ދިވެހި ޤައުމު، ޤައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށްޓަކައި ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް އިތުބާރު ކުރައްވައި އިޙްތިރާމް ކުރެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގައި ޤާއިމްވެފައިވާ ޢަދުލު އިންޞާފްގެ ނިޒާމާއި، ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރަމުންގެންދާ ވަފާތެރި ސިފައިންނާއި ފުލުހުންނާއި، ރާއްޖޭގައި ތިއްބެވި ވެރިން، އަޅުގަނޑުމެންގެ މަދުބަޔަކު މިއަދު ގަބޫލުނުކުރާ ކަމަށާއި، އެމީހުންގެ ހުރިހާވެސް އަމާޒެއް މިވަގުތުހުރީ ރަށުތެރޭގައި ހަމަނުޖެހުން އުފައްދައި، ބައިބައިކުރުވައި، ފިތުނަފަސާދަ އުފެއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަމަންއަމާންކަން ޤާއިމްކުރާނެ ބަޔަކު ނެތިއްޖެނަމަ، އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ އަރާރުންވުމާއި ހަމަނުޖެހުންތައް ޙައްލުކޮށްދޭނީ އަދި އަޅުގަނޑުމެންނަށް ދިމާވެދާނެ ނުރައްކަލުން އަޅުގަނޑުމެން ސަލާމަތްކޮށްދޭން ތިބީ ކޮންބައެއްތޯ ސުވާލު ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޤާނޫނީ ގޮތުން އުފެދިފައިވާ މުއައްސަސާތަކަށް އިޙްތިރާމްކޮށް، އެ މުއައްސަސާތަކުގެ ޤަދަރު އަޅުގަނޑުމެން އުފުލަންޖެހޭނެއެވެ. ހަމައެއާއެކު، ޤައުމުގައި ޞުލްޙަމަޞްލަޙަތު ޤާއިމްކޮށް، ޤައުމު ޙިމާޔަތްކޮށް، އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ތިބި ފުލުހުންނާއި ސިފައިންނަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭނެ ކަމަށާއި، އެމީހުންނާ ދޭތެރޭގައި ދެކެވޭ ވިޔާނުދާ ވާހަކަތައް އެއްކައިރިކޮށް، އެންމެންގެ އެއްބާރުލުމާއި ތާއީދު، ސިފައިންނަށާއި ފުލުހުންނަށް އަޅުގަނޑުމެން ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަރޮށްޓަކީ ތަޢުލީމީ ވަރަށްގިނަ ޒުވާނުން އުފައްދަވާފައިވާ ރަށެއްކަން ފާހަގަކުރައްވަމުން، އެހާގިނަ ބަޔަކަށް ތަޢުލީމް ޙާޞިލް ކުރެވުނީ، މަރޮށީ ރައްޔިތުންގެ ތެރެއިން މަދުބަޔަކު ނަމަވެސް، ވަރަށްބޮޑު ހިތްވަރެއް ކޮށްގެން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން، މަރޮށީގެ ވަރަށް ޤަދަރުވެރި ޢާއިލާއެއް ކަމުގައިވާ މަރޮށީ ޙުސައިން ޢަބްދުﷲގެ ޢާއިލާގެ ފަރާތުން އެރަށުގެ ތަޢުލީމަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދްމަތްތައް ފާހަގަކުރައްވައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވަމުން، ޚާއްޞަކޮށް، ދަށު ކްލާސްތަކުގައި ތިބޭ ކުދިންގެ ޢަދަދު މަދުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުދިންގެ ޢަދަދު މަދު ކްލާސްތަކުގައި ތިބޭ ކުދިންނަށް، ޚާއްޞަ އެހީތެރިކަމެއް ދެއްވައިގެން، އެކުދިންގެ ތަޢުލީމީ ފެންވަރު މިހާރަށްވުރެވެސް ރަނގަޅު ކުރެއްވުމަށް މިއަހަރު މަސައްކަތް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެކަމަށްޓަކައި ކިޔަވައިދިނުމުގެ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މި އުޞޫލުތައްވަނީ ތަޖްރިބާ ކުރެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރާ ޙަވާލުވެވަޑައިގަތުމަށްފަހު، މިވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރެއްވީ، ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށާއި އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށްބޮޑު ވަޅުގަނޑެއްގެ ތެރޭގައި އޮއްވާ ކަމުގައި ވިދާޅުވިއެވެ. އިޤްތިޞާދީ ކިތަންމެ ފުން ވަޅުގަނޑެއްގައި އަޅުގަނޑުމެން ތިބި ކަމުގައިވިޔަސްވެސް، މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައް ބަރާބަރަށް ދެއްވަމުން ގެންދެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ދައުލަތުގެ ފަރާތުން ދެއްވަމުން ގެންދަވާ ހުރިހާ ޢިނާޔަތްތަކެއްވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.