މި ސަރުކާރުގައި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކަށް އަދި އިންސާނީ ޙައްޤުތަކަށް ޚާއްޞަ ކުރެވޭ ވަކި ވުޒާރާއެއް އެކުލެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުނަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސްކަމަށްވުމާއެކު، މި ދުވަހުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އަންހެނުންގެ ޙިއްޞާނެތި ޤައުމެއް ކުރިއަކަށް ނުދާނެ ކަމުގައ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ މައިދާނެއްގައިވެސް، އަންހެނުން ޙަރަކާތްތެރިވާންޖެހޭ ކަމާއި، ޤައުމަށް ކުރިއަށް ދެވޭނީ އަންހެނުންނާއި ފިރހެނުން އެކީގައި މަސައްކަތް ކޮށްގެން، އެހީތެރިވެދީގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށްރަށް ސާފުކުރެއްވުމުގެ މަސައްކަތް ނުވަތަ އެހެންވެސް މަސައްކަތެއް އަންހެން ބޭކަނބަލުން ކުރެއްވުމާ ގުޅިގެން، އެކަނބަލުންނަށް ލިބިވަޑައިގަންނަވަންޖެހޭ މާލީ އެހީ ނުވަތަ އުޖޫރަ ބައެއް ރަށްރަށަށް ދެވިފައިނުވާކަން ފާހަގަކުރައްވަމުން، އިރާދަކުރެއްވިއްޔާ މިއަހަރު އެ ފައިސާ އެބޭފުޅުންނަށް ރައްދުކޮށްދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މިއަދު ފުނަދުއަށް ވަޑައިގަތުމުން، ފުނަދޫން ފެނިގެންދިޔައީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރުތަކެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުން މިހާރު ފެންނަމުންދަނީ، އެއްބައިވަންތަކަމަށްވުރެ ބައިބައިވުން އުފެދިފައިވާ މަންޒަރު ކަމަށާއި އެހެންނަމަވެސް، ފުނަދޫ ރައްޔިތުން ދެއްކެވީ، ވަރަށް ރިވެތި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ސިޔާސީ ކަންކަމުގައި އުޅޭ ވަކިބަޔަކު، ޤައުމުގެ އެއްވެސް މުއައްސަސާއެއް ޤަބޫލުނުކޮށް، ޤާނޫނެއް ގަވާއިދެއް ނެތް ކަމަށް ޤަބޫލުކޮށް، އަދި ޢަދުލު އިންޞާފު ޤާއިމު ކުރާނެ ބަޔަކު ނެތް ކަމަށް ޤަބޫލުކޮށް، އަމަންއަމާންކަން ޤާއިމުކުރާނެ ބަޔަކު ނެތް ކަމަށް އަދި ވެރިން ނެތް ކަމަށް ޤަބޫލުކޮށް، ޤާނޫނު ހަދާ މަޖީލީހެއް ނުހުޅުވައި، ދެން އަޅުގަނޑުމެންނަށް މި ދެވެނީ ކޮންތަނަކަށްތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިފަދަ އެއްވެސް ކަމެއް ނެތް ތަނެއްގައި އޮންނާނީ ޖަންގަލީގެ ޤާނޫނެވެ. މި ޤައުމުގައި އެދުވަސް އަންނާކަށް އަޅުގަނޑުމެންނަކަށް ތަނެއް ނުދެވޭނެއެވެ. މި ޤައުމުގައި ގިނައިން ތިބީ، މިފަދަ ހަލަބޮލިކަން ގެންނަން ބޭނުންނުވާ ޞުލްޙަވެރި، އެއްބައިވަންތަ، އުޚުއްވަތްތެރި އާބާދީތަކެވެ. އެހެންވީމާ، މިފަދަ ފުރުޞަތު ދިނުމަކީ، އެއީ، ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުނަދޫގައި އެއަރޕޯޓެއް ޤާއިމު ކުރެވޭނެ ގޮތެއް ހޯއްދަވާނެކަންވެސް ހާމަކުރެއްވިއެވެ.