ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެ އަތޮޅު ޅައިމަގަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ޅައިމަގު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ ސަރުކާރުން ކަންތައް ކުރެއްވި ގޮތަށް، އެމަނިކުފާނުގެ ސަރުކާރުން ކަންތައް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ، ހުރިހާ ޕާޓީތައް އެކުލެވޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށާއި، ޢަޒުމް ކަނޑައަޅުއްވާފައިވަނީ، ވަކިބަޔަކަށް، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ތަފާތު ނުކުރައްވައި، ހުރިހާ އެންމެން ގޮވައިގެން މަސައްކަތް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެއީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ މީހުންނަށް ލާޒިމްކުރާ ކަމެކެވެ. އެއީ، ވަކިމީހަކަށްވެގެން، ވަކި ވެރިއަކަށްވެގެން ކުރަންޖެހޭ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރުގައި އެމް.ޑީ.ޕީ ފިޔަވައި ދެން އޮތް ހުރިހާ ބޮޑެތި ޕާޓީތައް ހިމެނޭ ކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު އޮތީ، މިހުރިހާ ބޮޑެތި ޕާޓީތަކުގެ ފަހަތުގައި ކަމަށެވެ. ކެބިނެޓްގައި ބައިވެރިވުމަށް އެމް.ޑީ.ޕީ.އަށްވެސް ދަޢުވަތު ދެއްވި ކަމަށާއި، މިހާތަނަށް އެބޭފުޅުން އިޖާބަ ދެއްވާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ކުރީގެ ރައީސް ބޭނުންފުޅުވަނީ، ގަދަބާރުން އަނެއްކާ ވެރިކަމަށް ވަޑައިގަންނަވަން. އެހެންވީމާ، އަޅުގަނޑުމެންނަށް މިއިވޭ އަޑުތައް އިވެމުން މިދަނީ. މިކަމަކަށް އަޅުގަނޑުމެން އެއްވެސްވަރެއްގެ ސަމާލުކަމެއް ދޭނެ ކަމެއް ނެތް." ރައީސް ވަޙީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރީ ސަރުކާރުން ޅައިމަގު ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެހެންނަމަވެސް، މި ވަޢުދުތަކުގެ ތެރެއިން އެއްވެސް ވަޢުދެއް އަދި ވަނީ ނުފުއްދި ކަމާއި މިކަންކަމަށް ބަޖެޓްވެސް އެކުލެވިފައިނުވާކަން ފާހަގަކުރެއްވިއެވެ. "އެއްވެސް ވަޢުދެއް ފުއްދަވާކަށް، އެކަމުގައި އެއްވެސް ސީރިއަސް ކަމެއް އޮވެގެން، ހިތްހެޔޮކަމާ އެކީގައި، އިޚްލާޞްތެރިކަމާ އެކީގައި އެކަން ކުރައްވާކަށް ގަސްތު ކުރައްވާފައެއް ނެތް"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ޅައިމަގު ރައްޔިތުންނަކަށް މިއަދު ވަޢުދެއް ވެވަޑައިނުގަންނަވާނެ ކަމަށާއި، އެހެން ނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، އެރަށަށް ކުރިމަތިވެފައިވާ ބޮޑެތި ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއް ނަމަވެސް ކޮށްދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ޅައިމަގަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވަމުން، ވާހަކަތައް އިތުރުކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން ޖެހޭނީ، މިކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން ދުނިޔޭގެ ކުރިމަތީގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެކޭ ކިޔައި ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ އެކިއެކި ކުދި ރަށްރަށުގައި ކުރަންހުރި ކަންތައްތައް މިދަނީ ނުވެ. އަޅުގަނޑުމެން މިދަނީ ހަމައެކަނި ބޭރުގެ ދުނިޔޭގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި މުޅި ދުނިޔޭގެ ލީޑަރެކޭ ކިޔައިގެން ވާހަކަ ދައްކަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ތިމާވެށި ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންނަށް ކޮށްދެވޭ ކަމަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެން ގަސްތުކުރަނީ، އެ ހުރިހާ ވާހަކަތައް ދުނިޔޭގެ ބަޔަކާ ދައްކާކަށް ނޫނެވެ. އަޅުގަނޑުމެންގެ ރަށްރަށަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އެކަމަށް ވަކި މަޝްރޫޢުތަކެއް ރާވައިގެން ހިންގުމަށެވެ.