بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

މި ބިންގާ އެޅޭ އިންޖީނުގޭގެ އެކްސްޓެންޝަންގެ ބައި ބިންގާ އެޅުމަށްޓަކައި އަޅުގަނޑަށް ތިޔަބޭފުޅުން ދަޢުވަތު ދެއްވި ކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. ދެންމެ އެ އިވިގެންދިޔަ ތަޢާރުފުން އަޅުގަނޑުމެންނަށް ސާފުވެގެން ހިނގައްޖެ، މިރަށުގެ ރައްޔިތުންނާއި މިރަށުގެ ކައުންސިލަރުން ވަރަށްބޮޑު ޚިދްމަތްތަކެއް ކޮށްދެމުން ގެންދާކަން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކެނޑިނޭޅި، މެދުކެނޑުމެއްނެތި ކަރަންޓްގެ ޚިދްމަތް، މިރަށަށް ރައްދުކުރަމުން ގޮސް، ވަރަށް ކުޑަކުޑަކޮށް ފެށި އިންޖީނުގެއެއް މިހާރު މިވަނީ ފުދޭވަރަކަށް ބޮޑު އިންޖީނެއް ހޯދައި، ކަރަންޓްގެ ޚިދްމަތް ފުޅާކުރެވިފައި. އެހެންވީމާ، އެއާ ގުޅިގެން މިހާރު މި އެކްސްޓެންޝަން ޢިމާރާތް ކުރެވެނީ. ދެން އަޅުގަނޑުމެންގެ އުންމީދަކީ، ސަރުކާރުން ކަރަންޓްގެ ޚިދްމަތުގައިދޭ އެކިއެކި އެހީތައް އެއީ ވީހާވެސް ހަމަހަމަ ގޮތެއްގައި، ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ފައިދާވާގޮތަށް ދެވޭނެ ޚިދްމަތަކަށްވާނެ ކަމަށް. އެގޮތުން، މިހާރު އަޅުގަނޑުމެން މިގެންދަނީ، ޔޫޓިލިޓީ ކުންފުނިތައް ރޭވިފައިވާގޮތް މުރާޖަޢާ ކުރަމުން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑު އުންމީދު ކުރަން، އެކިއެކި ރަށްރަށުގައި މިގޮތަށް އަމިއްލަ ގޮތުން ހިންގާ، ރައްޔިތުން ހިންގާ އިންޖީނުގެތަކަށްވެސް ކުރިއަށް އޮތް ތާނގައި އެހީތެރިކަމެއް ސަރުކާރުން ދެވޭނެ ކަމަށް.

މިހާ ހިސާބަށް ތިޔަބޭފުޅުން މިމަސައްކަތް ގެންނެވި ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ތަޢުރީފްކޮށް، ވަރަށްވެސް ޝުކުރު ދަންނަވަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނީ، އަޅުގަނޑުމެންނަށް ވީވަރަކުން ދައުލަތުގެ ފަރާތުން ތިޔަބޭފުޅުންނަށްވެސް އެހީތެރިކަން ފޯރުވައިދޭނަމޭ.

އާދެ! اللّـه سبحـانـه وتعـالى ގެ ވާގިފުޅާއެކު، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް، މިއަދު ތިޔަބޭފުޅުން މި ފަށްޓަވާ މަސައްކަތުގައި ބައިވެރިވުން. އަދި މި ޢިމާރާތުގެ ބިންގާ އަޅައިދިނުން.

ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه