ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ދެމެހެއްޓެވުމަށްޓަކައި ދައުލަތުގެ ފަރާތުން އަޅުއްވަންޖެހޭ ފިޔަވަޅު އެޅުއްވުމުގައި، ކުޑަކޮށްވެސް ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގައި، ފީވަކަށް ވަޑައިގެން، މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ހަމަ އެއްވެސް މީހަކު ޤާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ހިފައި ހައްޔަރެއް ނުކުރައްވާނެ ކަމާއި، ސަރުކާރުން ކުރައްވާ ކަންކަމާ އެއްބަސްނުވާ މީހުން ހައްޔަރު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓައި، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން މަސައްކަތް ކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވާނީ، ރައްޔިތުންނާ އެކުގައި، ރައްޔިތުން ބޭނުންވާ ކަންކަން ޙާޞިލްކޮށްދެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި އެރަށު ރައްޔިތުން ތަރައްޤީއަށްޓަކައި އެދޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން، މިއަހަރު އެރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ފެށޭތޯ ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ބޯފެނާއި ނަރުދަމާގެ ނިޒާމަކީ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ބޭނުންވެފައިވާ ނިޒާމެއް ކަމަށާއި، އެހެންކަމުން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި، މި ނިޒާމް ޤާއިމު ކުރެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓާއި އަދި ބޭރުގެ އެހީއާ އެކީގައި، މިކަންކަން ކުރެއްވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ، މިއަހަރު ހޯއްދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ފީވަކަށް ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ދެއްވި ހޫނު މަރުޙަބާއަށްޓަކައި، ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.