ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ އެއީ، ޤައުމަށް ދިމާވެފައިވާ ސިޔާސީ ކަންކަމުގެ ތެރެއިން އަރައިގަނެ، ޤައުމުގައި ޞުލްޙަމަސްލަޙަތު ޤާއިމްކޮށް، ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީ ފޯކައިދުއަށް މިއަދު މެންދުރުފަހު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ، ހަމަ ހުރިހާ އެންމެން ގޮވައިގެން. އަޅުގަނޑު ކުލައަކަށް ނުބަލާނަން. އަޅުގަނޑު ޕާޓީއަކަށް ނުބަލާނަން. އަޅުގަނޑު ބަލާނީ ހުރިހާ އެންމެންނަކީވެސް ދިވެހި ރައްޔިތުންގެ ގޮތުގައި. އެހެންވީމާ، އެހުރިހާ ބޭފުޅުން ގޮވައިގެން ކުރިއަށްދާން އަޅުގަނޑު މިހިރީ ތައްޔާރަށް. އަޅުގަނޑު މަސައްކަތް ކުރާނީ، ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑު ބަސްނާހާ އުޅޭ ކުއްޖަކަށްނުވާނަން. އަޅުގަނޑު މަސައްކަތް ކުރާނީ، އަޅުގަނޑުގެ އެކުވެރިންނާއި، އަޅުގަނޑަށް ތާއީދުކުރާ ހުރިހާ ޕާޓީތަކާ އެކުގައި. އެބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދީގެން. އެބޭފުޅުންނަށް މަކަރުހަދާ މަކަރުވެރިއެއްގެ ގޮތަކަށް ނޫން. އަޅުގަނޑު މަސައްކަތް ކުރާނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު، ވީހާވެސް އިޚްލާޞްތެރިކަމާ އެކީގައި، ތިޔަބޭފުޅުންނަށްޓަކައި އަދާކުރެވޭތޯ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ .

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ކަންތައްތައް ކުރިއަށް ގެންދެވުމުގައި، ހަމަ އިންޗިއެއްވެސް ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރަކީ، ދިވެހިރާއްޖޭގެ ނުވަދިހަ ޕަސެންޓް ރައްޔިތުން ގަބޫލުކުރާ ސަރުކާރެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ފޯކައިދޫ ރައްޔިތުންނަށް ބޭނުންވެފައިވާ ބައެއް ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، މަސްވެރިންނަށް ފަސޭހައިން ދޯނި ބަނދަރުތެރެއަށް ވައްދައި ބޭއްވޭނެ ގޮތަކަށް ހެދުމަށްޓަކައި ސަރުކާރުން ވިސްނަވައި، މިކަމަށް ލުއިގޮތެއް ފެނޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ވީހާވެސް ގިނަ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމް ޤާއިމް ކުރުމަށްޓަކައި ސަރުކާރުން މަޝްރޫޢުތަކެއް ރާއްވަވާނެ ކަމުގައިވެސް ހާމަކުރެއްވިއެވެ.