގެން، އެވާހަކަ ދައްކާތާ ވަރަށްގިނަ ދުވަސް ވެއްޖެ. އަދި އޭގެ ސަބަބުން ޚާއްޞަކޮށް، އަޅުގަނޑުމެންގެ އިސްލާމްދީނަށް ފުރައްސާރަވާ ކަހަލަ ކަންތައްތަކެއް ކުރަމުން ގެންދިޔުމުގެ ސަބަބުން ރައްޔިތުންވަނީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައި. ހަމައެއާއެކީގައި، ދިވެހި ޤައުމިއްޔަތާއި، ދިވެހިވަންތަކަން ގެއްލިގެންދާފަދަ ކަންތައްތަކެއްވެސް ވަމުންދާތީ، ރައްޔިތުން ތިބީ ކަންބޮޑުވެފައި. އެއަށްވުރެ ހަމަ އެއްގޮތަކަށްވެސް ކަންބޮޑުވުން ކުޑަނޫން އެހެން ކަމެއް އެއީ، އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ އަސާސީ މިނިވަންކަމާއި ޙައްޤުތައް ލިބިދިނުމަށްޓަކައި ކުރަމުންއައި މަސައްކަތް ވަޅުޖަހާލާކަހަލަ ކަންތައްތަކެއް ދިމާވެގެން ހިނގައްޖެ.

ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށަކީ ވަރަށް ތަޢުލީމީ، ކިޔަވައިގެން ތިބި ރައްޔިތެއް ތިބި ރަށެއް. ތިޔަބޭފުޅުންވެސް ބޭނުންފުޅުވަނީ، ތިޔަބޭފުޅުންގެ ދަރިންނަށް މިނިވަންކަމާއެކީގައި އުޅެވޭނެ މާޙައުލެއް. އެ ދަރިންގެ ޙައްޤުތައް ރައްކާތެރިވެފައި އޮންނަ މާޙައުލެއް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އެންމެން ޑިމޮކްރަސީއަށްޓަކައި ފެށި ދަތުރުގައި، ހަމަ ތިޔަ ރައްޔިތުންވެސް ބައިވެރިވެވަޑައިގެންނެވި. އެއީކީ އެކަކު ދެމީހަކު ކުރި މަސައްކަތެއް ނޫން. ތަފާތުފަހަރުމަތިން މިރަށުގައިވެސް ތިޔަ ރައްޔިތުންވެސް ޑިމޮކްރަސީއަށްޓަކައި، އިންސާނީ ޙައްޤުތަކަށްޓަކައިވަނީ މަސައްކަތްތަކެއް ކުރައްވާފައި. އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް 2008 ވަނަ އަހަރު އާ ޤާނޫނުއަސާސީއެއް މި ލިބުނީ. އެ ޤާނޫނުއަސާސީގައި، ރައްޔިތުންގެ ޙައްޤުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަހުރި. އެ ޤާނޫނުއަސާސީގެ ދަށުން ނުކުރެވޭނެ ކަންތައްތަކެއް އެބަހުރި. ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކަށް ނުލިބޭ ޙައްޤުތަކެއް އޮވޭ. އެއީ ރައްޔިތުންގެ ފަރުދީ ޙައްޤުތަކަށް އަރައިގަތުން. ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިއަހަރުގެ ކުރީކޮޅު، އަޅުގަނޑުމެންގެ ތެރެއިން ރައްޔިތަކު، އޭނަގެ ގޭގައި ނިދަން އޮއްވާ، ކުއްލިއަކަށް ސިފައިންނަށް އަމުރުކޮށް، ސިފައިން ލައްވާ ޤާނޫނުގެ ބޭރުން އެމީހާ ހިފާ ހައްޔަރުކޮށް، ގެންގޮސް ވީނުވީތަނެއް ނޭނގޭގޮތަށް ގެއްލުނު މަންޒަރު. މިއީ، އަޅުގަނޑުމެން އެއްވެސް މީހަކު ދެކެން ބޭނުންވި ކަމެއްވެސް ނޫން. ފެންނާނެ ކަމަށް ހީކުރި ކަމެއްވެސް ނޫން. ނަމަވެސް، ކުއްލިއަކަށް މިކަންވުމުން، ދިވެހި ޤައުމަށް ލިބިގެންދިޔައީ، ވަރަށްވެސް ފުން ހިތާމައަކާއި ޝޮކެއް. ދެން ކަންވެގެންދިޔަގޮތް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އޮންނާނީ ފެނިވަޑައިގެންފައި. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުކުމެ، އިއްތިޙާދުވެ، ސަރުކާރުން ކުރާ ކަންކަމަށް ނުރުހުންފާޅުކޮށް، އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އިސްތިޢުފާއަށް ގޮވަމުންދިޔައީ. އެންމެފަހުން ކުރީގެ ރައީސަށް ކެތްނުކުރެއްވިގެން އަމިއްލައަށް އިސްތިޢުފާ ދެއްވައި ވަކިވެވަޑައިގަތީ.

އަޅުގަނޑު މި މަޤާމާ ޙަވާލުވީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައީސުލްޖުމްހޫރިއްޔާގެ ހުވާ އަޅުގަނޑަށް ލައިދެއްވުމާއެކީގައި. ނަމަވެސް، ހަމަ އަނެއް ދުވަހު ކުރީގެ ރައީސް ނިންމެވީ، މިކަން ގަބޫލު ނުކުރައްވަން. ގަބޫލު ނުކުރައްވައި، އަލުން ނުކުމެވަޑައިގެން ވެރިކަން ހޯއްދަވަން މަސައްކަތް ކުރައްވަން. މިހާރު އަޅުގަނޑުމެންނަށް ފެނިގެންމިދާ ނުތަނަވަސް މަންޒަރުތަކަކީ، އޭގެ ސަބަބުން ނުކުމެގެން އުޅޭ މައްސަލަތަކެއް. ރާއްޖޭގެ އެތަން މިތަނުގައި ހަމަނުޖެހުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން އެބަގެންދޭ. އަދި ރައްޔިތުންގެ މުދަލަށްވެސް ކޮންމެވެސްވަރެއްގެ ގެއްލުންތަކެއް ދެމުން އެބަގެންދޭ. މިކަންކަން އަޅުގަނޑުމެން މިދަނީ ކުށްވެރި ކުރަމުން.

އަޅުގަނޑު ތިޔަ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ބެލެހެއްޓުމުގައި، އަޅުގަނޑުމެން މި ސަރުކާރަކުން ފަހަތަކަށް ނުޖެހޭނަން. އަދި ޤާނޫނުއަސާސީގެ ދަށުން އަދި ރައްޔިތުން އަޅުގަނޑަށްވެސް ދެއްވި ވޯޓުގެ ދަށުން އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތު، ވަރަށް ސާބިތުކަމާއެކީގައި އަޅުގަނޑު އަދާކުރަމުން ގެންދާނެ ވާހަކަ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އެގޮތުން، މިވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނާ ވަރަށް އުނދަގޫ ކަންކަމާ ކުރިމަތިލާންޖެހުނު. އޭގެތެރޭގައި، ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް އޮތީ ނިކަމެތިވެފައި. ޤައުމުގެ ބަޖެޓަށް ވަރަށްބޮޑު އުނިކަންތަކެއް އައިސްފައި. އަޅުގަނޑުމެން މަސައްކަތް ކުރީ، މަސް ނިމެންވާއިރުގައިވެސް އަޅުގަނޑުމެންގެ ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަކޮޅު ދިނުމާއި، ރައްޔިތުންނަށް ދޭންޖެހޭ ޢިނާޔަތްތައް ދިނުމާ، މިކަންކަން ބަރާބަރަށް ގެންގޮސް ނިންމޭތޯ. ވީމާ، އަޅުގަނޑު އުފަލާއެކީ ދަންނަވަން، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަންޖެހޭ އުޖޫރައަކާއި ޢިނާޔަތްތަކެއް، ޚާއްޞަކޮށް، ދުވަސްވީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ފައިސާ އިތުރުކޮށްފައި، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެ ފައިސާވެސް ލިބޭގޮތަށްވަނީ ހަމަޖައްސާފައި. އަދި އެހެނިހެން ޢިނާޔަތްތައްވެސް އެއީ އެކަނިވެރި މައިންނަށް ލިބޭ އެއްޗެއް ކަމުގައިވިނަމަވެސް، ނުކުޅެދޭ ކުއްޖަކަށް ލިބޭ އެއްޗެއް ކަމުގައިވިނަމަވެސް، ނޫނީވިއްޔާ، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ލިބެންޖެހޭ އެހީއެއް ނަމަވެސް، މިކަން ހަމަ ބަރާބަރަށް ކުރިއަށްދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އަޅުގަނޑުގެ އެންމެބޮޑު އެއް މަޤްޞަދަކީ، ޤައުމުގައި އުފެދިފައިވާ ބައިބައިވުމާއި ހަމަނުޖެހުން ނައްތާލައި، ދިވެހި ރައްޔިތުންނަކީ، މި ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދައިގެ ދަށުގައި، އެއްބައެއްގެ ގޮތުގައި ތިބި އުޚުއްވަތްތެރި ބައެއް ކަމުގައި ހެދުން. އަދި ހަމައެހެން، އެކުވެރިކަމާއި، އެއްބަނޑުއެއްބަފާކަމާއެކީގައި، ދިވެހި ޤައުމު ކުރިއަށް ގެންގޮސް، ﷲ އިރާދަކުރެއްވިއްޔާ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އިންޞާފްވެރި ހަމަހަމަ އިންތިޚާބަކާ ހަމައަށް ގެންދިޔުން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިސްލާމްދީނުގެ އަސާސްތަކާ ޚިލާފަކަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަކަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަކަށް އަޅުގަނޑު ހަމަ އެއްވެސް ކަމެއް ނުކުރާނަން. އަދި ޤާނޫނުގެ ބޭރުން ޢަމަލު ކުރުމަށް އެއްވެސް މީހަކަށް އަޅުގަނޑު އަމުރެއްވެސް ނުކުރާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ކަންކަން، ކުރިއަށްވުރެ ރަނގަޅަށް ހަމަޖެހުމާ އެކީގައި ކުރިއަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން.

އަޅުގަނޑު ކޮމަންޑުއަށް އެދެނީ، އަދަށްވުރެ ފެހި މާދަމައެއް. ކޮމަންޑޫގެ ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގައި، މި ސަރުކާރަށް ވެވެން އޮތް އެންމެބޮޑު އެހީއަކާ އެކީގައި، އެކަންކަން ކުރިއަށް ގެންދިޔުމަށް، އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވަން.

މާތްﷲ ތިޔަބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި ޢާފިޔަތު މިންވަރު ކުރައްވާށި! މިރަށުގެ ރައްޔިތުންނަކީ، އަބަދަށްވެސް އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ލައްވާށި! މިރަށަކީ ތިޔާގި، ޞުލްޙަވެރި، އަމާން ތަނެއް ކަމުގައި ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه