بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم

އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މަރޮށީގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ބެހެއްޓެވި އޯގާތެރިކަމާއި، ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އާދެ! މިރަށުންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، އުޚުއްވަތްތެރި، އެއްބައިވަންތަ ރައްޔިތެއްކަން. އަޅުގަނޑުމެންގެ ރައްޔިތުންނަކީ، ޤައުމުދެކެ ލޯބިވާ، ދައުލަތްދެކެ ލޯބިވާ، ވެރިންނަށް އިޙްތިރާމްކުރާ ރައްޔިތެއްކަން. އަޅުގަނޑުމެންގެ ރައްޔިތުންނަކީ، ޞުލްޙައާއި އަމާންކަމަށް ލޯބިކުރާ ބައެއްކަން. މިއަދު އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެ މިވަނީ އުނދަގޫ ފައްތަރެއްގެ މަތީގައި. ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، މިދައުލަތުގެ އެކިއެކި މުއައްސަސާތަކާ ދޭތެރޭގައި ސުވާލު އުފައްދައި، އެ މުއައްސަސާތަކާ ދޭތެރޭގައި ޝައްކު އުފައްދައި، ރައްޔިތުންގެ މެދުގައި ކޮންމެވެސްވަރެއްގެ ހަމަނުޖެހުމެއް އުފައްދަން މަސައްކަތް ކުރަމުންދާ ދުވަސްވަރަކަށްވާތީ.

މިއަދު އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގަބޫލެއްނުކުރޭ، ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ނިޒާމް. އެ މަދު ބަޔަކު ގަބޫލެއް ނުކުރޭ، ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރަމުން ގެންދާ ވަފާތެރި ސިފައިންނާއި ފުލުހުންނެއް. އެ މަދުބަޔަކު ގަބޫލެއް ނުކުރޭ، ރާއްޖޭގައި ތިއްބެވި ވެރިންނެއް. އަދި އެ މަދުބަޔަކު ބޭނުމެއްނުވޭ، ޤާނޫނުހަދާ މަޖިލިސް މަސައްކަތް ކުރާކަށްވެސް. މިމީހުންގެ ހުރިހާވެސް އަމާޒެއް މިވަގުތުހުރީ، ރަށުތެރޭގައި ހަމަނުޖެހުން އުފެއްދުމަށް، ބައިބައިކުރުމަށް، ފިތުނައާއި ފަސާދަ އުފެއްދުމަށް. މިދަނޑިވަޅުގައި އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށްވެސް، މި ޤައުމު، ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ދޭތެރޭގައި އިތުބާރު ކުރައްވައި، އިޙްތިރާމް ކުރެއްވުމަށް. ވިސްނާވަޑައިގަންނަވާ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި، އަމަންއަމާންކަން ޤާއިމްކުރާނެ ބަޔަކު ނެތިއްޖެނަމަ، ދެންވާނީ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ އަރާރުންވުމާއި ހަމަނުޖެހުންތައް ޙައްލުކޮށްދޭނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް ދިމާވެދާނެ ނުރައްކަލުން އަޅުގަނޑުމެން ސަލާމަތްކޮށްދޭން ތިބީ ކޮންބައެއްތޯ؟

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޤާނޫނީގޮތުން އުފެދިފައިވާ މުއައްސަސާތަކަށް އިޙްތިރާމްކޮށް، އެ މުއައްސަސާތަކުގެ ޤަދަރު އުފުލަން. އަޅުގަނޑުމެންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި އުފެދިފައިވާ މަދަނީ ބާރަކީ، އަޅުގަނޑުމެންގެ ހިންމަތްތެރި، ވަފާތެރި ފުލުހުން. ފުލުހުންނާ ދޭތެރޭގައި އަޅުގަނޑުމެން އިޙްތިރާމާއި ޤަދަރުވެރިކަމާ އެކުގައި ބަލަންޖެހޭނެ. އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ކޮއްކޮމެންނާއި ބޭބެމެން، އަޅުގަނޑުމެންގެ ޢާއިލާގެ މީހުން ހަމަ ފުލުހުންގެ ތެރޭގައިވެސް މިތިބީ. ފުލުހުންވެސް ބޭނުންވަނީ، ޤައުމުގައި ޞުލްޙަމަސްލަޙަތު ޤާއިމްކޮށް، އަޅުގަނޑުމެންގެ މުޖްތަމަޢަކީ އަމާން ތަނެއްގައި ހަދައިދީ، އަޅުގަނޑުމެންނަށް ސަލާމަތް ޤާއިމްކޮށްދިނުމަށްޓަކައި ޚިދްމަތް ކޮށްދިނުން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، ފުލުހުންނާ ދޭތެރޭގައި ދެކެވޭ ވިޔާނުދާ ވާހަކަތައް އެއްކައިރިކޮށް، އަޅުގަނޑުމެން އެންމެންގެ އެއްބާރުލުމާއި ތާއީދު، އަޅުގަނޑުމެންގެ ފުލުހުންނަށްދޭން.

ހަމައެހެން، އަޅުގަނޑުމެންގެ ޤައުމު ޙިމާޔަތްކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ޤާނޫނީ ގޮތުން އުފައްދަވާފައިވާ އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ ސިފައިން. މި ވީހާތަނުގައި ދިވެހި ޤައުމަށް ކޮންމެ ކަމެއްގައި، ކޮންމެ ނުރައްކަލަކުން އަޅުގަނޑުމެން ޙިމާޔަތްކޮށްދިނުމަށްޓަކައި ސިފައިންވަނީ ކެނޑިނޭޅި މަސައްކަތް ކޮށްފައި. ސިފައިންގެ ފުރާނަ އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ދުއްވާލާފައި. އަދި ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި، ކޮންމެ މަސައްކަތެއް، ކިތަންމެ ހަޑި މަސައްކަތެއް ކުރަން ޖެހުނަސް، ސިފައިން އަބަދުވެސް ތިބެނީ އަތުކުރިއޮޅާލައިގެން. އަޅުގަނޑުމެންނަށް ބޭނުންވި ކޮންމެ ކަމެއްގައި، ރައްޔިތުންގެ ޚިދްމަތުގައި. ނަމަވެސް، ސިފައިންނާ ދޭތެރޭގައިވެސް ވިޔާނުދާ ވާހަކަތައް ދެކެވި، ސިފައިންގެ އިޙްތިރާމާއި ޤަދަރު ކަނޑުވާލުމަށްޓަކައި ބަޔަކުދަނީ މަސައްކަތް ކުރަމުން. މިއީ ޤައުމަށްހުރި ވަރަށްބޮޑު ނުރައްކަލެއް. އެފަދަ މީހުން ދައްކާ ވާހަކަތައް އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން އެއްގޮތަކަށްވެސް އަޑުނޭއްސެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނަކީ ވަރަށް ޤަދަރުވެރި ބައެއް. އެނގިވަޑައިގަންނަވާނެ، މިއަދު ސިފައިންނާއި ފުލުހުންގެ ތެރޭގައި، އިސްވެ ތިއްބެވީ ވަރަށް ތަޢުލީމީ ބޭފުޅުން. ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީތަކުން ތަޢުލީމް ޙާޞިލް ކުރައްވައި، އެކިއެކި ދިފާޢީ މަރްކަޒުތަކުގައި، އިނގިރޭސިވިލާތުގަޔާއި، އެމެރިކާގަޔާއި، އޮސްޓްރޭލިޔާގަޔާ، މިފަދަ ޤައުމުތަކުގައި ތަޢުލީމް ޙާޞިލްކޮށް، ތަމްރީނު ލިބިފައިވާ ފުލުހުންނާއި ސިފައިން. އެމީހުންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއް. އެމީހުން ކޮށްފައިވާ ހުވައާ އެއްގޮތްވާ ގޮތުގެ މަތިން، ވަރަށް ޚިދްމަތްތެރިކޮށް، ވަރަށް ހިތްވަރާއެކީ މަސައްކަތް ކުރަމުން ގެންދާ އަބްޠާލުންތަކެއް. އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރާއި އެއްބާރުލުން، އެބޭފުޅުންނަށް އެބައޮތްކަން އަޅުގަނޑު ދަންނަވަން.

އާދެ! މިޤައުމުގެ އެންމެ ވަރުގަދަ ބިންގަލަކީ، މިޤައުމުގެ ރައްޔިތުން. ޤައުމުގެ އިންސާނީ ރައުސްމާލު. އަޅުގަނޑުމެންގެ ދަރިންނަށް ދެވޭ ތަޢުލީމް. މިއަދު އަޅުގަނޑު މިރަށަށް އައުމުން، މަރޮށިން އަޅުގަނޑަށް ސާބިތުވެގެންދިޔައީ، އެކިއެކި ރަށްރަށުގައި އަމިއްލަ ފަރުދުން މަސައްކަތް ކޮށްގެން، ތަޢުލީމީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން. މިރަށަކީ ތަޢުލީމީ ވަރަށްގިނަ ޒުވާނުން އުފައްދާފައިވާ ރަށެއް. އެ މުހިންމު މަސައްކަތް ކުރެވި، އެހާގިނަ ބަޔަކަށް ތަޢުލީމް ޙާޞިލް ކުރެވުނީ، މިރަށުގެ ރައްޔިތުންގެ ތެރެއިން މަދުބަޔަކު ނަމަވެސް، ވަރަށްބޮޑު ހިތްވަރެއްކޮށްގެން. ވަރަށްގިނަ ޒަމާންތަކެއް ވަންދެން ހިތްވަރުކޮށްގެން. އެގޮތުން، މި ސްކޫލަށް އައުމުން، އަޅުގަނޑު ހަނދާންވެގެންދަނީ، ޚާއްޞަކޮށް، މިރަށުގެ ވަރަށް ޤަދަރުވެރި ޢާއިލާއެއް ކަމުގައިވާ އަލްފާޟިލް ޙުސައިން ޢަބްދުﷲ، އެމް.އެޗް.އޭ.ގެ ޢާއިލާގެ ފަރާތުން މިރަށުގެ ތަޢުލީމަށް، މިރަށުގެ ދަރިންގެ ތަޢުލީމަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދްމަތް. އަޅުގަނޑުމެން މިއަދު އެކަން ހަނދާންކޮށް، އެ ޢާއިލާގެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރުކުރަން.

އާދެ! ތަޢުލީމީ ކަންކަމަކީ، އެކިދުވަސްވަރު އެކިގޮތަށް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަންކަން. މިއަދު އަޅުގަނޑު މި ސްކޫލަށް އައުމުން، އަޅުގަނޑަށް ފެނިގެންދިޔައީ، ކޮންމެ ކްލާހެއްގައިވެސް ޚާއްޞަކޮށް، ދަށު ކްލާސްތަކުގައި މިތިބެނީ، ވަރަށްމަދު ޢަދަދެއްގެ ކުދިން. ބައެއް ކްލާސްތަކުގައި 8 ކުދިން. އަނެއްބައި ކްލާސްތަކުގައި 6 ކުދިން، މިކަހަލަ ގޮތަކަށް. މިފަދަ ކުދި މަދްރަސާތައް، މިހާރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އެބަހުރި. ކުދި މަދްރަސާތަކުގައި، ކްލާހުގައި މަދުކުދިން ތިބޭ ސްކޫލްތަކުގައި ކިޔަވައިދެއްވާ އުޞޫލުތަކަށްވެސް ބައެއްފަހަރު ބަދަލުގެންނަން ޖެހިދާނެ. އެގޮތުން، އަޅުގަނޑުމެން މިއަހަރު މަސައްކަތް ކުރާނަން، ތަޢުލީމީ ދާއިރާގައި، ކުދި މަދްރަސާތަކުގައި، ކުދި ކްލާސްތަކުގައި ތިބޭ ކުދިންނަށް ޚާއްޞަ އެހީތެރިކަމެއް ދެވިގެން، އެކުދިންގެ ތަޢުލީމީ ފެންވަރު މިހާރަށްވުރެވެސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭތޯ. އެކަމަށްޓަކައި ކިޔަވައިދިނުމުގެ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. ޚާއްޞަކޮށް، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި، މި އުޞޫލުތައްވަނީ ތަޖްރިބާ ކުރެވިފައި. މިސާލަކަށް ދަންނަވަނީނަމަ، މަލްޓި-ގްރޭޑް ޓީޗިންގ. މިއީ ވަރަށް ކުރިއްސުރެ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް ބޭނުންކުރަމުން އައި އުޞޫލުތަކެއް. އެހެންވީމާ، އޭގެ ތަޖްރިބާގެ އަލީގައި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިފަދަ ކުދި ސްކޫލްތަކުގެ ކިޔެވުމުގެ ފެންވަރު، މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ތަޢުލީމީ ދާއިރާގެ ބޭފުޅުންނާ އެކީގައި މަސައްކަތްކޮށްގެން، އެކަމުގައި އިތުރު ކުރިއެރުމެއް ހޯދޭތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން.

އާދެ! މިއަދު އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވުމާ ގުޅިގެން، އަޅުގަނޑު ދަންނަވާލަން ބޭނުން ވާހަކަތަކެއް އެބަހުރި. މިވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވުމަށްފަހުގައި، އަޅުގަނޑުމެން މަސައްކަތްކުރީ ވަރަށް އުނދަގޫ ފައްތަރެއްގެ ތެރޭގައި. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށްބޮޑު ވަޅުގަނޑެއްގެ ތެރޭގައި އޮއްވާ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ތިޔަބޭފުޅުންނަށް ދައުލަތުގެ ފަރާތުން ދެމުންގެންދާ ހުރިހާ ޢިނާޔަތްތަކެއްވެސް، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެގޮތުން، ދުވަސްވީ ބޭފުޅުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ ދެހާސް ރުފިޔާ، ދެހާސް ތިންސަތޭކަ ރުފިޔާއަށް ބޮޑުކޮށްފައި، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ. އަދި ހަމައެހެން، އެކަނިވެރި މައިންނާއި، ނުކުޅެދޭ ކުދިންނަށާއި، މިހެންގޮސް ދެންވެސް ދެމުންގެންދާ ޢިނާޔަތްތައް ދެމުން ގެންދާނެ ވާހަކަ އަޅުގަނޑު އުފަލާއެކީ ދަންނަވަން. އަދި ހަމައެހެން، އާސަންދައިގެ ދަށުން ޞިއްޙީގޮތުން ތިޔަބޭފުޅުންނަށް ދޭންޖެހޭ އެހީތައްވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އިޤްތިޞާދީ ކިތަންމެ ފުން ވަޅުގަނޑެއްގައި އަޅުގަނޑުމެން ތިބި ކަމުގައިވިނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ބަރާބަރަށް ދެމުން ގެންދެވޭތޯ. އަދި ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އެލަވަންސްތައްވެސް ހަމަ ބަރާބަރަށް ދެމުން ގެންދެވޭތޯ. ﷲ އިރާދަކުރެއްވިއްޔާ، މިކަމުގައި އަޅުގަނޑުމެން ގޮތް ހޯދާނަން. ހޯދައިގެން ތިޔަބޭފުޅުންނަށް ލިބެންޖެހޭ ޙައްޤު، ތިޔަބޭފުޅުންގެ އުޖޫރައާއި ޢިނާޔަތްތައް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! ދެން ހަމައެހެން، ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އެބަހުރި. ރައްޔިތުންނަށް ފައިދާކުރާނެކަހަލަ މަޝްރޫޢުތައް އެބަހުރި. މިސާލަކަށް، ގެދޮރުގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބިދިނުން. ދަތުރުފަތުރުގެ ނިޒާމް. މިހެންހުރި ކަންކަންވެސް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށްވުރެވެސް ރަނގަޅަށް ރާވައިގެން، އެކަންކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ގެންދާނަން. މިރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެކަންކަމުގައިވެސް ރަށުގެ ކައުންސިލާއި އަތޮޅު ކައުންސިލާ ގުޅިގެން، ސަރުކާރުގެ ފަރާތުން ވެދެވެންހުރި އެހީތައް އަޅުގަނޑުމެން ހޯދައި ބަލައި، އެކަންކަންވެސް ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

އާދެ! އަޅުގަނޑު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ވާހަކައެއް ދަންނަވާލާނަން. އެއީ އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުން ބިނާވެފައި އޮތީވެސް، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކުރިއެރުން ބިނާވެފައި އޮތީވެސް، ރަށުގެ ކުރިއެރުން ބިނާވެފައި އޮތީވެސް، ޞުލްޙައާއި މަޞްލަޙަތުގެ މައްޗަށް. ރަށުގައި ޞުލްޙަވެރިކަން ޤާއިމްކޮށް، ރަށުތެރޭގައި ހުންނަ ދެބަސްވުންތައް ނައްތާލައި، އެންމެން އެކުވެރިކަމާއެކީގައި އެއް މަޤްޞަދަކަށް މަސައްކަތް ކޮށްގެން. އަޅުގަނޑު އުންމީދު ކުރަން، މިރަށުގައިވެސް ކޮންމެ ޕާޓީއެއްގެ މީހަކު ނަމަވެސް، ކޮންމެ ކުލައެއްގެ މީހެއް ނަމަވެސް، ހުރިހާ އެންމެން އެކީގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް، އަޅުގަނޑު އުންމީދު ކުރަން. ޤައުމީ ކަންކަމުގައި އަޅުގަނޑުމެން ތިބެންވާނީ އެކީގައި. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމުން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ޙާޞިލް ކުރެވޭނެ.

އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަން، ހުރިހާ ބޭފުޅުންވެސް، ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށްވިޔަސް، ޤައުމަށްޓަކައި، ރަށަށްޓަކައި އެކީގައި މަސައްކަތް ކުރައްވަމުން ގެންދެވުން. އަޅުގަނޑުމެންގެ މެދުގައި ހުރި ތަފާތުތައް އެއްކައިރިކޮށް، ޤައުމީ ރޫޙުގައި މަސައްކަތް ކުރައްވަމުން ގެންދެވުމަށް. އަޅުގަނޑުމެންގެ މަސައްކަތް، އަޅުގަނޑުމެން ޙަވާލުވެފައި ތިބި މަގާމުތަކުގައި އަޅުގަނޑުމެން ކުރަމުން ގެންދާނީ، ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ތަފާތެއްނެތި. ހަމަހަމަކަމާ އެކީގައި، ހުރިހާ އެންމެންނަށް އޭގެ ފައިދާއާއި ލާބަ ލިބޭގޮތަށް. އަދިވެސް އެއްފަހަރު މިހާ ނުތަނަވަސް ވަގުތެއްގައި، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވެ، އަދި އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވީތީ، އަޅުގަނޑުގެ ހިތުގެ އަޑިން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه