ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ މަޢުލޫމާތު، އިންޑިޔާގެ ފޮރިން ސެކްރެޓަރީ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު ރަނގަޅު ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްވެސް ގުޅިގެން މަސައްކަތް ކުރަމުން ގެންދެވުމަށް ފޮރިން ސެކްރެޓަރީ މަތާއީގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ރަނގަޅު ކުރުމަށް އިންޑިޔާ ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިހާތަނަށްވެސް އިންޑިޔާ ސަރުކާރުން ކޮށްދެއްވަމުން ގެންދެވި މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.