ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ބްރޫސް ލެވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކެނެޑާއާ ދެމެދު ތަރައްޤީގެ އެކިދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުންނާއި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޞްރަހާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންތިޚާބެއް ބޭއްވުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށާއި، އެހެންނަމަވެސް އެކަން ކުރެވެން އޮތީ ޤާނޫނީ ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ އަމަންއަމާންކަން ޤާއިމުކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

ކެނެޑާ ސަފީރުގެ ވާހަކަފުޅުގައި، މައްސަލަތައް ޙައްލުކުރެއްވުމަށް ހުރިހާ ފަރާތްތަކުންވެސް މަޝްވަރާ ކުރުން އިސްކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.