ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމުން އެކަމަށް މަރުޙަބާ ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ފޮނުއްވި މެސެޖަށް ޝުކުރުއަދާކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންފައިވާ މި ދަނޑިވަޅަކީ، ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރާއްޖެގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރަން ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މިކަން މިގޮތަށް ކުރެއްވުމަށްޓަކައި ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވާފައިވެއެވެ.

ދެޤައުމުގެ މެދުގައިވާ ގާތްގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލައްވައި، އިންޑިޔާއިން ރާއްޖެއަށް ވެދީފައިވާ އަދި ވެދެމުންގެންދާ އެހީތަކަށާއި އެއްބާރުލުމަށްޓަކައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައިވެއެވެ. ހަމައެއާއެކު، ރާއްޖެއަކީ ސާކްގެ މިހާރުގެ ޗެއަރ ކަމަށްވުމާއެކު، އެ މަސްއޫލިއްޔަތާއި ވާޖިބުތައް ރާއްޖެއިން ވީއެންމެ ރަނގަޅަކަށް އަދާކުރާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.