ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ޒަކާތު ފަންޑުން ސްކޮލަރޝިޕް ދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިގޮތުން، ސްކޮލަރޝިޕް ދެއްވުމަށް އެ ފަންޑުން 20 މިލިއަން ރުފިޔާ ޚަރަދު ކުރައްވާ ގޮތަށްވެސް ވަނީ ނިންމަވާފައެވެ. މިކަންކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންގެ ތެރެއިން އެ ފުރްޞަތު ލިބިފައިނުވާ ކުދިންނަށް ޒަކާތު ފަންޑުން އެ ފުރްޞަތު ތަނަވަސްކޮށްދިނުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިގޮތުން ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރްޞަތު ވަރަށް އަވަހަށް ހުޅުއްވާލެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.