7 މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބޭފުޅުން ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސްޓޭޓް މިނިސްޓަރު ކަމަށް ޢައްޔަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ހަމަޖެއްސެވި މިނިސްޓްރީތައް މިދަންނަވަނީއެވެ.
1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ކަމަށް އައްޑޫސިޓީ ފޭދޫ އެވަރރެސްޓް އަލްފާޟިލް ޢިމާދު ޞާލިޙު.
2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމަށް އަލްފާޟިލް ހެންވޭރު އުލިގަމުގޭ ފުއާދު ޤާސިމް.
3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމަށް ހެންވޭރު މެރިންވިއު އަލްފާޟިލް އަޙްމަދު ޝަމީމް.
4. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމަށް ހެންވޭރު ދެނޫ އަލްއުސްތާޛާ މަރިޔަމް މިޒްނާ ޝަރީފް.
5. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ރޯޒްމާގޭ އަލްފާޟިލް ޢަބްދުﷲ އަމީން.
6. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް ކަމަށް މައްޗަންގޮޅީ ކިނބިގަސްދޮށުގޭ އަލްފާޟިލް މުޙަންމަދު ޣައްސާން މައުމޫން.
7. މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ކަމަށް އައްޑޫސިޓީ ފޭދޫ އިނގުރުމާގޭ އައްޝައިޚް މުޙަންމަދުދީދީ.
 
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، މިހުރިހާ ބޭފުޅުންވެސް، އެބޭފުޅުންގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ޚިދްމަތް ކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސްޓޭޓް މިނިސްޓަރުކަން ގަބޫލުފުޅު ކުރެއްވި ކަމަށްޓަކައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.