ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ބޭރު ޤައުމުތަކުގެ ވެރިން އެމަނިކުފާނުގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވައެވެ. ތަހުނިޔާ ފޮނުއްވި ބައެއް ބޭފުޅުންގެ ތެރޭގައި، ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާހާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާއި، ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑެވެޑޭވް ހިމެނިވަޑައިގަންނަވައެވެ.

ފަލަސްތީނުގެ ރައީސް ފޮނުއްވި މެސެޖްގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައިވެއެވެ. އަދި، ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް ފޮނުއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

ޑޮކްޓަރ މަންމޯހަން ސިންހް ފޮނުއްވި މެސެޖްގައި، އަމާން އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އިންޑިޔާގެ އެހީތެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި އިންޑިޔާއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތްކުރުމަށް އިންޑިޔާ ތައްޔާރަށް އޮތްކަންވެސް ހާމަކުރައްވާފައިވެއެވެ.

ރަޝީޔާގެ ރައީސް ޑިމިޓްރީ މެޑެވެޑޭވްގެ މެސެޖްގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައިވެސް ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

މި ބޭފުޅުންގެ އިތުރުން، ރާއްޖެއާ އެކުވެރި ބައެއް ޤައުމުތަކުގެ ސަފީރުންނާއި، އޮނަރަރީ ކޮންސަލުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާގެ މެސެޖް ފޮނުއްވަމުން އެބަ ގެންދަވައެވެ.