ކިތަންމެ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް، މަގުޗާޓުގައިވާ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންފައިވަނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކަށް އެމަނިކުފާނު މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި މާޗް މަހުގެ 1 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ހުރަސްއެޅުމާ ގުޅިގެން، ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުން މަޑުޖެހިފައިވީ ނަމަވެސް، މިހާތަނަށް ބޭއްވެވި ބައްދަލުވުންތަކުން އެދެވޭ ނަތީޖާވަނީ ޙާޞިލްވާން ފަށާފައިކަން ފާހަގަކުރައްވާފައިވެއެވެ.

ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެވޭނީ، ޞުލްޙަވެރިކަމާއެކު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައި ވާހަކަ ދައްކަވައިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. މިގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި ފެށިގެން ކުރިއަށްދާ މަޝްވަރާތަކަކީ، މިއަދު ފެންނަމުންމިދާ ގޮންޖެހުންތައް ޙައްލުކުރުމުގައި، މުހިންމު ދައުރެއް އަދާކުރާނެ މަޝްވަރާތަކެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅުގައި، މަޝްވަރާ ބައްދަލުވުމުގައި ޕާޓީތަކުން މިހާތަނަށް އަދާކުރެއްވި ދައުރަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.