މަޖުބޫރުން ވެރިކަމުން ދުރުކުރުވީކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުމަކީ، އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިދިޔަ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ވެރިކަން ބަދަލުވިގޮތާ ބެހޭގޮތުން އަލްޖަޒީރާގެ "ވަން އޯ ވަން އީސްޓް" ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ނޫން ކަމަށާއި، އަމިއްލަފުޅަށް އިސްތޢުފާ ދެއްވުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި ޚިޔާލުފުޅު ބަދަލުވީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެއްވި ބަސްދީގަތުމުގައި، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލެވުނީ ގަދަބާރުން ކަމުގައިވާނަމަ، ރައީސް ނަޝީދު މިހާރު އުޅުއްވާހެން މިނިވަންކަމާއެކު ނޫޅުއްވޭނެކަން ފާހަގަކުރެއްވިއެވެ. އިސްތިޢުފާ ދެއްވުމުގެ ކުރިން، ރައީސް ނަޝީދަށް އިސްތިޢުފާ ދެއްވަން މަޖުބޫރު ކުރުވީކަމަށް ވިދާޅުވިނަމަ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވެވަޑައިނުގެންނެވީސް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަސްދީގަތުމުގައި މި ހިނގާދިޔަ ކަންކަމުގެ މިނިވަން ތަޙްޤީޤަކަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމް ކުރެއްވުމަށް ދެއްވާ އަހަންމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޝަރުޢީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި، މިއީ ޑިމޮކްރެސީ ޤާއިމްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކެއް ކަމަށެވެ. އަދި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ކާމިޔާބުކަމާއެކު ޤާއިމް ކުރެވޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.