ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދިޔަކަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫސިޓީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގައި ތިއްބެވި ސިފައިންނާ ފުލުހުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަމުގައި ހުންނަ ސަދަން ކޮމާންޑްގައި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނަށާއި، ސިފައިންނަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ، ޤާނޫނާ ޚިލާފު ކަމެއްކުރަން ވިދާޅުނުވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

"މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރަކީ، އެއީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ފެނިގެންދާންޖެހޭނެ މަންޒަރެއް ނޫން. އަދި އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ދުވަހަކުވެސް އިރާދަކުރެއްވިއްޔާ، މި ރާއްޖޭގައި ރާއްޖޭގެ ފުލުހުންނަށާއި ސިފައިންނަށް، އެބާވަތުގެ ކަންތައްތަކެއް ކުރިމަތިވެގެންނުދާނެ ކަމަށް އަޅުގަނޑު އުންމީދުކޮށް ދުޢާ ދަންނަވަން"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންގެ ޤައުމީ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން، އެބޭފުޅުންނަކީ ވަރަށް ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެއީ މިޤައުމުގެ ޒުވާނުންގެ ތެރޭގައި ހިމެނޭ ތަޢުލީމީ، ތަޖްރިބާކާރު، އެންމެ ކެރޭ ބޭފުޅުން ކަމުގައިވެސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމުގެ ޚިދްމަތުގައި، ޤައުމުގެ ދިފާޢުގައި އެބޭފުޅުން އެކުރައްވާ އުނދަގޫ މަސައްކަތް އަޅުގަނޑުމެން ވަރަށް އިޙްތިރާމާ އެކީގައި ބަލައިގަންނަ ކަމަށާއި، އެބޭފުޅުންގެ އެ ޚިދްމަތްތަކާ ދޭތެރޭގައި، ދިވެހި ޤައުމުގެ އެއްވެސް ރައްޔިތަކު، ޝައްކުކުރާނެ ކަމަށް ހީފުޅުނުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ގަމުން، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ މަރަދޫފޭދުއަށާއި މަރަދުއަށެވެ. އެ ދެ ރަށަށް ވަޑައިގެން، އެ ދެރަށުގެ ކޯޓް ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެތަންތަނަށް މިމަހުގެ 8 ވަނަ ދުވަހު ދީފައިވާ ގެއްލުންތައް ބައްލަވާލެއްވިއެވެ.