بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

ހުރިހާ ޙަމްދަކާއި ޘަނާއަކާއި ޝުކުރެއް ޙައްޤުވެގެންވަނީ، ހަމަ އެންމެ ފަރާތަކަށް. اللّـه سبحـانـه وتعـالى އަށް. ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ފާޅުކުރައްވައި، މި ރާއްޖެއަކީ އިސްލާމީ ޤައުމެއް ގޮތުގައި ގެނެސްދެއްވި ކަމަށްޓަކައި، އެކަލާނގެއަށް ޙަމްދާއި ޝުކުރުކުރަން. ދިވެހިރާއްޖޭގައި ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހި އާދަކާދަތަކާއި، ދިވެހިވަންތަކަން މިހާތަނަށް ގެނެސްދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! ރާއްޖޭގެ އެކިކަންކޮޅުތަކުން މިއަދު ތިޔަބޭފުޅުން މިތަނަށް ވަޑައިގެން ތިޔަ ތިއްބެވީ ކީއްވެތޯ؟ މިއަދު ތިބޭފުޅުން ތިވަޑައިގަތީ، މި ޤައުމުދެކެ ލޯބިވާތީ. މި ޤައުމުދެކެ ލޯބިވާތީ. މިޤައުމުދެކެ ލޯބިން. ދިވެހިރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމަށްޓަކައި. މި ޤައުމުދެކެ ލޯބިވާތީ، ދިވެހިރާއްޖޭގެ އާދަކާދަތަކާއި ޤައުމިއްޔަތު ދެމެހެއްޓުމަށްޓަކައި. މި ޤައުމުދެކެ ލޯބިވާތީ، މި ޤައުމުގައި ފިތުނަފަސާދަ ނައްތާލުމަށްޓަކައި. ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަކަށް ފިތުނަފަސާދައަކަށް ތަނެއް ނުދެވޭނެ. ދިވެހިރާއްޖެދެކެ ލޯބިވާ އެއްވެސް މީހަކު، ރާއްޖޭގައި ފިތުނަފަސާދައެއް ނުއުފައްދާނެ. މިޤައުމުދެކެ ލޯބިވާ އެއްވެސް މީހަކު، ރާއްޖޭގެ ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ، ތަންތަން ހަލާކުކޮށް، ސުންނާފަތި ނުކުރާނެ. މިޤައުމުގައި އެފަދަ މީހުންނަކަށް ތަނެއްނެތް. މި ބިމުގައި، ދިވެހިރާއްޖޭގައި ފިތުނަފަސާދަ އުފައްދާ މީހުންނަކަށް ތަނެއް ނެތް. އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކީގައި. ދިވެހި ރާއްޖޭގެ ދިފާއުގައި، އިސްލާމްދީނުގެ ޙިމާޔަތުގައި، ދިވެހި ޤައުމިއްޔަތުގެ ޙިމާޔަތުގައި. އަޅުގަނޑުމެންގެ އެންމެފަހު ލޭކޮޅަށް ދާންދެން އަޅުގަނޑުމެން ތިބޭނީ، މި ރާއްޖޭގެ ދިފާޢުގައި. އަޅުގަނޑުމެން ބިރެއްނުގަނޭ ޝަހީދުވާކަށް. އަޅުގަނޑުމެން ބިރެއްނުގަނޭ، އަޅުގަނޑުމެންނާ ދިމާލަށް އަންނަ ދުޝްމަނުންނަކަށް. ދިވެހިރާއްޖޭގެ ދުޝްމަނުންނާ ޢުދުވާނުން، މި ދިވެހިރާއްޖޭގެ ރީތި ނަން ހަލާކު ކުރުމަށްޓަކައި، ދުނިޔޭގެ އެކި ތަންތަނުގައި، މި ރާއްޖެއާ ބެހޭގޮތުން ބަދުނާމު ވާހަކަތައް ދައްކަމުންދާކަން އެއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. މިއަދު ޙަޤީޤީ ބާޣީންނަކީ އެއީ. ދިވެހިރާއްޖޭގެ ޞިނާޢަތް ފުނޑުފުނޑުކޮށްލުމަށްޓަކައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުނޑާލުމަށްޓަކައި، ރާއްޖޭގެ ވާހަކަ ބަދުނާމުކޮށް ދުނިޔޭގެ އެތަންމިތަނުގައި ފަތުރަމުންދާ މީހުންނަކީ، މި ޤައުމުގެ ދުޝްމަނުން. އެފަދަ މީހުންނަކަށް މި ރާއްޖެއަކު ތަނެއް ނެތް.

ހިތްވަރު ކުރައްވާ ތިބޭފުޅުން. މިއަދަކީ އިސްތިޢުމާރީ ދުވަސްވަރެއް ނޫން. މިއަދަކު މި ރާއްޖެއަކަށް ބޭރުގެ ޤައުމުތަކަކުން ނުފޫޒެއް ނުފޯރުވޭނެ. މިއަދު އަޅުގަނޑުމެންގެ އަމިއްލަ އިސްތިޤްލާލާއި، އަޅުގަނޑުމެންގެ ސިޔާދަތު ދަމަހައްޓާނީ، ވަރަށްކެރި ތިބެގެން. ހިތްވަރު ކުރައްވާ. އަޅުގަނޑުމެން ހަމަ އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން. މިއަދު ރާއްޖެއަށް އައިސްފައިވާ މިބަދަލަކީ اللّـه سبحـانـه وتعـالى މިންވަރު ކުރެއްވި ގޮތް. މިއަކީ އެކަކު ދެމީހަކު މަގު މައްޗަށް ނުކުމެގެން ކުރި ކަމެއް ނޫން. މިއަކީ އެއްވެސް މީހަކު އިންތިޒާރު ކޮށްގެން ތިބި ކަމެއްވެސް ނޫން. ދުށް ދުވަހެއްވެސް ނޫން. މިއަދު މިބަދަލު އައިސްފައި މިވަނީ اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގައި އިސްލާމްދީން ދެމެހެއްޓެވުމަށާއި ދިވެހިންގެ ރިވެތި އާދަކާދަތައް ދެމެހެއްޓެވުމަށް މިންވަރު ކުރެއްވީތީ.

ހިތްވަރު ކުރައްވާ. މިއަދު ތިބޭފުޅުންނަކީ ޤައުމުދެކެ ލޯބިވާ މުޖާހިދުން. މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ ނުރައްކަލަކުން އިރާދަކުރެއްވިއްޔާ، ސާބިތުކަމާއެކީގައި އަޅުގަނޑުމެން ސަލާމަތްވާނެ. މިއަދު އަޅުގަނޑުމެންގެ ސަރުކާރަކީ، ރައްޔިތުންނަށް އޯގާވެރި، ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންނަށް އިންޞާފާއި ޢަދުލުވެރިކަން ގެނެސްދޭނެ ސަރުކާރެއް. ދިވެހި ރައްޔިތުންނާއި ދިވެހި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޙައްޤުތައް ލިބިދިނުމުގައި، ކުރެވެންހުރި ހުރިހާ މަސައްކަތެއް، މި ސަރުކާރުން ކުރާނެ. ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ރައްޔިތުންނަށް ޞިއްޙީ ފަރުވާއާއި، ފެންވަރު ރަނގަޅު ތަޢުލީމު ދިނުމަކީ، ކޮންމެ ސަރުކާރެއްގެވެސް ވާޖިބެއް. އެކަން އަޅުގަނޑުމެންވެސް ހަމަ ކުރާނަން.

ހިތްވަރު ކުރައްވާ. އެއްގޮތަކަށްވެސް ޖެހިލުންވެ ވަޑައިނުގަންނަވާ. އެއްގޮތަކަށްވެސް ގުޑިނުލައްވާ. އަޅުގަނޑުމެން މިތިބީ ފުރިފައި. އަޅުގަނޑުމެން މިތިބީ ކެރިގެން. އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކީގައި. ދިވެހިރާއްޖޭގައި ފިތުނަފަސާދަ އުފައްދަން އުޅޭ ދެތިން މީހަކަށް، އަޅުގަނޑުމެންނެއް ނުގުޑާނެ. ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން، ތިޔަ ހުރިހާ ބޭފުޅުން، މިތާނގައި މި ތިއްބަވާ ތަން ފެނުނީމާ މޭ ކަރާނެ. ތިޔަބޭފުޅުންގެ އެހީއާ އެކީގައި اللّـه سبحـانـه وتعـالى ގެ ވާގިފުޅާ އެކުގައި، ތިޔަބޭފުޅުންގެ އެހީއާ އެކީގައި މިޤައުމު ދާނީ އަދިވެސް ކުރިއަށް. އަޅުގަނޑުމެންގެ މި ވެރިކަން ވާނީ ޤާނޫނީ ވެރިކަމަކަށް. އަޅުގަނޑުމެން މިތިބީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓަން. ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައިގެން. އަޅުގަނޑުމެން މިތިބީ، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފް ޤާއިމް ކުރުމަށްޓަކައި ކެރިގެން. އަޅުގަނޑުމެން މިތިބީ، އަޅުގަނޑުމެން ޑިމޮކްރަސީގެ މަގުގައި ފެށި ދަތުރުގައި ކުރިއަށް ދާން ވަރަށް ސާބިތުކަމާ އެކީގައި. އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި. ކެރިގެން ތިއްބަވާތި. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ އެކީގައި. ތިޔަބޭފުޅުންގެ ޢަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެ ހިނދަކު، އަޅުގަނޑުމެން ޢަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ.

އަޅުގަނޑު ޚާއްޞަގޮތެއްގައި، ވަރަށް ބުރަ އުފުއްލަވައިގެން ވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަކިން ޚާއްޞަކޮށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، އަންހެން ބޭފުޅުން، އަތޮޅުތެރެއިން ވަރަށް ބުރަ މަސައްކަތެއް ކުރައްވައި، މާލެ ވަޑައިގެން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ތާއީދު ތިޔަ ތަމްސީލު ކޮށްދެއްވިކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިފަދަ ބޮޑު އެއްވުމެއް ރޭއްވެވި ކަމަށްޓަކައި، މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް، ރޭއްވެވުމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް އަދި މިކަމުގައި އެކި ގޮތްގޮތުން އެހީތެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. ޤައުމުދެކެ ލޯބިން ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަށް އަބަދުގެ އަބަދަށް އިސްލާމްދީނުގެ ނޫރުން އަލިކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ލިބިގެންވާ ބަޔަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންގެ ހިތްތަކުގައި، އުޚުވަތްތެރިކަން އުފައްދަވައި، އެއްބައިވަންތަ ކަމާއި، އެއްބައެއްވަންތަކަން އަށަގެންނެވުން. އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަކީ ފާގަތި، އަމާން އޮމާން ތަނެއް ކަމުގައި ލެހެއްޓެވުން. މާތްﷲ ދިވެހިންނަށް ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.