بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم

އާދެ! މިއަދުގެ ހޫނު ވަގުތެއްގައި މިރަށަށް، އަޅުގަނޑާއި އަޅުގަނޑުގެ ޓީމް އައުމާ ގުޅިގެން، ރަށުގެ ރައްޔިތުން ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރަށަށް އަޅުގަނޑަށް މާގިނައިން އާދެވިފައެއްނުވޭ. އެހެންވީމާ، މިދަތުރުގައި ކިތަންމެ ކުޑަވަގުތުކޮޅަކަށް ނަމަވެސް އައިސް، މިރަށުގެ ޙާލު ދެނެގަތުމުގެ ނަޞީބު ލިބުނުކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މިހާރު މި ސަރުކާރާ ޙަވާލުވުމާ ގުޅިގެން، އަޅުގަނޑު ގަސްތުކޮށްފައިވަނީ، ހުރިހާ ޕާޓީތައް އެކުލެވޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދަން. ވަކިބަޔަކަށް، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ތަފާތުނުކޮށް، ހުރިހާ އެންމެން ގޮވައިގެން މަސައްކަތް ކުރަން އަޅުގަނޑުގެ ޢަޒުމް ކަނޑައަޅާފައިވަނީ. އެގޮތުން، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، ދިވެހި ރައްޔިތުންނަށް އެއްވެސް ތަފާތެއްނެތި، ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކީ މަސައްކަތް ކުރެވޭތޯ. އެއީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ މީހުންނަށް ލާޒިމްކުރާ ކަމެއް. އެއީ، ވަކިމީހަކަށްވެގެން، ވަކި ވެރިއަކަށްވެގެން ކުރަންޖެހޭ ކަމެއް ނޫން.

އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ މާއްދާތަކުގައި ކަނޑައެޅިފައި އެބަހުރި. ދިވެހިންނަށް ލިބިދޭންޖެހޭ ޚިދްމަތްތަކާއި، މި ވެރިކަން ކުރަންވާނީ، އެންމެންނަށް ހަމަހަމަވާގޮތަށޭ. ނަމަވެސް، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިފައި އޮތީ، އެކަން އެގޮތަކަށް ނޫން. އަޅުގަނޑުމެން ވެރިކަމަށް އައީ، ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި. އަޅުގަނޑުވެސް އެމް.ޑީ.ޕީ.ގެ މެންބަރަކަށް ހުރެގެނެއް ނޫން. އަޅުގަނޑުވެސް ހަމަ ވަކި ޕާޓީއެއްގެ މީހެއް ގޮތުގައި ހުރެގެން. އޭރު ނަޝީދު އަޅުގަނޑު ކައިރީގައި ވިދާޅުވެގެން، އަޅުގަނޑު އެމަނިކުފާނާއެކީގައި ރިޔާސަތަށް ކުރިމަތިލީ. އެބޭފުޅާ ރައީސަކަށްވެވަޑައިގަތީ، އަޅުގަނޑު ނައިބު ރައީސަކަށްވީ. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ވޯޓް ދެއްވީ، ހަމަ އެންމެ ކަރުދާސްކޮޅެއްގައި ފާހަގަޖައްސަވައިގެން. ދެން ތިޔަބޭފުޅުން ދެއްވި ވޯޓް ލިބިފައިވަނީ ދެމީހަކަށް. އެއީ، ރައީސް ނަޝީދަށާއި އަޅުގަނޑަށާ. އެހެންވީމާ، ޤާނޫނުއަސާސީ ކަނޑައެޅިފައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އެއްވެސް ސަބަބަކާހުރެ ވަކިވެވަޑައިގެންފިނަމަ، ދެން ޖެހޭނީ ނައިބު ރައީސް، ރައީސްކަމާ ޙަވާލުވާން. އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވަނީ އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާގެ ހުވާލައިދެއްވާފައި. އެގޮތުން، މިއަދު ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ޙަވާލުވެފައިވަނީ އަޅުގަނޑާ.

ދެންމެ މިދެންނެވިހެން، މީގެކުރިން ސަރުކާރުން ކަންތައް ކުރަމުން ގެންދިޔަ ގޮތަކަށް އަޅުގަނޑު ކަންތައް ކުރަމަކުން ނުގެންދާނަން. އަޅުގަނޑު ހަމަ ހުރިހާ ޕާޓީތަކެއްގެވެސް ހުރިހާ ބޭފުޅުން ގޮވައިގެން މަސައްކަތް ކުރަމުން ގެންދާނީ. އަޅުގަނޑު ވާނީ އެމް.ޑީ.ޕީ.ގެ ބޭފުޅުންނަށްވެސް ދަންނަވާފައި، އަޅުގަނޑުގެ ކެބިނެޓްގައި ބައިވެރިވެވަޑައިގަންނަވާށޭ. އެކަމަކު އަދި މިހާތަނަށް އެބޭފުޅުންގެ އެއްވެސް އިޖާބައެއް އަޅުގަނޑަކަށް ލިބެމަކުން ނުދޭ. ކުރީގެ ރައީސް ބޭނުންފުޅުވަނީ، ގަދަބާރުން އަނެއްކާ ވެރިކަމަށް ވަޑައިގަންނަވަން. އެހެންވީމާ، އަޅުގަނޑުމެންނަށް މިއިވޭ އަޑުތައް އިވެމުން މިދަނީ. މިކަމަކަށް އަޅުގަނޑުމެން އެއްވެސްވަރެއްގެ ސަމާލުކަމެއް ދޭނެ ކަމެއް ނެތް.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މިތިބީ ވަރަށް ހަމަޖެހިގެން. އަޅުގަނޑުމެން މިތިބީ ވަރަށް ފުދިގެން. އެއީ މިއަދު ދިވެހި ސަރުކާރުގައި ހިމެނޭ އެމް.ޑީ.ޕީ ފިޔަވައި ދެން އޮތް ހުރިހާ ބޮޑެތި ޕާޓީތައް. މިހުރިހާ ބޮޑެތި ޕާޓީތަކުގެ ފަހަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު އޮތީ. މިރަށުންވެސް އަދި އެހެން ރަށްރަށުންވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެމަންޒަރު. އެހެންވީމާ، އަޅުގަނޑުމެންނަކަށް ނުޖެހޭ، އެއްގޮތަކަށްވެސް އިވޭ އަޑުއަޑަށް ވިސްނާކަށް. އަޅުގަނޑުމެން މިތިބީ، އަޅުގަނޑުމެންގެ ސަރުކާރުގެ މަސައްކަތާއިގެން. އަޅުގަނޑުމެންގެ މަޤްޞަދުތަކައިގެން ކުރިއަށް ވަރަށް ސާބިތުކަމާއެކީގައި ދިޔުމަށް ތައްޔާރަށް.

މިރަށުގެ ރައްޔިތުންނަށް އެކިފާޑުފާޑުގެ ވަޢުދުތައް ކޮށްދީފި. ނަމަވެސް، މި ވަޢުދުތަކުގެ ތެރެއިން އެއްވެސް ވަޢުދެއް ނުފުދި މިދަނީ. އެނގިވަޑައިގަންނަވާނެ، މިރަށުގެ ސްކޫލް، އެހެން ތަނަކަށް ބަދަލުކުރެއްވުމަށްވެސްވަނީ ވަޢުދު ކުރެވިފައި. މިރަށު ނަރުދަމާ ހެދުމަށްވެސްވަނީ ވަޢުދުވެފައި. ނަމަވެސް، މިއިން އެއްވެސް ކަމެއް އަދި މިދަނީ ނުކުރެވި. އަޅުގަނޑު ތިޔަބޭފުޅުންނަކަށް މިއަދު ވަޢުދެއް ނުކުރާނަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނަން، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ކުރިމަތިވެފައިވާ ބޮޑެތި ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއް ނަމަވެސް އަޅުގަނޑުމެންނަށް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ކުރީގެ ރައީސް މިރަށަށް ވަޑައިގެން، ތިޔަބޭފުޅުންނަށްވަނީ ވަޢުދުވެވަޑައިގެންފައި، މިރަށުގެ ސްކޫލް އަޅުއްވައިދެއްވަން. މިރަށު ސްކޫލް، އެހެން ތަނަކަށް ބަދަލުކުރައްވަން. އެހެންނަމަވެސް، އެނބުރި ވަޑައިގެންފައި، މިއަހަރުގެ ބަޖެޓްގައި ހަމަ ބޮޑުލާރިއެއްވެސް އެކަމަކަށް ކަނޑައަޅުއްވާފައެއް ނެތް. ހަމައެހެން، މިރަށުގައި ނަރުދަމާލައިދެއްވާނެ ވާހަކަ ވަނީ ވިދާޅުވެފައި. ނަމަވެސް، އެކަން އޮތީ ހަމަ ހުވަފެނެއްގެ ގޮތުގައި. މިރަށުގައި ގޭސްހޮޅިވެސް އަޅައި، ބަޔަކު ލައްވައި އެކަން ކުރުވާނެ ކަމަށް ވިދާޅުވެ، އެކަންވެސް އަޅުގަނޑު ދެންމެ މި ބަލަމުންގެންދާ ފޮތުގައި އެބައޮތް. އެކަމަކު އެކަން ކުރާނެ ގޮތެއް އަޅުގަނޑަކަށް ކުއްލިއަކަށް ގެސްޓް ހައުސް އަޅައިގެން ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. ވީމާ، ހައްތަހާވެސް އިތުރުފުޅު ހައްދަވަމުން ގެންދަވާފައި މިހިރީ. އެއްވެސް ވަޢުދެއް ފުއްދަވާކަށް، އެކަމުގައި އެއްވެސް ސީރިއަސް ކަމެއް އޮވެގެން، ހިތްހެޔޮކަމާއެކީގައި، އިޚްލާޞްތެރިކަމާއެކީގައި އެކަން ކުރައްވާކަށް ގަސްތު ކުރައްވާފައެއް ނެތް.

މިއަހަރުގެ ބަޖެޓްގައި ހިމެނިފައެއް ނެތް، މިރަށުގެ ބޮޑެތި މަޝްރޫޢުތަކަކަށް އެއްވެސް ފައިސާއެއް. ނަމަވެސް، ބޭރުގެ އެހީގައި ތިމާވެށްޓަށް ފައިސާ ލިބޭ މަޝްރޫޢެއްގެ ދަށުން މިރަށުގެ ބަނދަރަށް ވެލި ވަންނާތީ، އެކަން އިވެލުއޭޓް ކުރުމަށް ހަލައްކަ ރުފިޔާ ހިމަނާފައި އެބައޮތް. އެހެން ނަމަވެސް، އެ ހަ ލައްކަ ރުފިޔާއަކުން އަޅުގަނޑުމެންނަކަށް އެމަސައްކަތެއް ނުކުރެވޭނެ. ވީމާ، އަޅުގަނޑުމެން ބަލާނަން، އިތުރު ފައިސާ ހޯދައިގެން، އެ ހަ ލައްކަ ރުފިޔާގެ ތެރެއަށް ފައިސާލައިގެން، އެމަސައްކަތް ކޮށްދެވޭތޯ. އަޅުގަނޑަށް އެނގޭ، ނަރުދަމާގެ ކަންތައް، އެންމެ އުނދަގޫ އެއްކަންތައް ކަމަށް އެ އޮތީ. އެހެންވީމާ، އެކަން ކުރުމަށްޓަކައި ކޮންމެވެސް އެހެން ގޮތެއް ފެނޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

މިރަށަކީ އިރުވައި މޫސުމުގައި ރާޅުއަރާ ރަށެއް. ތިމާވެށީގެ ނާޒުކު ރަށެއް. އެހެންވީމާ، އަޅުގަނޑުމެން ވާހަކަތައް އިތުރުކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން ޖެހޭނީ، މިކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެން ދުނިޔޭގެ ކުރިމަތީގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެކޭ ކިޔައި ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ އެކިއެކި ކުދި ރަށްރަށުގައި ކުރަންހުރި ކަންތައްތައް މިދަނީ ނުވެ. އަޅުގަނޑުމެން މިދަނީ ހަމައެކަނި ބޭރުގެ ދުނިޔޭގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި މުޅި ދުނިޔޭގެ ލީޑަރެކޭ ކިޔައިގެން ވާހަކަ ދައްކަމުން. އެކަމަކު ކޮބައިތޯ، އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް ކޮށްދެވޭ ކަމަކީ، ތިމާވެށި ރަނގަޅު ކުރުމަށްޓަކައި. އަޅުގަނޑުމެން ގަސްތުކުރަނީ، އެ ހުރިހާ ވާހަކަތައް ދުނިޔޭގެ ބަޔަކާ ދައްކާކަށް ނޫން. އަޅުގަނޑުމެންގެ ރަށްރަށަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އެކަމަށް ވަކި މަޝްރޫޢުތަކެއް ރާވައިގެން ހިންގަން.

އާދެ! އަޅުގަނޑަށް އެނގޭ، މިރަށުގެ ކައުންސިލްގައި ތިއްބެވީ އެމް.ޑީ.ޕީ.ގެ މެންބަރުން. އެހެންވީމާ، އަޅުގަނޑުމެން މިތިބީ އެމް.ޑީ.ޕީ.ގެ ކައުންސިލާއެކީގައި މަސައްކަތް ކުރަން ހަމަ ތައްޔާރަށް. މީގެކުރިން ކަންތައްވެފައި ހުރީ އެހެނެއް ނޫން. އަޅުގަނޑަށް މިއަތޮޅުގެ ރަށްރަށުގައި ދަތުރުކޮށްލީމާ މި އެނގެނީ، އެމް.ޑީ.ޕީ.ގެ މެންބަރުން ނެތް ކައުންސިލެއް ކަމަށްވާނަމަ، ސަރުކާރުގެ ފަރާތުން މިހާތަނަށް އޮތީ، އެރަށް އިހާނެތިކޮށް، އެރަށްރަށާ އަޅާނުލާ، ނިކަމެތިކޮށްހިތާފައިކަން. ދެން އަޅުގަނޑު ހީކުރީ، އެމް.ޑީ.ޕީ.ގެ ކައުންސިލް ހުންނަ ރަށަކަށް އައިމާ، އެއާ ތަފާތު މަންޒަރެއް ފެންނާނެ ކަމަށް. އެކަމަކު މިތަނުންވެސް ހަމަ މިފެނުނީ ހަމަ އެއް މައްސަލައެއް. ވަކި އެމް.ޑީ.ޕީ.ގެ ކައުންސިލަކަށްވެގެން، ޑީ.އާރު.ޕީ.ގެ ކައުންސިލަކަށްވެގެން، ސަރުކާރަކުން މާބޮޑު ކަންތައްތަކެއް މިއަތޮޅުގެ އަޅުގަނޑަށް މިދެވުނު ރަށްރަށުގައި ކޮށްދީފައެއް ނެތް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އެއްގޮތަކަށްވެސް ކުލައަކަށް، ޕާޓީއަކަށް ވިސްނާނެ ކަމެއްނެތޭ. މިއަދު އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއެކީގައި މިރަށުގެ ކައުންސިލާއެކީގައިވެސް ހަމަ މަސައްކަތް ކުރަން އަތުކުރިއޮޅާލައިގެން.

އާދެ! އަޅުގަނޑު މާގިނަ ވާހަކަތަކެއް މިއަދު ދައްކާކަށް ގަސްތެއް ނުކުރަން. އަޅުގަނޑު އުންމީދު ކުރަނީ، ތިޔަ ހުރިހާ ބޭފުޅުންވެސް، އަޅުގަނޑު މިދެންނެވި ކުރު ވާހަކަކޮޅަށް ސަމާލުކަން ދެއްވައިފިކަމަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން ޢަމަލީގޮތުން ކޮންމެވެސް މަސައްކަތްތަކެއް މިރަށުގައި ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން ގެންދާނީ. އަޅުގަނޑު ޔަޤީން ކުރަން، ތިޔަ ހުރިހާ ބޭފުޅުންވެސް މިގަޑީގައި ނުކުމެވަޑައިގަންނަވައި، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ތަރުޙީބު، ތިޔަ ދެންނެވި މަރްޙަބާއަށް، ތިޔަ ހުރިހާ ބޭފުޅުންނަށް، މިތާ ތިއްބެވި ހުރިހާ އެންމެންނަށް މަރްޙަބާ ވިދާޅުވި ވިދާޅުވުމަކީ، އެއީ، އަޅުގަނޑުމެންގެ ސަރުކާރަށް ތިޔަބޭފުޅުން ދެއްވާ ވަރަށް ފުރިހަމަ ތާއީދެއް ކަމަށް. އެކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ސާބިތުކަމާއެކީގައި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގައި ދެމިއޮންނާނެ. އަދި ﷲ އިރާދަކުރެއްވިއްޔާ، މިރަށަށް އަދަށްވުރެ ފަހި މާދަމައެއް ދައްކަވާށި! ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ފަހަތުގައި، ތިޔަބޭފުޅުންނަށް ޚިދްމަތްކޮށްދިނުމަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه