ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމަނިކުފާނުގެ ދުސްތޫރީ ޒިންމާ، ޞުލްޙަވެރިކަމާއި، އޮމާންކަމާއެކީގައި ކުރިއަށް ގެންދެވުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވެވުމަށް ވަޑައިގަތުމުގެ ކުރީގައިވެސް މަސައްކަތްޕުޅު ކުރެއްވި ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ޑޮކްޓަރ ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ޑޮކްޓަރ ޙަސަން ސަޢީދު ވިދާޅުވީ، އޯލް ޕާޓީ ޓޯކްސްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، ކަންތައްތައް ކުރިއަށް ގެންދާނެ އިންތިޒާމެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާވެސް ރޭގެ ވަގުތެއްގައި ބައްދަލުކުރައްވައިގެންވެސް މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. ހަމައެހެންމެ، އެނޫންވެސް ނުސީދާ ގޮތްގޮތުން، އެމަނިކުފާނުގެ ދުސްތޫރީ ވާޖިބު ޞުލްޙަވެރިކަމާއެކީގައި އަދާކުރެއްވޭތޯ ބެއްލެވި ކަމުގައި ވިދާޅުވިއެވެ.

ޑޮކްޓަރ ޙަސަން ސަޢީދުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު މަޖިލީހަށް ވަޑައިގަތުމަށްފަހު، މި ގޮންޖެހުންތައް ކުރިމަތިވެވަޑައިގަތުމުން، އަނެއްކާވެސް ޞުލްޙަވެރިކަމާއެކު މިކަން ގެންދެވޭނެ އިންތިޒާމްތަކެއް އޮތްތޯ މަސައްކަތްޕުޅު ކުރެއްވިކަން ހާމަކުރެއްވިއެވެ. އެގޮތުން، އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، އެމް.ޑީ.ޕީ.ގެ މެންބަރުންނާ ބައްދަލުކުރެއްވި ކަމުގައި ޑޮކްޓަރ ޙަސަން ސަޢީދު ވިދާޅުވިއެވެ. އަވަސް އިންތިޚާބެއް ބާއްވާނެ ތާރީޚެއް، ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކައިގެން ޙައްލު ކުރުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރުހުން އޮތްކަމަށް ޑޮކްޓަރ ޙަސަން ވިދާޅުވިއެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންކޮޅެއް، ތަހުޒީބީ މުޖްތަމަޢު ލަދުގަންނަފަދަ ދަށުދަރަޖައަކަށް ޢަމަލުތައް ހިންގަވައި، ޤައުމުގެ ޑިމޮކްރަސީގެ ޅަފަތުގައި، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރެއްވި މަންޒަރުކަން ޑޮކްޓަރ ޙަސަން ސަޢީދު ހާމަކުރެއްވިއެވެ. އަދި ދުނިޔެއަށާއި ދިވެހިންނަށާއި، އަޅުގަނޑުމެންގެ ޅަކުދިންނަށް ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކަވަން ތިއްބެވި ބޭބޭފުޅުން އިސްވެ ތިއްބަވައިގެން، ޑިމޮކްރަސީގެ އެންމެ ނާތަހުޒީބީ މިސާލުތައް، އެބޭފުޅުން ދެއްކެވުމަކީ، ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދާއި، އެޓަރނީޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރުވެސް ވާހަކަފުޅު ދެއްކެވިއެވެ.

ޑޮކްޓަރ ޖަމީލް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަކީ، މަޝްވަރާގެ މަތިވެރި އުޞޫލަށް ޖާގަދެއްވައި، މައްސަލަތައް ޙައްލުކުރެއްވުމަށް ބާރުއަޅުއްވާ ބޭފުޅެއްކަމާއި، ރާއްޖޭގެ ވާދަވެރި ސިޔާސީ މާޙައުލުގައި، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާ އެކީގައި މަސައްކަތްޕުޅު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ބޭފުޅެއްކަން، އެމަނިކުފާނު ކުރިންވެސް ވަނީ ދައްކަވާފައި ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމް.ޑީ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ދެއްކެވި މަންޒަރަކީ، ޙަޤީޤަތުގައި ރާއްޖޭގެ ދުސްތޫރީ އަދި ބަރުލަމާނީ ޙަޔާތުގައި، ވަރަށް އަނދިރި ކަޅު ޞަފްޙާއެއްގެ ގޮތުގައި ސިފަވެގެންދާ މަންޒަރެއް ކަމުގައި ވިދާޅުވިއެވެ. ޑޮކްޓަރ ޖަމީލް ވިދާޅުވީ، އެފަދަ ނުތަނަވަސް މާޙައުލެއްގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ ޢަމަލުފުޅުތައް ބެހެއްޓެވީ، ރައްޔިތުންނާ ދޭތެރޭގައި ވަރަށް އޯގާތެރިކަމާއި އިޙްތިރާމާ އެކީގައި މަސައްކަތްޕުޅު ކުރެއްވުމުގެ މަތިވެރި ރޫޙުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
އެޓަރނީޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ނުފެށޭހާ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ވާޖިބު ފެށޭ ހިސާބަށް ނުދާކަން ފާހަގަކުރައްވާ ކަމަށާއި، އެހެން ނަމަވެސް، މިހާ ހިސާބަށް ދަންދެންވެސް، ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދުސްތޫރީ ވާޖިބު ވަރަށް ސާބިތުކަމާ އެކީގައި އަދާކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު ހުރިހާ ކަމެއްވެސް ހިނގާދިޔައީ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކަމަށާއި، މުޅި ދައުލަތް އެއްކޮށް ހުއްޓުމަކަށް ގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ކިތައް މެންބަރުންކަން އަޅުގަނޑުމެންނަށް އެނގޭ ކަމުގައި ވިދާޅުވިއެވެ. ޢާޒިމާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުންނެވީ، ސާބިތުކަމާ އެކީގައި، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި، އެއްވެސް ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، ޤާނޫނުއަސާސީގެ ހުރިހާ އިންތަކަކަށް އެމަނިކުފާނު އިޙްތިރާމް ކުރައްވާނެ ކަމަށެވެ. އަދި މިއަދު ފެނިގެން މިދިޔައީ، އެކަމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.